ދުނިޔޭގެ ދަގަތްފާނީ ނޯރތުޕޯލް ރަޝިޔާއާ ދިމާއަށް މިދަނީ ކީއްވެގެން

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ކިއުންތެރިންގެ މައުލޫމާތަށްޓަކައި މި ގެނެސްދެނީ މަތީގައި އެވާ ސުރުޚީގައި ޔޫއެސްއޭ ޓްޑޭއަށް ލިބިފައިވާ ރިޕޯޓެއްގެ ޚުލާސާއެކެވެ. މި ވަގުތު މިއީ މީސްތަކުންނަށް މާބޮޑު ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ދުނިޔެއަށް އަންނަ މިފަދަ ބަދަލުތައް ދެނެގަތުމަކީ މާދަމާގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ދަރިންނާއި އެ ދަރިންގެ ދަރިންނަށް މައުލޫމާތު ފޯރުކޮށް ދެވޭނީ އަޅުގަނޑުމެންނަށް މިހާރު މައުލޫމާތު ލިބިގެންނެވެ.

އަޅުގަނޑުމެންގެ ދީނީ އިލްމުވެރިންގެ ދަރުސްތަކުން އެނގިފައިވާ ގޮތުގައި ހުޅަނގު ފާރާތުން އިރުއެރުންފަދަ ބޮޑެތި ކަންތައް ދުނިޔެއަށް މެދުވެރިވާނެ ޒަމާނެއް އަންނާނެއެވެ. އަޅުގަނޑުމެން މި ބުނަނީ ސައެންސްވެރިންނަށް ފާހަގަ ކުރެވުނު މި ހާދިސާއަކީ ހުޅަނގުން އިރުއެރުމާ ގުޅުންހުރި ނުވަތަ ނެތް ހާދިސާއެކޭ ވެސް ނޫނެވެ.    

ދުނިޔޭގެ މަޝްހޫރު ސައެންސްވެރިން ދުނިޔޭގެ ( ނޯރތުޕޯލް ) އަށް އަންނަމުންދާ ބަދަލުތައް ދިރާސާ ކުރަމުންގެންދާތާ ޒަމާންތަކެއް ވެއްޖެއެވެ. އެއްދުވަސްވަރެއްގައި ކެނެޑާގެ އުތުރު ފަރާތަށް ޖެހިލަމުންދިޔަކަން ފާހަގަކުރެވިގެން ދިޔައެވެ. އެއަށްފަހު އެޓްލާންޓިކް ކަނޑާ ދިމާލަށް ދިޔަ ދުވަސްވަރެއްވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެންނަމަވެސް 1990 ވަނަ އަހަރުގެ ފަހުން ތަންކޮޅެއް ބާރަށް ރަޝިޔާގެ ސައިބީރިއާ ދިމާލަށް ބަދަލުވަމުންދާން ފަށައިފިއެވެ.

ދުނިޔޭގެ އުތުރު އަސްދަނޑީގައި ( ނޯރދާން ހެމިސްފެއަރ ) ގައި ސަމުގާގެ ކަށި ދައްކާނީ ދުނިޔޭގެ ދަގަތްފާނީ އުތުރު ޕޯލް އެވެ. އެހެންނަމަވެސް ދުނިޔޭގެ ދަގަތްފާނީ އޮއިވަރު ( މެގްނެޓިކް ފީލްޑް ) އަންނަ ބަދަލަކާ ގުޅިގެން ސަމުގާގެ ކަށި އެއް ދިމާއަކަށް ހުއްޓިފައި އަބަދު ނުހުންނާނެއެވެ.

ދުނިޔޭގެ ދަގަތްފާނީ ނޯރތުޕޯލް އާއި ޖޯގްރަފީ ނޯރތުޕޯލް ބައެއްފަހަރު އޮޅުން އެރުން މެދުވެރިވަމުންދެއެވެ. ޖޯގްރަފީ ނޯރތުޕޯލްއަކީ ދުނިޔޭގެ ދެކުނުން އުތުރަށް ޚިޔާލީ ގޮތުން ދަމާލެވިފައިވާ ލޮންޖިޓިއުޑުގެ ހުރިހާ ލައިނެއް ދުނިޔޭގެ އުތުރުކޮޅުން ގުޅިގެންދާ ޕޮއިންޓެވެ. އެއީ ބަދަލު ނުވާނެ ޕޮއިންޓެކެވެ. ދުނިޔޭގެ ދަގަތްފާނީ އުތުރު ޕޯލްއަށް އަންނަ ބަދަލު ދެނެގަންނާނީ ޖޯގްރަފީ އުތުރު ޕޯލްއާއި އަޅާބަލައިގެންނެވެ.

ދުނިޔޭގެ ދަގަތްފާނީ އުތުރު ޕޯލަށް އަންނަ ބަދަލުތައް ދެނެގަތުމުގައި ފާއިތުވެގެން މިދާ 300 އަހަރު ދުވަހުގެތެރޭގައި 1600 ވަރަކަށް ސައެންސްވެރިންގެ ހިއްސާ ހިމެނިފައި ވެއެވެ. މި ގަރުނު ފެށުނު ހިސާބާއި ހަމަޔަށް އަހަރަކު ހައެއްކަ މޭލު އެއްފަރާތަކަށް ޖެހެމުންދާކަން ފާހަގަކުރެވުނު ދަގަތްފާނީ އުތުރު ޕޯލް މި ގަރުނުގައި އަހަރަކު 34 މޭލު އެއްފަރާތަށް ޖެހެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންނަމަވެސް މި ފާއިތުވި 5 އަހަރު އެ ބަދަލުވުން އަހަރަކު 22 މޭލަށް ވަނީ ދަށްވެފައެވެ.

އުތުރު ދަގަތްފާނީ ޕޯލް އެއްފަރާތަކަށް ޖެހުމުން ދިމާވެދާނެ މައްސަލައަކީ ކޮބާ:

ދުނިޔޭގެ ދަގަތްފާނީ އުތުރު ޕޯލް އެއްފަރާތަށް ޖެހެމުންދާކަން ދެނެގަންނަނީ ސްމާޓްފޯނާއި ސަމުގާގެ ޒަރީއާއިންނެވެ. މި ގޮތުން ފާހަގަކުރެވެމުންދާ އެއްފަރާތަށް ޖެހުމުގެ ރިކޯރޑް އިނގިރޭސިވިލާތުގެ ޖިއޯލޮޖިކަލް ސާރވޭ އިދާރާއާއި އަދި އެމެރިކާގެ ނޭޝަނަލް އޯސަނިކް އެންޑް އެޓްމޮސްފެރިސިކް އާއި ބެހޭ އިދާރާ އިން ގެންދަނީ ބަލަހައްޓަމުންނެވެ. އަދި ސައެންސްގެ ހޯދުންތަކުގެ އަލީގައި ދުނިޔޭގެ ދަގަތްފާނީ އުތުރު ޕޯލް ހުންނަންޖެހޭ ހަގީގީ ޕޮއިންޓް ދެނެގަތުމަކީ އެ އިދާރާތަކުން ކުރަމުން އަންނަ ކަމެކެވެ. ދުނިޔޭގައި ބޭނުންކުރެވޭ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް ( ޖީ ޕީ އެސް ) ކޮންމެ ސިކުންތަކު އަޕްޑޭޓް ވަމުންދަނީ ސައެންސްވެރިންގެ މި ދިރާސާތަކުގެ ނަތީޖާގެ އަލީގައި ކަމަށް އިނގިރޭސިވިލާތުގެ ޖިއޯލޮޖިކަލް ސާރވޭގެ ފަރާތުން ދަ ޓައިމްސްއަށް މައުލޫމާތު އޮޅުން ފިލުވާ ދީފައިވާ ކަމަށްވެއެވެ. ދުނިޔޭގެ ދަގަތްފާނީ އުތުރު ޕޯލަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ އެންމެ ބޭނުންތެރި އެއްކަމަކީ ޖީޕީއެސް ގެ ނިޒާމް ވަގުތުން ވަގުތަށް އަޕްޑޭޓްވެގެން ދިއުންކަމުގައި ބުނެވިދާނެއެވެ.

ދުނިޔޭގެ ދަގަތްފާނީ އުތުރު ޕޯލް އެއްފަރާތަށް ޖެހެން ދިމާވަނީ ކީއްވެގެން:

ސައެންސުގެ ހޯދުންތަކުން އެނގިފައިވާގޮތުގައި ދުނިޔޭގެ ބޭރު ފަށަލަ އުފައްދަވާފައިވަނީ ވިރިކެކޭ ދަގަނޑުފަދަ ދިޔާ މައުދަނަކުންނެވެ. ގޮތް ނޭނގޭ އެހެންނަމަވެސް އެ ދިޔާ މައުދަން އޮހޮރިގެންދާ ގޮތަކުން ދުނިޔޭގެ ދަގަތްފާނީ އޮއިވަރު ބަދަލުވެގެންދިއުމާއެކު ދަގަތްފާނީ އުތުރު ޕޯލް އެއްފަރާތަށް ޖެހުން މެދުވެރި ކުރުވަނީއެވެ. އެ ދިޔާ މައުދަން އޮހޮރިގެން ދިއުމަކީ ފެނާ އެއްފަދައިން ފަސޭހަކަމާއެކު ( ވިސްކޯސިޓީ ) އެއްގައި ހޫނު ބިޔަ ސައި ޖޯޑަކުން ސައި ބަންޑުންވުން މިސާލަކަށް ބެލެވިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް