ރައީސް ޓްރަމްޕަށް 4 ރަތްރޮނގުގެ އިމެއް ޝީ ޖިންޕިން ކަނޑައަޅުއްވައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޑޮނާލަޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ ތަޚުތުގައި އިށީނދެވަޑައިގަތުމުގެ 2 މަސްދުވަސް ކުރިން އެމަނިކުފާނަށް ހުރަސް ނުކުރެވޭނެ ހަތަރު ރަތް ރޮނގު ހިމެނޭ އިންފާރެއް ޗައިނާގެ ރައީސް ޝީ ޖިންޕިން ކަނޑައަޅުއްވައިފި ކަމަށް ބިޒްނަސް އިންސައިޑަރުން މިއަދު ހަވީރު ޚަބަރު ދީފިއެވެ.

އެއީ ޗައިނާގެ ތަރައްގީއާއި ގުޅިފައިވާ އަދި އެމެރިކާއިން އަތްނުލެވޭ ވަރަށް ހޫނު ބަޓަންތަކެއް ކަމަށްވެސް ބުނެފައި ވެއެވެ. އެމެރިކާއާއި ޗައިނާ ގުޅުމާބެހޭ 4 ރަތް ރޮނގު ހިމެނޭ އިންފާރު ޝި ޖިންޕިން އިއުލާން ކުރައްވާފައިވަނީ ޕޭރޫގެ ލީމާގައި ބޭއްވުނު 31 ވަނަ އޭޕެކް އިގްތިސާދީ ލީޑަރުންގެ ބައްދަލުކުރެއްވުމުގެ ހަވާސާގައި ރައީސް ޖޯ ބައިޑްންއާ ބައްދަލު ކުރައްވާފައެވެ. އެ 4 ރަތް ރޮނގު ހުރަސްކުރުމުގެ ވިސްނުން ނުގެންގުޅުމަށް ރައީސް ޝީ ޖިންޕިން ވަނީ ރައީސް ބައިޑްން އަށް ވިދާޅުވެފައެވެ. އަދި އެއީ އެމެރިކާއާއި ޗައިނާގެ ސަލާމަތީ ކަންތައް އަރިއަޅާލައިފިނަމަ ހިފަހައްޓަން އޮތް ގާރޑްރެއިލް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.  ދުނިޔޭގެ އިގްތިސާދުގެ ބޮޑު 2 ބާރު ކަމަށް ބެލެވޭ އެމެރިކާއާއި ޗައިނާއިން ރައީސް ޓްރަމްޕްގެ ޒައާމަތުގައި ދިމާ އިދިކޮޅަށް ދަތުރުކުރާ މިސްރާބެއް އިޚްތިޔާރުކުރުމަކީ ދުނިޔޭގެ އިގްތިސާދަށް ވަރަށް ދަތި ދުވަސްތަކެއް ކުރިމަތިވެދާނެ ނިންމެވުމެއްކަމަށް ބެލެވެއެވެ.

ރައީސް ޓްރަމްޕުގެ ވިސްނުންފުޅު ހުރީ ޗައިނާއާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގެންނަގޮތަށް ކަމަކަށް ނުފެނެއެވެ. ޓްރަމްޕުގެ ޚާރިޖީ ވަޒީރަކަށް އައްޔަންކުރައްވާނެ ކަމަށްބެލެވޭ މާރކޯ ރޫބިއޯ އަކީވެސް ޗައިނާއާއި ވަރަށް އިދިކޮޅު ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ވެއެވެ. އަދި ޓްރަމްޕް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ޗައިނާގެ އުފެއްދުންތަކުން %60 ގެ ޓެކްސް އެއް ނަންގަވާނެ ކަމަށެވެ.

އެ 4 ރަތްރޮނގުގެ ތެރެއިން އެންމެ ފުރަތަމަ ރަތްރޮނގަކީ ތައިވާނެވެ. ބެއިޖިންގް އިން ދެކެނީ ތައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ.

ޓްރަމްޕުގެ ރިޔާސަތުގައި ތައިވާނަށް ކޮންމެވެސް ވަރެއްގެ އުދަނގުލެއް ކުރިމަތިވެގެން ދާނެކަމަށް ބެލެވެއެވެ. މި ދިޔަ ޖޫންމަހުގެ ތެރޭގައި ބުލޫމްބާރގް ބިޒްނަސްވީކުގައި ވާހަކަފުޅުދައްކަވަމުން އެމެރިކާއިން ތައިވާނުގެ ދިފާއަށް މަދަދު ކުރާނީ އަގެއް ދޭންޖެހޭ ގޮތަށްކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ރައީސް ޝި ޖިންޕިން އާއި ރައީސް ޖޯ ބައިޑްންގެ ބައްދަލުކުރެއްވުމުގައި 2 ގައުމުގެ މަސްރަޙް ފިނިކުރަން ބޭނުންކަމަށް ބާރު އެޅުއްވިއެވެ. ރައީސް ބައިޑްންގެ ބާކީ އޮތް މަދު ދުވަސްކޮޅުގައިވެސް މިކަމަށްޓަކައި ޚާއްސަ ކޮމިޔުނިކޭޝަން ލައިނެއް ގާއިމް ކުރެއްވުމަށް ރައީސް ބައިޑްން ނިންމަވާފައިވާ ކަމަށް ވައިޓްހައުސްއިން މައުލޫމާތު ދީފައިވެއެވެ.

އެޓްލާންޓިކް ކައިންސިލްގެ ޖިއޯ-އިކޮނޮމިކް ސެންޓަރ ގެ ޑިރެކްޓަރ ޖޯސް ލިޕްސްކީ ބުނެފައިވަނީ ރައީސް ޓްރަމްޕްގެ ރިޔާސަތުގައި ޗައިނާއާއެކު ގުޅުން ރަނގަޅުވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ރައީސް ޓްރަމްޕް އަކީ ގޮތް ދޫނުކުރައްވާ ބޭފުޅެކެވެ. އަދި ކޮންމެ މުއާމަލާތެއް ދެކިވަޑައިގަންނަވާނީ ގޮންޖެހުން ކުރިމަތި ލައްވަންޖެހޭ ވިޔަފާރިއެއްގެ ގޮތުގައެވެ.

ލިޕްސްކީ ދެކޭގޮތުގައި ޓްރަމްޕް ވައިޓްހައުސްއަށް ވަޑައިގަތުމާއެކު އެމަނިކުފާނު ގަސްދުކުރައްވާ ވިޔަފާރީގެ ހަނގުރާމަ ފަށްޓަވާނެއެވެ. އަދި ޓްރަމްޕްގެ ފުރަމަ ރިޔާސަތުގައި ޗައިނާއާއެކު ކުރި ވިޔަފާރީގެ ޑީލް އަށް ޗައިނާއިން ހުރުމަތްތެރިކޮށް ނުހިތުމުގެ ރުޅިގަނޑު ބާލާނެއެވެ. ޓްރަމްޕްގެ ކުރީ ދައުރުގައި ޗައިނާއިން އެއްބަސް ވެފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި 200 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އެމެރިކާއާއެކު ކުރުމަށެވެ. އޭގެއިތުރުން 32 ބިލިއަން ޑޮލަރުގެ ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު އެމެރިކާއިން ގަތުމަށެވެ. މި އެއްބަސްވުން 2022 ގައި ނިމުނު އިރު ޗައިނާއިން އެއަދަދަށް ވިޔަފާރު ކުރެވިފައެއް ނުވެއެވެ.

ލިޕްސްކީ ބުނެފައިވަނީ ރައީސް ޓްރަމްޕް މިހާރު ވިދާޅުވަމުން ގެންދިޔަސް ޗައިނާއިން އެތެރެކުރާ މުދަލުން %60 ޓެކްސް ނަގާނެހެން ހީނުވާ ކަމަށެވެ. އެހެންނަމަވެސް އެމެރިކާއަށް އެހެން ގައުމުތަކުން އެތެރެކުރާ މުދަލުގެ އިމްޕޯރޓް ޓެކްސްއަށް ޓްރަމްޕްގެ މި ދައުރު ފެށުމާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް