މޮސްކޯއާއި ހޫތީ މުޖާހިދުންގެ ގުޅުން ވަރަށް ނުރައްކާތެރި ލެވެލްއަކަށް ހިނގައްޖެ ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.
ޚާރިޖިއްޔާގެ އޮފިޝަލް ބިޒްނަސް އިންސައިޑަރަށް ވިދާޅުވެފައިވަނީ ރަޝިޔާއިން ހޫތީ މުޖާހިދުންނަށް މިހާ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. މިހާރުވެސް ހޫތީ މުޖާހިދުންނަށް ބޭނުންވާ ހުރިހާ ހަތިޔާރަކާއި މިލިޓްރީ ތަމްރީނުތަކެއް އީރާނުން ފޯރުކޮށްދެމުން ގެންދާއިރު އެ ވަސީލަތްތައް ބޭނުންކޮށްގެން ރެޑްސީގެ ތެރެއިން ކުރަމުންގެންދާ ބައިނަލްއަގްވާމީ ދަތުރުތައް މިވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލާފައެވެ.
މިކަން މިހެން އޮއްވާ ހޫތީ މުޖާހިދުންނަށް ރަޝިޔާއިން އިތުރު މިލިޓްރީ އެހީތައް ފޯރުކޮށްދެމުން ގެންދާކަމަށް ޔަމަނުގައި ހުންނަވާ އެމެރިކާގެ ޚާއްސަ ސަފީރު ޓިމް ލެންޑަރކިންގް ދާދި ފަހުން ބިޒްނަސް އިންސައިޑަރަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.
ލެންޑަރކިންގް ވިދާޅުވެފައިވަނީ ރަޝިޔާއާއި ހޫތީ މުޖާހިދުން ގުޅިގެން ހިންގަމުން ގެންދާ ހަރަކާތްތައް ވަރަށް ނުރައްކާ ލެވެލަކަށް ހިނގައްޖެ ކަމަށެވެ. އޭގެތެރޭގައި ރެޑްސީގެ ތެރެއިން ދަތުރުކުރަމުންގެންދާ އެމެރިކާއާއި އެހެން ގައުމުތަކުގެ ބޯޓު ފަހަރަށް ހޫތީ މުޖާހިދުން ދެމުންގެންދާ ހަމަލާތައް މިފަހަކަށް އައިސް މާބޮޑަށް އަމާޒުވަމުންދާތީ އޭގެ ސަބަބަކީ ރަޝިޔާއިން ފޯރުކޮށްދެމުން ގެންދާ ހަތިޔާރުތައް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިޔާއިން ހޫތީ މުޖާހިދުންނަށް ފޯރުކޮށްދެމުންގެންދާ އެހީތަކުގެ މައްސަލައިގާ ސައޫދީ އެރޭބިއާގެ ވަރަށް އިސްބޭފުޅުންނާއެކުގައިވެސް މިހާރުވާނީ މަޝްވަރާ ކުރެވިފައި ކަމަށް ލެންޑަރކިންގް ގެ ވާހަކައިގާ ކިޔައިދީފައިވެއެވެ. ޔޫކްރެއިންގެ ހަނގުރާމަ ފެށުނުފަހުން ރަޝިޔާއާއި އެމެރިކާގެ ފުށުއެރުންތައް ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.
އެމެރިކާއިން ހޫތީ މުޖާހިދުންނާއެކު މަޝްވަރާކުރަން ކުރި މަސައްކަތް ދިޔައީ ބޭކާރުވެގެން ކަމަށާއި ރެޑް ސީގެ ތެރެއިން ކުރަމުންގެންދާ ބައިނަލް އަގްވާމީ ދަތުރުތަކަށް މަގުފަހިކޮށް ދިނުމަށް ހަރަކާތްތެރިވަމުންގެންދާ އެމެރިކާއާއި ޔޫރަޕްގެ ހަނގުރާމަމަތީ ބޯޓުފަހަރަށް އަމާޒުކޮށް ހަމަލާ ދިނުން ނުހުއްޓާނެކަމަށް މުޖާހިދުން ގެންދަނީ ބުނަމުންނެވެ.
މިދިޔަ ހަފުތާގެ ތެރޭގައިވެސް ހޫތީ މުޖާހިދުންގެ ހަމަލާތަކުން އެމެރިކާ ނޭވީންގެ 2 ޑެސްޓްރޯޔަރ ސަލާމަތްވާން މަސައްކަތްކުރަން ޖެހުނުކަމަށްވެއެވެ.
ދާދިފަހުން ޔުނައިޓެޑް ނޭޝަންސް އިން އާންމުކޮށްފައިވާ ރިޕޯރޓެއްގައި އީރާނުންނާއި ހިޒްބު އާއި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ހޫތީ މުޖާހިދުންނަށް ހަތިޔާރާއި ފައިސާގެ އެހީ އާއި އަދި ތަމްރީނު ފޯރުކޮށްދެމުން ގެންދާކަން ހާމަކޮށްފައި ވެއެވެ.