ވިހަ ދުން ފެތުރެމުން އަންނާތީ ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަރަށް ވުރެ މައްޗަށް ދުމުގައި އެކުލެވިގެންވާ ވިހަ އަސަރު 60 ގުނަ އަށް ވުރެ މައްޗަށް ދިއުމުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

އިންޑިއާގެ ޕޮލިއުޝަން ކޮންޓްރޯލް އޮތޯރިޓީން ވަނީ ދިއްލީގެ ވައި ”ސީވިއާ ޕްލަސް“ ގެ ގޮތުގައި ގިންތިކޮށްފަ އެވެ. މިއީ ފިނިމޫސުމުގައި އެ ސިޓީގައި ކޮންމެ އަހަރަކުވެސް ތަޖުރިބާކުރަން ޖެހޭ ހާލަތެކެވެ.

ދިއްލީގެ ވައި ތަޣައްޔަރުވަމުންދާ މިންވަރު އިންތިހާއަށް އިތުރުވެފައި ވާތީ އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ ދިއްލީގެ އިތުރުން ނޭޝަނަލް ކެޕިޓަލް ރީޖަން (އެންސީއާރު) ގެ ސްކޫލްތައް ބަންދުކުރަން ތާރީޚީ އަމުރެއް ނެރެފައެވެ.

އެގޮތުން ދިއްލީގައި ޗީފް މިނިސްޓަރު އާތިޝީ ވަނީ ހުރިހާ ސްކޫލްތަކެއް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައެވެ. ނަމަވެސް ގްރޭޑް 10 އަދި 12 ގެ ދަރިވަރުން ބޯޑު އިމްތިހާނަށް ތައްޔާރުވަމުން ދަނިކޮށް މި ހާދިސާ ކުރިމަތިވެފައި ވާތީ ފިޒިކަލް ކްލާސްތަކުގައި ބައިވެރިވުމުގެ ހުއްދަ އެ ދަރިވަރުންނަށް ވަނީ ދީފައެވެ. އަދި ވަކި ގޮތެއް އަންގަންދެން ދިއްލީގެ ސްކޫލްތައް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ބަދަލުކޮށްފައެވެ.

ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް މަނާކުރުމުގެ އިތުރުން އެ ސިޓީން ވަނީ ޒަރޫރީ ބޭނުމެއް ނެތް ޓްރަކްތައް ދިއްލީއަށް އެތެރެވުން މަނާކޮށް، ހުރިހާ އޮފީސްތަކުގެ 50 އިންސައްތަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވެސް އަންގާފައެވެ.

މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ކޯލް، އަލިފާން، ލަކުޑި ބޭނުން ކުރުމުގެ އިތުރުން އިމަޖެންސީ ނޫން ހިދުމަތްތަކަށް ޑީސަލް ޖަނަރޭޓަރު ބޭނުންކުރުންވެސް މަނާކޮށްފައެވެ.

ދިއްލީގެ ވައި ނުސާފުވެފައި ވަނީ އަވަށްޓެރި ސަރަޙައްދުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތަށް  ކުނި އަންދާ، ފެކްޓްރީތަކާއި ޓްރެފިކް ދުމުގެ އަސަރުގެ ސަބަބުންނެވެ.

ވިހަ ދުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކަށް ސިއްހީ މައްސަލަތައް ދިމާވެއެވެ. ހާއްސަކޮށް ކުޑަކުދިންނާއި،މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ ސިއްހަތަށް ނުރަނގަޅު އަސަރު ކުރާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް