ކެލިފޯނިޔާގެ އެންސިނިޓަސް އަވަށުގައި އޮންނަ (ދަ ގްރޭންޑް ވިއު ބީޗް) ގެ ގޮނޑުދޮށުން އާދަޔާ ޚިލާފު ޙާދިސާއެއްކަމުގައި ބެލެވޭ ޤިޔާމަތުގެ މަހުގެ ނަމުން ނަންދެވިފައިވާ ބޮޑު ޕެޑްލްފިޝްއެއް ފެނިއްޖެއެވެ. މިމަހަށް (ހަލާކުގެ އިންޒާރު) މިހެންވެސް ކިޔައެވެ.
މިއީ ޑޫމްސްޑޭ ފިޝްގެ ނަމުން ނަންދީފައިވާ މި މަސް ވޭތުވެދިޔަ ތިންމަސްތެރޭގައި މަރުވެގެން ލައްގާފައި އޮއްވާ ފެނުނު ދެވަނަ ފަހަރެވެ. އެހެންކަމުން މިއީ ދިރާސާކުރައްވާ ބޭފުޅުންނާއި ޢާއްމުންނަށްވެސް ޚާއްޞަ މުހިންމުކަމެއް ދެވޭ ކަމަކަށް ވަނީ ވެފައެވެ.
މި މަހުގެ ދިގުމިނުގައި ދިހަ ފޫޓް ހުރެއެވެ. މި މަސް މިހާރު ވަނީ ސެންޑިޔާގޯގައި ހުންނަ، ކެލިފޯނިޔާ ޔުނިވަރސިޓީގެ (ސްކްރިޕްސް އިންސްޓިޓިއުޝަން) ގައެވެ. އެތަނުގެ ސައިންސްވެރިން މި މަހާ ބެހޭގޮތުން ދިރާސާތައް ހެދުމަށާއި އަދި އެއަށްފަހު އެ މަސް ރައްކާކުރުމުގެ ބޭނުމުގައެވެ.
ވޭތުވެ ދިޔަ އޮގަސްޓް މަހުގެ ތެރޭގައި (ދަ ގްރޭންޑް ވިއު ބީޗް) ގެ 20 މޭލު ދެކުނުގައި އޮނަނަ(ލަ ލޯލާ ކޭވް)ގެ ތެރެއިން 12 ފޫޓް ހުރި މި ޢާއިލާގެ އެހެން ޕެޑްލްފިޝްއެއް ވެސް ވަނީ ފެނިފައެވެ.
ޕެޑެލްފިޝްގެ ޢިލްމީ ޙަޤީޤަތްތައް:
މި ވައްތަރުގެ ޕެޑްލް ފިޝްއަކީ (Mesoamerican region) ގައި 3300 ފޫޓް (1000 މީޓަރު) ކަނޑުއަޑީގައި އުޅޭ، ގޮތް ނޭނގޭ މަހެކެވެ. ކަނޑުގެ ސަތުޙާ ހިސާބަށް މީތި އަރަނީ ވަރަށް ނާދިރު ޙާލަތެއްގައެވެ.
ރެކޯޑުތަކަށް ބަލާއިރު 1900 އަހަރުން ފެށިގެން ކެލިފޯނިޔާގެ ގޮނޑުދޮށުން މިހާތަނަށް ފެނިފައި ވަނީ މީގެ އެންމެ 21 މަހެވެ. އާދައިގެ ގޮތެއްގައި މި ފެނުނު މަސްތަކުގެ ދިގުމިނަކީ 20 ފޫޓާއި 30 ފޫޓާ ދެމެދެވެ. މި މަހުގެ ދިގުކަމާއި ބޭރުގައި ރިހިކުލަ އަރާފައި ހުންނަ ހުރުމުން މިއީ މީހުންނަށް ބިރުވެރިކަން ގެނެސްދޭ ސުވާލުތައް އުފެދޭ މަހަކަށް ވަނީ ވެފައެވެ.
ސްކްރިޕްސް އިންސްޓިޓިއުޝަންގެ ސައިންޓިސްޓެއް ކަމުގައިވާ މެރީން ވާޓެބްރޭޓް ގްރޫޕްގެ ޑައިރެކްޓަރ ބެން ފްރޭބްލް ވިދާޅުވާގޮތުގައި މިއީ، ކަނޑުތަކުގެ ޙާލަތަށް އަންނަ ތިމާވެށީގެ ބަދަލުތަކާ ގުޅިގެން ދިމާވާ ކަމަކަށް ވެދާނެއެވެ. މި ބަދަލުތަކުގެ ތެރޭގައި (El Niño and La Niña) ފެނޯމިނާގެ ސަބަބުން ދެންނެވުނު ބީޗުން މަސް ފެންނަނީކަމުގައި ވެދާނެއެވެ.
ޤިޔާމަތުގެ މަހުގެ ލެޖެންޑާއި ސައިންސް ގެ ޙަޤީޤަތް.
މި ވައްތަރުގެ ޕެޑްލް ފިޝް ފެނުމާއި ބިންހެލުން ފަދަ ޠަބީޢީ ކާރިޘާތަކާ ބައެއް މީހުން ގުޅުވައެވެ. މިސާލެއްގެ ގޮތުން:
އިންޑޮނޭޝިއާއަށް އެރި ސުނާމީ: ޕެޑަލްފިޝް ފެނުމާ 2004 ވަނަ އަހަރު އިންޑޮނޭޝިއާއަށް އައި ބިންހެލުމާއި ދުނިޔޭގެ ބޮޑު ބަޔަކަށް އެރި ސުނާމީގެ ޙާދިސާއާ ބައެއް މީހުން ގުޅުވައެވެ. މި ކާރިޘާގައި އެތައްހާސް މީހުންނެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ.
ޗިލީގެ ބިންހެލުން: 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރެކްޓަރ މިންގަނޑުން 8.8 ގެ ބާރުގަދަ ބިންހެލުމެއް ޗިލީއަށް އައެވެ. އެދުވަސްވަރު ޗިލީގެ ގޮނޑުދޮށްތަކުން މި މަސްފެނުމާއެކު، މަސްފެނުމާ މި ބިންހެލުމާ ގުޅުވައިގެން ރިޕޯޓްތައް ލިޔެފައިވެއެވެ.
ޖަޕާނުގެ ބިންހެލުން: 2011 ވަނަ އަހަރު ޖަޕާނަށް އައި ރެކްޓަރ މިންގަނޑުން 9 ޑިގްރީގެ ބިންހެލުމަކީ ބޮޑެތި ގެއްލުންތަކެއް ލިބުނު ގަދަފަދަ ބިންހެލުމެކެވެ. މި ބިންހެލުން އައި ދުވަސްވަރު ޖަޕާނުގެ ގޮނޑުދޮށްތަކުން މި ވައްތަރުގެ 20 ޕެޑްލް ފިޝް ފެނިފައިވެއެވެ. މިކަމާމެދު ހެދުނު ދިރާސާތަކަށްފަހު 2019 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ގޮނޑުދޮށުން މި މަސް ފެނުމާ ބިންހެލުމާ ގުޅުވާލެވޭވަރުގެ ޢިލްމީ ހެއްކެއް ނެތްކަމުގައެވެ.
ކައިކޯރާގެ ބިންހެލުން: 2016 ވަނަ އަހަރު ނިއުޒީލޭންޑްގެ ކައިކޯރާގެ ގޮނޑުދޮށުން ޕެޑްލްފިޝް ފެނިފައިވެއެވެ. ރެކްޓަރ މިންގަނޑުގެ 7.8 ގެ ބާރުމިނުގެ ބިންހެލުން އެ ގައުމަށް އައީ މި މަސް ފެނުނު ދުވަސްކޮޅުއެވެ.
2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފިލިޕީންސްގެ ގޮޑުދޮށުން ޕެޑްލްފިޝް ފެނިފައިވެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރެކްޓަރ މިންގަނޑުގެ 5.9 ގެ ބާރުމިނުގެ ބިންހެލުމެއް އެ ޤައުމަށް އައިސްފައިވެއެވެ.
މިހިނގާ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކެލެފޯނިޔާގެ އެންސިނިޓަސް އަވަށުގެ ގޮނޑުދޮށަށް ޕެޑްލްފިޝްއެއް ލައްގާފައި އޮއްވާ ފެނުނެވެ. އޭގެފަހުން ލޮސްއެންޖަލަސްއަށް ރެކްޓަރ މިންގަނޑުގެ 4.9 ގެ ބާރުމިނުގެ ބިންހެލުމެއް އެ ސްޓޭޓަށް އައިސްފައިވެއެވެ. މިހެންވުމުގެ ސަބަބުން މަސްފެނުމާއި ބިންހެލުމާ މި ދެކަންތައް ގުޅުވައިގެން ވާހަކަދެކެވިފައިވެއެވެ.
މިހެން މިކަން އޮތް ނަމަވެސް 2019 ވަނަ އަހަރާއި 2023 ވަނަ އަހަރު ޕެޑްލްފިޝް ފެނިފައިވެއެވެ. ނަމަވެސް އެއާ ގުޅިގެން ފާހަގަކުރެވެ ބޮޑު ބިންހެލުމެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން މިދެކަމުގެ ގުޅުން ބޮޑުކަމަށް ބެލުމުގެ ފުރުޞަތު ކުޑަވެގެން ދެއެވެ.
ނާދިރު ޙާދިސާއެއްގެ ސަބަބުން ޢިލްމީ ބަޙުސަށް ދޮރު ހުޅުވިގެން ހިގައްޖެ
ޕެޑްލްފިޝް ފެނުމާ ބިންހެލުމާ ދެމެދު ގުޅުމެއް ވާހަކަމުގައި ބުނާ ވާހަކައަކީ ޚުރާފާތަކަށް ވިޔަސް، މިއީ މި މަހުގެ ޙާލަތު ދިރާސާކުރަން ލިބޭ ފުރުޞަތެއްކަމުގައި ޢިލްމުވެރިން ދެކެއެވެ. ފްރީބްލް ވިދާޅުވަނީ މިފަދަ ދޮރެއް ހުޅުވިގެން ދިއުމަކީ މިފަދަ ކާއިނާތުގެ ޙަޤީޤަތާއި އޭގެ ސުލޫކު ދިރާސާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމުގައެވެ.
ކެލިފޯނިޔާ ޔުނިވަރސިޓީގެ (ސްކްރިޕްސް އިންސްޓިޓިއުޝަން) އަށް މި މަސް ގެންދެވުމަކީ މި މަހުގެ ބައިލޮޖީއާއި އޭތީގެ ދިރިއުޅުމުގެ ތާރީޚާއި އަދި މި އެތި ދިރިއުޅޭ މާޙައުލަށް އަންނަ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން މި ތަކެތީގެ ދިރުމަށް ކުރާ އަސަރުތައް އިތުރަށް ދިރާސާ ކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމުގައި ބެން ފްރޭބްލް ވިދާޅުވެފައިވެއެވެ.