ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ޑިސްޓްރިކްޓެއް ކަމަށްވާ ކުރުރަމްގައި ޝީއީ މުސްލިމުންނަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއެއްގައި 41 މީހުން މަރުވެއްޖެއެވެ.
އެ ހާދިސާ ހިނގާފައި ވަނީ ޝީއީ މުސްލިމުން ދަތުރުކުރަމުން ގެންދިޔަ އުޅަނދުތަކަކަށް ބަޑިޖަހައި ދިން ހަމަލާތަކެއްގެ ސަބަބުންނެވެ. މި ހަމަލާދީފައި ވަނީ 200 ފަސިންޖަރުން ދަތުރުކުރަމުންދިޔަ ވެހިކަލް ކޮންވޯއީ އަކަށެވެ. މި ހަމަލާތަކުގައި ހަ އަންހެނުން ހިމެނޭ ގޮތަށް 41 މީހުން މަރުވެ 20 މީހަކު ވަނީ ޒަހަމްވެފައެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.
ޕާކިސްތާނުގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ އުޅަނދުތަކަށް ހަމަލާދީފައި ވަނީ އަފްޣާނިސްތާނުގެ ބޯޑަރާ ކައިރި ޕާކިސްތާނުގެ ޑިސްޓްރިކްޓް ކުރުރަމް ތެރެއިން ދަތުރުކުރަމުން ދަނިކޮށެވެ. އަދި ފުލުހުން އެ ވެހިކަލް ކޮންވޯއީ ހިމާޔަތް ކުރަމުން ދިޔައީ އެ ސަރަހައްދުގައި މަސްތަކެއް ވަންދެން ހިންގި މަޒުހަބީ ހަމަނުޖެހުންތަކާއި ގުޅިގެން މި އަހަރު އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާތީ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަޑިޖެހި މީހުން ފުރަތަމަ އަމާޒުކޮށްފައި ވަނީ ކޮންވޯއީގެ ފުލުހުންގެ އެސްކޯޓަށް ކަމަށެވެ.