ފާއިތުވި 24 ގަޑިއިރު އިސްރާއީލު ސިފައިން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 24 މީހަކު ޝަހީދުވެ، 71 މީހަކު ޒަހަމްކޮށްލާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މިކަންހާމަކޮށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި އަދި ޒަހަމްވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު އިއުލާންކޮށްފައެވެ.
އެގޮތުން އެ މިނިސްޓްރީން ބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 44،235 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ޒަޚަމްވި ފަލަސްތީނުގެ މީހުންގެ ޖުމްލަ އަދަދަކީ 104،638 ކަމަށެވެ.
މީގެ އިތުރުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 24 މީހުން ޝަހީދުވެ 71 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.