ޕޯލޭންޑުގައި ހުރި އެމެރިކާގެ މިސައިލް ބޭސްއަކީ ރަޝިޔާއާއި ނޭޓޯގެ ނިއުކްލިއަރ ހަނގުރާމައެއްގައި ފެށުމަށް މެދުވެރިކުރުވާނެ ސަބަބުކަމުގައި ވެދާނެކަމަށް ރަޝިޔާއިން ފާހަގަކޮށްފައިވާކަން ނިއު ޔޯރކް ޕޯސްޓްގެ އިއްޔެ ހަވީރުގެ ޚަބަރުތަކުގައި ބުނެފައި ވެއެވެ. އަދި ރަޝިޔާގެ ނިއުކްލިއަރ ހަމަލާ އެންމެ ފުރަތަމަ އަމާޒުވާނެ ތަންތަނުގެ ތެރޭގައި އެ މިސައިލް ބޭސް ހިމަނާފައިވާނެ ކަމަށް ރަޝިޔާއިން ވަނީ އިންޒާރު ދީފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ބެލިސްޓިކް މިސައިލް ހަމަލާ ދިނުމަށްފަހު ޕޯލޭންޑުގައި އެންމެފަހުން އެމެރިކާއިން ގާއިމްކުރި މިސައިލް ބޭސްއަށް ހަމަލާ ދޭން ޖެހިދާނެކަމަށް ރަޝިޔާއިން ވަނީ އިންޒާރު ތަކުރާރު ކޮށްފައެވެ. ޕޯލޭންޑުގެ ބޯލްޓިކް އައްސޭރީގައި އޮންނަ ރެޑްޒިކޯވޯ ގައި އެމެރިކާއިން ބެލިސްޓިކް މިސައިލްގެ ދިފާއީ ބޭސް އެއް ގާމްކުރުމަކީ ނިއުކްލިއަރ ހަނގުރާމައެއްގެ ނުރައްކާ ބޮޑުވުންކަމުގައި ރަޝިޔާއިން ވަނީ ސިފަކޮށްފައެވެ. ރަޝިޔާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވެފައިވަނީ އެމެރިކާއިން ޕޯލޭންޑުގައި ގާއިމްކުރި ދިފާއީ މިސައިލް ބޭސް އަކީ މަސްރަހް އިތުރަށް ހޫނުކުރުމުގެ ބޭނުމުގައި ނޭޓޯ އިން ހިންގަމުން ގެންދާ ހަރަކާތް ތަކަށް އިތުރުކުރި ބޭސް އެއް ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވެފައިވަނީ ނޭޓޯގެ އަމަލުތަކަށް ރިޔާޔަތްކޮށް ޕޯލޭންޑުގައި ގާއިމް ކޮށްފައިމިވާ މިސައިލް ބޭސް ރަޝިޔާއިން ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން އެންމެ ފުރަތަމަ ހަމަލާދޭން ފާހަގަ ކޮށްފައިވާ ތަންތަނުގެ ތެރޭގައި މިހާރު ހިމަނާފައިވާ ކަމަށެވެ.
އެހެންނަމަވެސް ޕޯލެންޑުން ބުނެފައިވަނީ އެ މިސައިލް ބޭސް އަކީ ރަޝިޔާއަށް ނުރައްކަލަކަށް ނުވާނެ ކަމަށެވެ. އަދި އެތަނުގައި ނިއުކްލިއަރ މިސައިލް ބަހައްޓާފައި ނުހުންނާނެ ކަމަށް ވޯރސޯ ޚާރިޖިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޕޯލޭންޑުގައި އެމެރިކާގެ ދިފާއީ މިލިޓްރީ ބޭސް 2009 ވަނައަހަރު ގާއިމް ކޮށްފައިވީ ނަމަވެސް އެތަނުގެ މަސައްކަތް އަމަލީގޮތުން ފަށާފައިމިވަނީ މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ޔޫކްރެއިން އާއި ރަޝިޔާގެ މަސްރަހް މި ފެންވަރަށް ނާމާން ވެފައިވާއިރު ކުއްލިއަކަށް ކީވްގައި ހުންނަ ޔުރަޕާއި އެމެރިކާގެ އެމްބަސީތައް ވަގުތީ ގޮތުންބަންދުކުރަން ނިންމުމުން އެމްބަސީތައް ބަންދު ނުކުރުމަށް ރައީސް ޒެލެންސްކީ އެ ގައުމުތަކުގައި އެދިވަޑައިގެންފިއެވެ. ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ އެމްބަސީތައް ބަންދު ކުރުމުން ފައިދާކުރާނީ ރަޝިޔާއަށް ކަމަށެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުނުފަހުން ފާއިތުވެގެން ދިޔަ 1001 ވަނަ ދުވަސް ބެލެވެނީ އާދައިގެ އެހެން ދުވަހެކޭ މާބޮޑު ތަފާތެއް ނެތް ކަމަށެވެ. އެހެންނަމަވެސް ހުޅަނގުން ފޯރުކޮށްދީފައިހުރި ދުރު ރާސްތާ މިސައިލް ބޭނުން ކޮށްގެން ރަޝިޔާގެ އެތެރެއަށް ޔޫކްރެއިނުން ހަމަލާ ދިނުމާ ގުޅިގެން ރަޝިޔާގެ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމަށް ބެލެވެއެވެ. އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިހުރި ދުރު ރާސްތާ މިސައިލްތައް ބޭނުން ކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ހުއްދަ ކުރުމާ ގުޅިގެން ރަޝިޔާއިން ގެންދަނީ ނިއުކްލިއަރ ހަނގުރާމަ އަކަށް ތައްޔާރު ވަމުންނެވެ.