ދުނިޔޭގައި މިވަގުތު ތިބި އެންމެ ދިގު އަންހެނާއާއި އެންމެ ކުރު އަންހެނާ ބައްދަލުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ލަންޑަންގައި މި ދެމީހުން ބައްދަލު ކޮށްފައިވަނީ ވިހިވަނަ ”ގިނިސް ވަރލްޑް ރެކޯޑްސް ޑޭ“ ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ ދިގު އަންހެނާއަކީ ތުރުކީއަށް ނިސްބަތްވާ،ވެބް ޑިވެލޮޕާ، އުމުރުން 27 އަހަރުގެ ރުމޭސާ ގެލްގީ އެވެ. އޭނާގެ އިސްކޮޅަކީ 7ފޫޓު އެއް އިންޗިއެވެ.
އެންމެ ކުރު އަންހެނާގެ ރެކޯޑް އޮންނަނީ އިންޑިޔާއަށް ނިސްބަތްވާ އެކްޓްރެސް، އުމުރުން 30 އަހަރުގެ ޖިއޯތީ އަމްގޭ އަތުގައެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ 2 ފޫޓު އެއްއިންޗިއެވެ.
މި ބައްދަލުވުމަށްފަހު ގިނިސް ވަރލްޑް ރެކޯޑްސް އިން ވަނީ ބައްދަލުވުމުގެ ވީޑިއޯ އެއް އާންމު ކޮށްފައެވެ. ބައްދަލުވުމަށްފަހު ގެލްގީ ބުނެފައިވާ ގޮތުގައި ފުރަތަމަ ފަހަރަށް ޖިއޯތީއާއި ބައްދަލުވުމުން އޭނާ ވަރަށް އުފާވިއެވެ. ދެމީހުންގެ އިސްކޮޅު ތަފާތުކަމުން ހަތަރުކަޅި ހަމަ ކޮށްލަންވެސް ބައެއްބފަހަރު އުނދަގޫވިކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް ދެމީހުންވެސް ޝައުގު ވެރިވާ ކަންތައްތަކެއް ހުރުމާއެކު ބައްދަލުވުން ދިޔައީ ވަރަށް އުފާވެރިކޮށް ކަމަށް ބުނެފައި ވެއެވެ.
ޖިއޯތީ އަމްގޭ ބުނެފައިވާ ގޮތުގައި އާންމުކޮށްވެސް އޭނާ މީހުންނާ ބައްދަލުވުމުން ޖެހެނީ މައްޗަށް ބަލާށެވެ. ނަމަވެސް މިފަހަރު މައްޗަށް ބަލާލިއިރު އެންމެ ދިގުމީހާއާއި ބައްދަލުވުމުން ވަރަށް އުފާވިއެވެ. ރުމޭސާ އަކީ ވަރަށްވެސް ޚުލްގް ހެޔޮ އަންހެނެއް ކަމަށާ އޭނާއާއި ވާހަކަދައްކަން ވަރަށް ފަސޭހަ ކަމަށް ބުނެފައި ވެއެވެ.
ގެލްގީ އިސްކޮޅުން އެހާ ދިގުވެފައިވަނީ ވަރަށް މަދުން ފެންނަ ބައްޔެއް ކަމަށްވާ ”ވީވަރ ސިންޑްރޯމް“ ގެ ސަބަބުންނެވެ. މި ބަލި މިހާތަނަށް ޖެހުނުކަން އެނގިފައިވަނީ 27 މީހަކަށެވެ.
އެންމެ ކުރު ޖިއޯތީ އަމްގޭ ބޮޑުވެފައި ނުވަނީ ވެސް ބައްޔެއްގެ ސަބަބުންނެވެ. އެއީ ފާޑެއްގެ ”ޑްވޯފިޒަމް“ އެކެވެ.
އަމްގޭ އާއި ގެލްގީ ވަނީ ”ގިނިސް ވާލްޑް ރިކޯޑްސް“ ގެ ”އައިކަން“ ގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި 70 ވަނަ އެނިވަސަރީ އެޑިޝަންގައި ވަނި އެ ދެމީހުންނާބެހޭ ރިޕޯޓްތައް ހިމަނާފައެވެ. އަދި ”ގިނިސް ވާލްޑް ރިކޯޑްސް“ ފޮތުގެ އެޑިޓަރ އިންޗީފް ވަނީ އެ ދެމީހުންނަށް ތައުރީފްކޮށްފައެވެ.
“ގިނިސް ވާލްޑް ރިކޯޑްސް“ ގެ ފަރާތުން ކުރާ ކަމަކީ އާދަޔާ ޚިލާފު ކަންކަން ފާހަގަކޮށް އެކަމުގެ އުފާފާޅުކުރުން ކަމަށް ބުނަމުން އެޑިޓަރ އިންޗީފް ބުނެފައިވަނީ މިއާދަޔާ ޚިލާފް ދެމީހުން ބައްދަލް ކުރުވުމުން އެމީހުންގެ ހަޔާތުގެ އާދަޔާ ޚިލާފު ކަންކަން އެކަކު އަނެކަކަށާއި އަދި އަހަރުމެން އެންމެނާ ހިއްސާކޮށްފައިވާ ކަމަށާއި މިއީ ވަރަށް ޚާއްސަ މުނާސަބަތެއް ކަމުގައެވެ.