ރާއްޖޭގެ ބޭސްފިހާރަތަކުން ވިއްކާ ބައެއް ޑޮކްޓަރީ ބޭސް އަގުބޮޑުވުމުގެ ޝަކުވާ ބައެއް ރައްޔިތުން ކުރަމުންދާތީ އެފަދަ ބޭހުގެ އަގުހެޔޮކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އެހެންކަމާއެކު ރައީސުލްޖުމްހޫރިއްޔާ އެ ވަޢުދުފުޅާ އެއްގޮތަށް ބޭރު ގައުމުތަކުން ރާއްޖެއަށް އެތެރެކުރާ ބައެއް ބޭސް މިހާރު ވަނީ އަގުހެޔޮކޮށްފައެވެ. އަގުހެޔޮ ކުރެވުނު ޑޮކްޓަރީ ބޭހުގެ ތެރެއިން ބައެއް ބޭސްތަކަށް އާސަންދަ ނުލިބުމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ގާއިމް ކޮށްފައިވާ ނިޒާމް (އާސަންދަ) ގެ ބޭނުން ކެނޑެނީއެވެ.
އަނެއް ކޮޅުން އެސްޓީއޯގެ ބޭސް ފިހާރަތަކުން ޑޮކްޓަރީ ބައެެއް ބޭސް ނުލިބުމުގެ ދަތިކަން ރައްޔިތުން އެވަނީ ތަޙައްމަލު ކުރަން ޖެހިފައެވެ. ސަރުކާރުން ޑޮކްޓަރީ ބޭސް އަގުހެޔޮ ކުރުމުގެ ބޭނުމަކީ އާސަންދައިގެ ޚަރަދު ބޮޑުވާތީ ކޮންމެ ރައްޔިތަކަށް ހިލޭ ބޭސް ފަރުވާ ކުރުމަށް އަހަރަކަށް ކަނޑައަޅާފައިވާ އެއްލައްކަ ރުފިޔާ އަހަރު ހަމަވުމުގެ ކުރިން ހުސްވެދާނެތީ ކަމަށް ބެލެވެއެވެ.
ބައެއް ބޭސްތަކަށް އާސަންދަ ނުލިބެންޏާ އާސަންދަ ހުހެއް ނުވާނެތާއެވެ. އުފެދޭ ސުވާލަކީ ބޭސް އަގުހެޔޮ ކުރުމުން ބޭސް ފިހާރަތަކުން ދޫކުރާ ބައެއް ބޭސް ސަރުކާރުން އަގުހެޔޮ ކުރި ރޭޓަށް އާސަންދައިގެ ދަށުން ނުދޭ ސަބަބަކީ ކޮބާހެއްޔެވެ. ބައެއް ބޭސް ފިހާރަތަކުން ބުނާގޮތުގައި ބައެއް ސަރުކާރުން ބޭސް އަގުހެޔޮކޮށްފައިވާ ރޭޓަށްވުރެ ބޭރުން ބޭސް ގެންނަން ލިބޭ އަގު ބޮޑުވީމައެވެ. އެހެނަސް ސަރުކާރުން ބޭސްތަކުގެ އަގު ހެޔޮކޮށްފައިވަނީ ބޭސް އެތެރެކުރާ ގައުމުތަކުން ބޭސް ވިއްކާ އަގުތަކަށް ބެއްލެވުމަށް ފަހުގައި ކަމަށް ވާތީ ސަރުކާރުން ހެޔޮކުރި އަގަށް އެބޭސް ރައްޔިތުންނަށް ލިބެންޖެހޭނެއެވެ. ދެރައީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް އާސަންދައިގެ ދަށުން ބޭސް ދޫނުކުރިއަސް ސަރުކާރުން އެކަން ނުބައްލަވާނެތީއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ވިޔާފާރި ކުރުމަށް އިމްޕޯޓްކުރާ މުދަލާ ތަކެއްޗަކީ ދައުލަތަށް ޑިއުޓީ ދައްކައިގެން އެތެރެ ކުރާ މުދަލާއި ތަކެތި ކަމަށްވާތީ އެ މުދަލާ ތަކެތި ވިޔާފާރީގެ ގޮތުގައި އެތެރެކޮށްގެން ވިއްކާ ފަރާތްތަކުން ރައްޔިތުންނަށް އެތަކެތި ވިއްކަންޖެހޭ އަގުތަކެއްވެސް ހަމަޖެހިފައި އޮންނަން ޖެހޭނެއެވެ. އަދި އެތަކެއްޗަކީ ދައުލަތުން ސަބްސިޑީ ނުދޭ މުދަލާ ތަކެތި ކަމުގައި ވިޔަސް ރައްޔިތުންނަށް އެ މުދަލާ ތަކެތި ގަނެވޭނެ ޚާއްޞަ އަގުތަކެއް ކަނޑައެޅިފައި އޮންނަން ޖެހޭނެއެވެ.
ސަރުކާރަކީ ރައްޔިތުންގެ ބަލަދުވެރިޔާއެވެ. އެހެންކަމުން ރައްޔިތުންގެ ޖީބުން ނުހަނު ބޮޑު ޚަރަދުކޮށްގެ ސަރުކާރެއް ހިންގުމުގެ ބޭނުމަކީ ރައްޔިތުންގެ ޖީބަށް ބަރު ބޮޑު ނުވެ ރައްޔިތު މީހާގެ ޒަރޫރީ ބޭނުންތައް ފުއްދޭނޭ ފަސޭހަ ގޮތެއް ސަރުކާރުން ހަދައިދިނުމަށެވެ. އަނެއްކޮޅުން ވިޔާފާރި ވެރިންގެ އަތުން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ވެރިން ރިޝްވަތު އަތުލަމުންދާނަމަ އެ ވިޔާފާރި ވެރިން ބޭނުންވާ ކޮންމެއަގެއް ރައްޔިތު މީހާގެ އަތުން ނެގިއަސް އެކަމެއް ސަރުކާރަކުން ނުބަލާނެތާއެވެ.
މުޅި ރާއްޖެ އެންމެ ރައީސަކު ހިންގި ޒަމާނެއް އަޅުގަނޑުމެންނާ ބައްދަލުވިއެވެ. އެ ރައީސަކީ އުއްތަމަ ފަނޑިޔާރެވެ. ރައްޔިތުންގެ މަޖިލީގެ ރައީސެވެ. ޑިފެންސް މިނިސްޓަރެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސްވެސް މެއެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ މަޖިލީހުގެ ރައީސެވެ. އޭރު ރާއްޖޭގައި މިނިވަން މުސްތަގިއްލު އެއްވެސް މުވައްސަސާއެއް ނުހުރެއެވެ. ރައްޔިތުންގެ މައްޗަށް ހުރިހާ ކަމެއްގައި އަމުރު މަޢުރޫފު ހިންގަވަނީ ރައީސުލް ޖުމްހޫރިއްޔާއެވެ.
ދައުލަތުގެ ހުރިހާ ބާރެއް އޮތީ ހަމަ އެކަނި ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައެވެ. އެހެންކަމުން އޭރު ރައްޔިތުންގެ މަޖިލީހުން ވެސް ރައީސުލްޖުމްހޫރިޔާ ބޭނުންފުޅުނުވާ އެއްވެސް ގާނޫނެއް ގަވާޢިދެއް ފާސްނުކުރެވޭނެއެވެ. މަޖިލީހަށް ބިލު ހުށަހަޅުއްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހަށް ހުށަހަޅުއްވާ އެއްވެސް ބިލަކާބެހޭ ގޮތުން ބަހުސެއް ނުކުރެވޭނެއެވެ. އޭރު ރައްޔިތުންގެ މަޖިލީހުގައި ބިލް ފާސްކުރަން ވޯޓުދެނީ އަތްމައްޗަށް ނަގައިގެންނެވެ. އެހެންކަމުން ވޯޓަށް އަހާ ގަޑީގައި ހުރިހާ މެންބަރުން ވެސް އަތް މައްޗަށް ނަގަން ޖެހޭނެއެވެ. އަތްމައްޗަށް ނުނަގާ މެންބަރުން ވަންނަން ޖެހޭނީ ޖަލަށެވެ. ކޮންމެވެސް އެހެން މައްސަލައެއް ބޮލުގައި އަޅުވާފައެވެ.
އަދިވެސް ރާއްޖޭގެ ސަރުކާރުތައް ހިނގަނީ މި ދެންނެވި ހަމަތަކުގެ މަތީންނެވެ. ގާނޫނުއަސާސީގައި ބާރުތައް ވަކިވެފައިވާ ކަމަށް ލިޔެފައި ވިޔަސް މިހާރުވެސް ދައުލަތުގެ ތިންބާރު ކޮންޓްރޯލް ކުރައްވަނީ ކުރިންވެސް ދެންނެވިފައިވާ ގޮތަށެވެ. ބަދަލުވީ ހަމައެކަނި ނަމެކެވެ. މިސާލަކަށް ބިންބިމާބެހޭ ގާނޫނެއް އޮވެއެވެ. އެހެނަސް އެގާނޫނު އޮންނަނީ މަތާރަންފިލާގެ މަތީގައި ހިރަފުހާ ތަތްތެޅިފައެވެ.
ދައުލަތުގެ ބަޖެޓަކީވެސް މިކަހަލައެއްޗެކެވެ.
ބަޖެޓްގައި ހިމަނާފައިނުވާ އެއްވެސް ކަމަކަށް ބަޖެޓުން ޚަރަދު ކުރުމުގެ ބާރެއް އެވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. ބަޖެޓަކީ ރައްޔިތުންގެ މަޖިލީހުން ގާނޫނު ހަދައި ފާސް ކުރާގޮތަށް ފާސްކުރާ އެއްޗެކެވެ. އެހެންކަމުން މިސާލަކަށް އެ ބަޖެޓްގައި އައްޑޫ ކޯޒުވޭއެއް ހަދަން ފާސްކޮށްފައިވަނިކޮށް އެ ފައިސާ އެކަމަށް ޚަރަދުނުކޮށް އެހެން ކަމަކަށް ޚަރަދުކުރުމަށް ހުއްދަދެވޭނޭ އެއްވެސް ވެރިޔަކު ނުހުންނާއެވެ.
މިސާލަކަށް މިއަހަރުގެ ބަޖެޓްގައި ރަސްމާލެ ހަދަން ބަޖެޓް ކޮށްފައިނުވާނަމަ ދައުލަތުގެ މިއަހަރުގެ ބަޖެޓުން ރަސްމާލެ ހެދުމަކީ ގާނޫނީ ކުށެކެވެ. އެހެނަސް ރައީސް ވިދާޅުވާ ކޮންމެކަމެއްވެސް ވަޒީރުން އަންބާ ކިޔާފައި ކުރައްވާނެއެވެ. އެއީ ގާނޫނާ ޚިލާފު ކަމަކަށް ވިޔަސް މެއެވެ.
މިސާލަކަށް ދައުލަތުގެ ބަންޑާރަ ބިމެއް ރައްޔިތަކަށް ފަތްލިޔެ ދީފައި ވަނިކޮށް އެ ބިން އަތުލާ އެހެން ތަންތަނަށް ބަދަލުކޮށް ނުހެދޭނެއެވެ. އެއީ ގާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫނެވެ. އެހެނަސް ކޮމެޓީއަކުން މިފަދަ ބޮޑެތި ޖަރީމާތައް ހިންގަމުން ދާއިރު ބަންޑާރަނާއިބު ވެސް އެ އިންނަވަނީ ގަހުވަ ހިއްޕަވައިގެން ބާވައެވެ.
މިކަހަލަ އެތައްކަމެކެވެ. މާނައަކީ ގާނޫނު އަސާސީ ބަދަލުވިޔަސް އިންސާނުން ބަދަލުނުވާނަމަ އެއިން ކުރާނެ ފައިދާއެއް ނުފެންނާނެއެވެ.
ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު