އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ދުރުރާސްތާ މިސައިލްތައް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑްން ޔޫކްރެއިނަށް ދިނުމާ ގުޅިގެން ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފިއެވެ. އެމެރިކާއިން މި ހުއްދަ ދިނުމުގެ ސަބަބުން ކްރެމްލިން އިން ވަނީ ވަރަށްބޮޑަށް ރުޅިއައިސްފައެވެ.
ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެވިދާނެ ހާލަތުތައް ކަނޑައޅާފައިވާ ގާނޫނީ ލިއެކިއުންތައް ރަޝިޔާގެ ރައީސް މިދިޔަ އަންގާރަ ދުވަހު ވަނީ ބަދަލުކުރައްވާ ފައެވެ. ތަޖްރިބާކާރުން ދެކޭގޮތުގައި މި ގެނައި ބަދަލުގެ ސަބަބުން ރަޝިޔާއާއި ދެކޮޅަށް އާންމު ހަތިޔާރު ބޭނުންކޮށްގެން ކުރާ ހަނގުރާމައެއްގައިވެސް ނިއުކްލިއަރ ބާރު ލިބިފައިވާ ގައުމަކުން އެހީތެރިވެ ދެމުންގެންދާނަމަ ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާދީފައެވެ. އެމެރިކާއިން ފޯރުކޮށްދީފައިވާ ދުރު ރާސްތާ މިސައިލްތައް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުން އެމެރިކާގެ ރައީސް ޖޯ ބައިޑްން ހުއްދަ ދިނުމުގެ ސަބަބުން އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނަށް އެހީތެރިވެ ދެނީ ކަމަށް ބަލައި ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން އެކަށީގެންވެއެވެ. އެހެންނަމަވެސް ހުޅަނގުގެ ލީޑަރުން ބުނަމުން ގެންދަނީ ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ގާނޫނަށް މި ބަދަލު ގެނައީ ހުޅަނގުގެ ގައުމުތައް ބިރުގެންނެވުމުގެ ބޭނުމުގައި ކަށެވެ.
އެސޯޝިއޭޓެޑް ޕްރެސްއިން މިއަދު ދީފައިވާ ޚަބަރުތަކުގައި ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ދެމުންގެންދާ ހަމަލާތަކުން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ކީވްގައި ހުންނަ އެމެރިކާއާއި ހުޅަނގުގެ ބައެއް އެހެން ގައުމުތަކުގެ އެމްބަސީތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އިނގިރޭސި ވިލާތުގެ އެމްބަސީ ބަންދުކުރާކަށް އަދި ނިންމާފައެއް ނުވެއެވެ.
ޔޫކްރެއިނާއި ހުޅަނގުގެ ލީޑަރުން ބުނެފައިވަނީ ޔޫކްރެއިންގެ ރަށްތަކުގައި ކަރަންޓް ސަޕްލައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ ޕަވަރ ގްރިޑްތައް ދުއްވާލުމަށްޓަކައި ބާރުގަދަ ދުރުރާސްތާ މިސައިލްތައް ރަޝިޔާއިން ފުނިޖަހަމުން ގެންދާކަން އެނގިފައިވާ ކަމަށެވެ.
ޔޫކްރެއިން މިލިޓްރީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރަޝިޔާއިން 210 ދުރުރާސްތާ މިސައިލުން ޔޫކްރެއިނަށް ހަމަލާ ދިފައިވެއެވެ. އަދި އޭގެތެރެއިން 140 މިސައިލް ވައިގެތެރޭގައި ނައްތާލެވުނު ކަމަށްވެސް ޔޫކްރެއިން މިލިޓްރީން ބުނެފައި ވެއެވެ. ކީވް ސަރަހައްދުގައި ތަފާތު ފެންވަރުގެ ވަރަށް ގިނަ އެއާރ ޑިފެންސް ސިސްޓަމް ހުންނަނީ ގާއިމް ކޮށްފައެވެ.
ޔޫކްރެއިންގެ މިލިޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ބެލްގޮރޯޑް ސަރަހައްދުގައި ހުރި ރަޝިޔާއިން މުދާއުފުލާ ޑްރޯން ހަދާ ފެކްޓްރީއަކަށް ހަމަލާދީ އެތަން ވާނީ ހަލާކުކޮށްލާފައެވެ.