ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓުތައް ގަނެފައިވާ ފަރާތްތަކަށް ކާރު ޕާކު ކުރުމަށް ބީލަމުގެ އުސޫލުން ޖާގަ ދޫކުރަން ނިންމައިފިއެވެ.
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ 76 ޖާގަ ދޫކުރަނީ ވިނަރެސް އިމާރާތުގެ ތެރެއިން ކަމަށާއި ބާކީ 78 ޖާގަ ދޫކުރަނީ އިމާރާތުގެ ބޭރުން ކަމަށެވެ.
އެގޮތުން މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ކާރު ޕާކިން ގަތުމަށް އެދި ހުށަހަޅަންޖެހޭނީ އޮންލައިންކޮށް ކަމަށާއި އިންވެސްޓާ ރެޖިސްޓްރޭޝަން އަދި ޕްރޮޖެކްޓު ރެޖިސްޓްރޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ޑިސެންބަރު ފަހެއްގެ ނިޔަލަށް އެޗްޑީސީން ހުޅުވާލައިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ ކޮންމެ ފަރާތަކަށް ވެސް ދޫކުރެވޭނީ އެންމެ ޕާކިން ޖާގައެއް ކަމަށާއި އަދި އެ ޖާގަ ހަމަޖެހޭނީ ފްލެޓު އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ޖާގައެއްގެ ގޮތުގައި ކަމަށެވެ.
އަދި މި ޖާގަތަކަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ވިނަރެސް މަޝްރޫއިން ފްލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކަންޓް ކަމުގައިވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޑިސެންބަރު ފަހެއްގެ ނިޔަލަށް އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަންޖެހި، އެ ފައިސާ ނުދައްކާވާ ފަރާތަކަށް މި ޖާގަތަކަށް ކުރިމަތި ނުލެވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
ހަމައެހެންމެ އިމާރާތުން ދޫކުރާ ޕާކިން ޖާގަތަކަކީ ބީލަމުގެ އުސޫލުން ވިއްކާ ޖާގަތަކެއް ކަމަށާއު މި ޖާގަތަކުގެ ބީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 650،000 ރުފިޔާ ކަމަށެވެ.މިގޮތުން މި ޖާގަ ގަންނަ ފަރާތްތަކަށް އެ ތަނުގައި ކާރު ރެޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. އަދި ބީލަމުގެ ޖުމްލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ހާމަކުރެއެވެ.
މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ އިމާރާތުގެ ބޭރުން ދޫކުރާ ޖާގަތަކަކީ ބީލަމުގެ އުސޫލުން ކުއްޔަށްދޭ ޖާގަތަކެއް ކަމަށާއި މި ޖާގަތަކުގެ ބީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2،000 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުނުން ހާމަކުރެއެވެ. ފަސް އަހަރުގެ މުއްދަތަށް މި ޖާގަ ކުއްޔަށް ދޭއިރު ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ތިން މަހުގެ ކުލީގެ ފައިސާ ދެއްކުމަށް ހަތް ދުވަސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ މިކަމާ ގުޅޭ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކަމަށެވެ.