އިމްރާން ޚާންގެ ސަޕޯޓަރުން ބޮޑު އެއްވުމެއް ބާއްވައިފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގެ އިދިކޮޅު ލީޑަރ އިމްރާން ޚާންގެ އެތައް ހާސް ސަޕޯޓަރުން ވެރިރަށް އިސްލާމް އާބާދުގައި އެއްވެ، އިމްރާން ޚާން ދޫކޮށްލުމަށް ގޮވާލާ އަޑު އުފުލައިފިއެވެ.

އޭގެ ކުރިން ސަރުކާރުން އޮތީ ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ.

އިމްރާން ޚާންގެ ސަޕޯޓަރުން ދަނީ ފެބްރުއަރީ މަހު ބޭއްވި އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ބުނަމުންނެވެ. އަދި ނަތިޖާ ބަދަލު ކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަނީ އިންތިޚާބުގެ ނަތީޖާ ރަނގަޅު ކަމުގައެވެ.

ތަފާތު އެތައް މައްސަލަތަކެއްގައި ދައުވާކޮށް އިމްރާން ޚާން ޖަލަށްލާފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ނަމަވެސް އޭނާގެ މަގުބޫލުކަން ޕާކިސްތާންގައި ދަނީ އިތުރުވަމުންނެވެ.

ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ބީބީ ވިދާޅުވީ ސަޕޯޓަރުންގެ ހިނގާލުންތައް އިމްރާން މިނިވަން ވަންދެން ކުރިޔަށް ގެންދާނެ ކަމުގައެވެ.

އެންމެ ފަހުގެ ގޮވާލެއްވުން ކަމަށް ވިދާޅުވެ، އިމްރާން ޚާން ވަނީ އެމީހުން އެދޭ ކަންތައް ހާސިލުވަންދެން ވެރިރަށުގެ މަގުތައް ދޫކޮށް ސަޕޯޓަރުން ގެޔަށް ނުވަނުމަށް އެދިވަޑައިގެންފައެވެ.

ސަރުކާރުން ވަނީ އެއްވުންތައް މަނާކޮށްފައި ކަމުން އިމްރާން ޚާންގެ ސަޕޯޓަރުންނާ ފުލުހުންނާދެމެދު ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ. ފުލުހުން ވަނީ މަގުތައް ބަންދު ކުރުމަށް ޝިޕިންގ ކޮންޓެއިނަރުތައް ފަދަ އެއްޗެތި ބަހައްޓާފައެވެ. އަދި ސަރުކާރުން ވަނީ އިންޓަރނެޓް ސަރވިސް ވެސް ކަނޑާލާފައެވެ.

އިމްރާން ޚާންގެ ޕާޓީ ތަހްރީކޭ އިންސާފްގެ މެމްބަރުން ބުނާ ގޮތުގައި ފުލުހުން ދަނީ އެމީހުންނާ ދެކޮޅަށް ކަރުނަ ގޭސް ވެސް ބޭނުން ކުރަމުންނެވެ. އަނެއް ކޮޅުން ފުލުހުން ބުނަނީ ޕާޓީ ސަޕޯޓަރުން ގާއުކަމުން ދިއުމުގެ ސަބަބުން 14 ފުލުހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

ޕާކިސްތާންގެ ހަމަނުޖެހުމާއި ގުޅިގެން 139 މިހުން ވަނީ ހައްޔަރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް