ޔުނައިޓެޑް އެރެބް އެމިރެޓްސްގައި މޮލްޑޯވާއަށް ނިސްބަތްކުރެވޭ ޔަހޫދީންގެ ރަބާއީ ޒުވީ ކޯގަން މަރާލި ކަމުގެ ތުހުމަތު ކުރެވޭ އުޒުބަކިސްތާނުގެ 3 މީހަކު ތުރުކީގެ އެއަރޕޯރޓަކުން އެތެރެވުމަށްފަހު ޓެކްސީއަކަށް އަރަން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފިކަމަށް އެގައުމުގެ ނޫހަކަށް ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސް އިން އިއްޔެ ބުނެފިއެވެ. ތުރުކީގެ ސަލާމަތީ ބާރުތަކުން ގެންދިޔައީ އެ 3 މީހުން ދަތުރުކުރި ފްލައިޓް ދެނެގަތުމަށްފަހު އެމީހުން އެ ގައުމަށް އެތެރެވަންދެން ފާރަލަމުން ކަމުގައި ތުރުކީގެ ހުއްރިއްޔަތު އަދި ސަބާހް ނިއުސް ޕޭޕަރުން ބުނެފައި ވެއެވެ. އަދި އެ 3 މީހުން ވަނީ ހައްޔަރުކުރުމަށްފަހު ހަމަވަގުތުން އެމިރެޓްސްއަށް ފޮނުވާލާފައެވެ.
އުމެރުން 28 އަހަރުގެ ރަބާއީ ޒުވީ ކޯގަން އެންމެފަހުން ފެނިފައިވަނީ މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ދުބާއިގައި ހުންނަ އިސްރާއީލުގެ ގްރޮސަރީ ފިހާރައަކުންނެވެ. އެމިރޭޓްސް އާއި އިސްރާއީލުން 2020 ވަނައަހަރު ސިޔާސީ ގުޅުން ގާއިމްކުރުމަށްފަހު ގިނަ އަދަދެއްގެ ޔަހޫދީ ގެންދަނީ ބާޒާރުކޮށްލުމަށްއި އުފާކޮށްލަން އެމިރޭޓްސް އަށް ދަތުރުކުރަމުންނެވެ.
ތުރުކީއިން ދެއްކި އެއްބައިވަންތަކަމަށް އެމިރޭޓްސްގެ ޚާރިޖިއްޔާއިން ޝުކުރު އަދާ ކޮށްފައި ވެއެވެ.
ކޯގަން މަރާލި މައްސަލައިގެ ތަހްގީގުގައި އުޒުބަކިސްތާނުގެ ފުރިހަމަ އެއްބާރުލުން އެމިރޭޓްސް އަށާއި އަދި އިސްރާއީލަށް ލިބިގެންދާނެކަމަށް އެ ގައުމުގެ ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.
1970 ގެ އަހަރުތެރޭގައި ލައްކައެއްހާ ޔަހޫދީން އުޒުބަކިސްތާނުގައި ދިރިއުޅެމުން ގެންދިޔައެވެ. އެހެންނަމަވެސް މިހާރު އެ ގައުމުގައި ޔަހޫދީންގެ އާބާދީ އަކީ ހަމައެކަނި އެއް ޕަރސެންޓްކަމަށް ބުނެވެއެވެ. އުޒުބަކިސްތާނަކީ ނަސްލީ ތަފާތު ކުރުން ވަރަށްކުޑަ އަދި އެގައުމުގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އެއްބައެއްވަންތަކަން ވަރަށްބޮޑަށް ދަމަހައްޓަމުން ގެންދާ ގައުމެކޭ ބުނެވެއެވެ.
2011 ވަނައަހަރު އަރަބި ގައުމުތަކުގެ ސަރުކާރުތަކާއި ދެކޮޅަށް ރައްޔިތުންގެ ކިބައިގާ އުފަންވެގެންއައި އިދިކޮޅު ހަރަކާތްތަކާ ގުޅިގެން ތުރުކީއާއި އެމިރޭޓްސް ގުޅުންވެސް ހީނަރުވެގެން ދިއުމަށްފަހު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އަދި މިދިޔަ އަންގާރަ ދުވަހު ދުބާއި ގައި ބޭއްވުނު “ ދުނިޔޭގެ އަންހެނުންގެ ފޯރަމްގައި “ ވާހަކަ ދެއްކުމުގެ ފުރުސަތު ތުރުކީގެ މަހާރެހެންދި އެމިނޭ އުރުދުޣާން އަށް ލިބިގެން ދިޔައެވެ.
ރަބާއީ ކޯގަން މަރާލުމު ޚަބަރުތައް އާންމު ވުމާއެކު ހުޅަނގުގެ ވެރިންނާއި އަދި ހުޅަނގަށް ލެނބިފައިވާ މީޑިއާތަކުގެ އިނގިލި އެންމެ ފުރަތަމަވެސް އަމާޒުވެގެން ދިޔައީ އީރާނަށެވެ. ކޯގަން މަރާލުމުގައި އީރާނުގެ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނަމުން ގެންދާއިރުވެސް “ އެއީ ހަމަ ކަލޭމެން ކުރިކަމެކޭ ބުނާކަހަލައެވެ.“ އިސްރާއީލުގެ ބޮޑުވަޒީރު ކަނޑައެޅިގެން އިޜާނުގެ ނަން ބުނުމަކާ ނުލައި ބުނެފައިވަނީ ކޯގަން މަރާލުމުގައި ޢީރާނުގެ “ އެކްސިސް އޮފް އީވިލް “ ގެ އަތެއް ވާނެ ކަމަށެވެ. އީރާނުގެ މަދަދު ލިބެމުންދާ އެކްސިސް އޮފް ރެޒިސްޓޭންސަށް އެމެރިކާގެ ކުރީގެ ރައީސް ޖޯރޖް ޑަބްލިއޫ ބުޝް އާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މަލާމާތުގެ ގޮތުގައި ބޭނުންކުރަނީ އެކްސިސް އޮފް އީވިލް މި ނަމެވެ.
އެމިރޭޓްސްގެ ރަސްމީ މީޑިއާ ޑަބްލިޔޫ އޭ އެމް ( ވަކާލަތު އަންބާއު އަލްއިމާރާތު ) އިން އެ 3 މީހުންގެ ކަނުބަނދެފައިވާ ފޮޓޯ ވަނީ ދައްކާފައެވެ. އަދި އެ 3 މީހުންނަކީ އުމުރުން 28 އަހަރުގެ އޮލިމްބޯއި ތާހިރުވޮޗް އާއި 28 އަހަރުގެ މަހްމޫދިއަން އަބްދުއްރަހީމް އާއި 33 އަހަރުގެ އަޒީޒްބެކް ކަމިލޯވިޗް ކަމަށްވެސް ބުނެފައި ވެއެވެ.
މިހާތަނަށްލިބިފައިވާ ޚަބަރުތަކަށް ބަލާއިރު އެ 3 މީހުންނަށް ގަނޫނީ ވަކީލެއް ހަމަޖެހިފައިވާކަމާއި ނުވަތަ އެމިރޭޓްސްގައި ހުރި އުޒްބަކިސްތާން އެމްބަސީގެ އެއްވެސް އެހީތެރިކަމެއް ލިބިފައިވާކަން ހާމަވެފައެއް ނެތެވެ. މިކަމާގުޅޭ ގޮތުން އެމިރެޓްސްގައި ހުރި އުޒުބަކިސްތާނުގެ އެމްބަސީއާ ގުޅުމުން މިހާތަނަށް ޖަވާބެއް ލިބިފައި ނުވާކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައި ވެއެވެ.