އީރާނުން ރަޝިޔާއަށް ދީފައި ހުރި މިސައިލްތަކުން ޔޫކްރެއިން ސިފައިންގެ ކުރީ ސަފަށް ބޮޑެތި ނުރައްކާ ކުރިމަތިވެދާނެކަމަށް މިލިޓްރީ ތަޖުރިބާކާރުން ހާމަކޮށްފިއެވެ.
އެމެރިކާއިން ބުނެފައިވާ ގޮތުގައި އީރާނުން ރަޝިޔާއަށް ދީފައިހުރި އަގުހެޔޮ ކުރުރާސްތާ ބެލިސްޓިކް މިސައިލްތަކަކީ ޔޫކްރެއިން ސިފައިންގެ ކުރީ ސަފުތަކުން ވަރަށްބޮޑެތި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ހަތިޔާރެކެވެ. އަދި އޭގެ ސަބަބުން ރަޝިޔާގެ އަގުބޮޑު މިސައިލްތައް އެހެން ސަރަހައްދުތަކަށް އަމާޒުކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ. އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ ސްޓްރާޓީޖިކް ސްޓަޑީޒް ގެ މިސައިލް ޓެކްނޯލޮޖީ ތަޖުރިބާކާރު ޓިމޯޓީ ރައިޓް ބިޒްނަސް އިންސައިޑަރަށް މައުލޫމާތު ދީފައިވާ ގޮތުގައި މިލިޓްރީ އުސޫލުން ބަލާއިރު ޔޫކްރެއިން ސިފައިންގެ ކުރީސަފުތަކަށް ހަމަލާ ދިނުމަށްޓަކައި ރަޝިޔާގެ އަގުބޮޑު މިސައިލްތައް ބޭނުން ކުރުމަކީ ބުއްދިވެރި ގޮތެއްވެސް ނޫނެވެ.
އޮސްލޯ ނިއުކްލިއަރ ޕްރޮޖެކްޓްގެ ޑޮކްޓޯރަލް ރިސަރޗް ފެލޯ ފޭބިއަން ހޮފްމަންވެސް ވަނީ ޓިމޯޓީ ރައިޓްގެ ވިސްނުމަށް ތާއީދުކޮށްފައެވެ.
އީރާނުން ރަޝިޔާއަށް އެތައް ސަތޭކަ ފާތިހް-360 މަރުކާގެ ކުރު ރާސްތާ ބެލިސްޓިކް މިސައިލާއި އަދި އަބާބީލް މަރުކާގެ ބަލިސްޓިކް މިސައިލް ފޮނުވަން ގަސްދުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މިދިޔަ އޯގަސްޓް މަހު ޔޫރަޕިއަން ޑިފެންސްގެ އިސް 2 އޮފިޝަލަކު ރޮއިޓާރސް އަށް ކިޔާދީފައިވެއެވެ. އަދި އޭގެތެރެއިން ފާތިހް-360 މަރުކާގެ މިސައިލްތައް މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރަޝިޔާއަށް ފޮނުވާ ފައިވާކަން ޕެންޓަގަނުން ވަނީ ކަށަވަރުކޮށް ދީފައެވެ.
އީރާނުގެ ފާތިހް-360 ނަރުކާގެ ބެލިސްޓިކް މިސައިލް ދަތުރުކުރާނެ ދުރުމިނަކީ 75 މޭލު ކަމަށާއި އަދި ބާބިލް ދަތުރުކުރާނެ ދުރުމުނަކީ 53 މޭލު ކަމަށް ޕެންޓަގަން އެއާރފޯސްގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ ރޮއިޓާރސްއަށް މައުލޫމާތު އޮޅުންފިލުވާދީފައި ވެއެވެ.
2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތްފަހުން އުތުރު ކޮރެއާއާއި އަދި އިރާނާއެކު އޮންނަ ގުޅުން ރަޝިޔާއިން އަންނަނީ ވަރުގަދަ ކުރަމުންނެވެ. އިރާނުން ރަޝިޔާއަށް މިލިޓްރީ އެހީ ފޯރުކޮށްދެމުންގެންދާއިރު ރަޝިޔާއިން ގެންދަނީ ހުޅަނގުގެ ގައުމުތަކުން އީރާނަށް ކުރަމުންގެންދާ އިގްތިސާދީ ދުއްތުރާތަކުގައި އީރާނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ޔޫކްރެއިނުން މިހާރުވެސް ގެންދަނީ ހުޅަނގުގެ ގައުމުތަކުން އިތުރު ހަތިޔާރާއި ދިފާއީ ނިޒާމް ލިބޭތޯ ބަލަމުންނެވެ. އެހެންނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވުމާގުޅިގެން ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދެވިދާނެ އެހީގެ މިންވަރު އޮތީ ސުވާލުމާރކްތަކެއްގެ ތެރެއަށް ގެނބިފައެވެ. އަދި މިހާތަނަށް “ އަހަރެން ހަނގުރާމަ ހުއްޓުވާނަމޭ “ ވިދާޅުވުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ޓްރަމްޕް ވިދާޅެއްނުވެއެވެ.