ކަމަލާ ހަރިސް ބަލިކުރައްވައި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް
2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 69 އިލެކްޓޮރަލް ވޯޓުގެ ތަފާތަކުންނެވެ. މި ނަތީޖާއާއެކު ޑޮނާލަޑް ޓްރަމްޕްވެގެން އެ ދިޔައީ އެމެރިލާގެ 47 ވަނަ ރައީސަށެވެ. މިއީ ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ ތަޚުތު ކާމިޔާބު ކުރެއްވި 2 ވަނަ ފަހަރެވެ.
ފުރަތަމަ ދައުރު ނިމިގެން ދިޔައީ އެމަނިކުފާނަށް ތާއީދުކުރާ މީހުން އެމެރިކާގެ ކެޕިޓްލް ހިލް ( ރައްޔިތުންގެ މަޖިލީސްކުރާގެ ) އަށް ވަދެގަނެ، ބޮޑެތި ޖިނާއީ ކުށްތަކެއް ހިންގުމަށްފަހުގައެވެ. 2 ވަނަ ފަހަރަށް ވައިޓް ހައުސް އަށް ޓްރަމްޕް އެ ވަޑައިގަތީ ގިނަ ޖިނާއީ ދައުވާތަކަކާ ކުރިމަތިލުމަށްފަހު އަދި އެމަނިކުފާނު ވެސް 2 ފަހަރަކު މަރުއެތި ފަހަރަކާ ވެސް ކުރިމަތި ލެއްވުމަށްފަހުގައެވެ. ކެޕިޓްލް ހިލްގައި މާރާމާރީ ހިންގި މައްސަލާގައި ޖަލަށްލާފައި ތިބި އޭނާގެ ސަޕޯޓަރުންނަށް ރިޔާސީ ތަޚުތުގައި އިށީނުމުގެ ކުރިން މިހާރު މައާފް ދީ ނިންމާލާއިފިއެވެ. މިއީ އެމެރިކާގައި ކަންތައް ކުރާގޮތެވެ. އަޅުގަނޑުމެންގެ ސިސްޓަމާ ތަފާތެވެ.
ޑޮނާލްޑް ޓްރަމްޕުގެ ކާމިޔާބީއާ ގުޅިގެން ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ “ މިއީ އެމެރިކާއަށް ސިޔާސީ ގޮތުން ދިމާވެފައިވާ އެންމެ ޚުތޫރަތްތެރި ދުވަސްތައް ކަމަށާއި މި ގައުމަށް ބޭނުންވެފައިވާ އިސްލާހުތައް ވަރަށް ގިނަ ކަމަށެވެ. އަދި އެއީ މާދަމާއަށް ފަސްކުރެވެން ނެތް އިސްލާހުތަކެކެވެ.“
ރައީސް ޓްރަމްޕް ވެގެން މިދިޔައީ ރިޔާސީ ތަޚުތު ގެއްލުމަށްފަހު 4 އަހަރު ފަހުން އަނެއްކާ އޯވަލް އޮފީހަށް ވެދެވަޑައިގެންނެވި 2 ވަނަ ރައީސްއަށެވެ. މީގެ ކުރިން 1893 ވަނައަހަރު އެގޮތަށް ދިމާވެފައިވަނީ އެމެރިކާގެ 22 ވަނަ އަދި 24 ވަނަ ރައީސް ގްރޯވަރ ކްލީވްލޭންޑަށެވެ.
ޑޮނާލްޑް ޓްރަމްޕުގެ ކާމިޔާބީގައި އެމަނިކުފާނުގެ ހިތްވަރާއިކެރުން ވަރަށް ބޮޑު ހިއްސާއެއް އަދާކޮށްފައިާކަން ގަބޫލުކުރަންޖެހެއެވެ. ކަސްބީ އަންހެނުންނާ އަޅުވައިގެންވެސް ގިނަ ވާހަކަތަކެއް އަޑު އިވިގެން ދިޔައެވެ. ޑޮނާލަޑް ޓްރަމްޕާއި އަޅާކިޔާއިރު ކަމަލާ ހަރިސްގެ ކެމްޕޭނުތައްވެސް ދިޔައީ މާ ލޮނުމަޑުކޮށް ކަމުގައި މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.
ޑޮނާލްޑް ޓްރަމްޕުގެ ރިޔާސަތުގައި އެމެރިކާގެ ޓެކްސް ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ. އެމަނިކުފާނުގެ ކެމްޕޭން ތެރޭގައި ތަކްރާރުކޮށް ވިދާޅުވަމުން ގެންދެވީ ޗައިނާ ފިޔަވައި އެހެން ކޮންމެ ގައުމެއްގެ އުފެއްދުން އެމެރިކާއަށް އެތެރެކުރާނަމަ %10 ގެ ޓެކްސްއެއް ދައްކަން ޖެހޭނެ ކަމަށާއި ޗައިނާގެ އުފެއްދުންތަކަށް %60 ގެ ޓެކްސްއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެމެރިކާގެ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ރައްކުރާނެ ކަމަށާއި މުސްލިމް އާބާދީ ގިނަ ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުމަށް މެދުވެރިކުރުވާފައިވާ ހުރަސްތައް އަލުން ނައްތާލައްވާނެ ކަމަށެވެ.
އެމަނިކުފާނު ގެންނަވާނެކަމަށް ވިދާޅުވަމުން ގެންދަވާ އެހެން ބަދަލުތަކުގެ ތެރޭގައި އެމެރިކާގެ ފަސްގަނޑުގައި ވިހާ ކޮންމެ ކުއްޖަކަށް އޮޓޯމެޓިކުން ރަށްވެހިކަން ލިބޭ ގޮތަށް މިހާރު އޮންނަ ގާނޫނު ބަދަލު ކުރާނެ ކަމަށާއި އަދި ޔޫކްރެއިންގެ ބައެއް ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލައިގެން ހަނގުރާމަ ނިންމުމަށް ބާރު އަޅުއްވާނެއެވެ. ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނޭޓޯގައި އެމެރިކާގެ ދައުރު އިތުރަށް މުތާލިއާ ކުރުމާއި އެމެރިކާއިން ނޭޓޯއާއި ބެހޭ ގުޅުންތައް އަލުން ކަނޑައެޅުމަށާއި ސުޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުންނަކީ ދީނީ ފިކުރުގެ ބޭފުޅުން ކަމުގައި ހެއްދެވުމެވެ.
ކޮންމެ އިންތިޚާބެއްވެސް ކާމިޔާބު ކުރެވޭނީ އެންމެ ކެންޑިޑޭޓަކަށެވެ. ނާކާމިޔާބުވާ ކެންޑިޑޭޓަކަށް ބަދުބަސް ބުނުމަކީ ހުރިހާ ގައުމެއްގެވެސް އާދައެވެ. ކަމަލާ ހަރިސްގެ ނާކާމިޔާބީއަކީ ވެސް އިސްތިސްނާއެއް ނޫނެވެ. ޑިމޮކްރެޓުންގެ އިސްބޭފުޅުން ގެންދަވަނީ އެކަމަނާއަށް ހުރިހާ ފަރާތަކުން ފާޑުކިޔަމުންނެވެ.
ރައީސް ޓްރަމްޕް އެމަނިކުފާނުގެ 2 ވަނަ ސަރުކާރުގެ މުހިންމު މަގާމުތަކަށް ބޭފުޅުން އިޚްތިޔާރު ކުރެއްވުމަށް ފަށްޓަވައިފިއެވެ. އަޅުގަނޑުމެންގެ ތެރޭގައި ރައީސްގެ ކެބިނެޓަކީ ބޮޑު ސިއްރެކެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް ހަމަޖައްސަވަން ގަސްދުކުރައްވާ ބޭފުޅުން ކުރިން އާންމުކޮށް އެނގޭނަމަ މިހާރު ބައެއްފަހަރު ދިމާވަމުންދާ ގޮތަށް ހަފުތާއެއްހާދުވަސްފަހުން ވަޒީފާއިން ވަކިކުރުމާއި އެހެން މަގާމަކަށް ބަދަލުކުރުން މަދުކުރެވިދާނެއެވެ.
އެންމެ ފުރަތަމަ ޗީފް އޮފް ސްޓާފްގެ މަގާމަށް އިޚްތިޔާރު ކުރައްވާފައިވަނީ އެމަނިކުފާނުގެ ކެމްޕޭނުގައި ސީނިއަރ އެޑްވައިޒކަށް އުޅުއްވި 67 އަހަރުގެ ސޫޒީ ވައިލްސް އެވެ.
ކެމްޕޭނުތެރޭގައި އެކަމަނާ ފާހަގަކުރެވިފައިވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުކިއުމުގެ ބަދަލުގައި ރައީސް ޓްރަމްޕަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރައްޔިތުންނަށްޓަކައި އަޅުއްވަން ނިންމަވާފައިވާ މުހިންމު ރަނގަޅު ފިޔަވަޅުތައް ވިސްނާދިނުމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި ކުރީ ސަފުން ޖާގަ މިލިބެނީ އިދިކޮޅު ބޭފުޅުންނަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި، ކަލަގޮވައި ބަދުނާމުކޮށް އަބުރު ނަގާލަން މަސައްކަތް ކުރާ މީހުންނަށެވެ.
ރައީސް ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ މަގާމަށް ނަންގަވާފައިވަނީ މައިކް ވޯލްޒް އެވެ. އެ ބޭފުޅާއަކީ ސިފައިންގެ ތެރެއިން މުސްކުޅި ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑޮނާލްޑް ރަމްސްފީލްޑާއި ރޮބާރޓް ގޭޓްސްގެ ދިފާއީ ވަޒީރު ކަމުގައި ޕެންޓަގަންގެ ޕޮލިސީ އެޑްވައިޒަރުގެ މަގާމު އެ ބޭފުޅާ ވަނީ ފުރުއްވާފައެވެ. މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމާއި ރަޝިޔާއާއި އުތުރު ކޮރެއާ ސިފައިން ޔޫކްރެއިނަށް ދޭ ހަމަލާތަކާއި މި ދުވަސްވަރު ދުނިޔެއަށް ކުރިމަތިވެފައިވާ ހަނގުރާމައިގެ ބަނަކަން ނައްތާލުމުގައި އެމެރިކާގެ އެންމެ ކުރީ ސަފުގައި ހުންނަވާނީ އެބޭފުޅާއެވެ.
62 އަހަރުގެ ޓޮމް ހޯމަން އަށް ހަވާލު ކުރައްވާފައިވަނީ އެމެރިކާއަށް ނުގަވައިދުން އެތެރެވެފައި ތިބި މީހުން ހޯދައި އެމެރިކާއިން ފޮނުވާލުމާއި އަދި އެމެރިކާގެ ބޯޑަރުތަކަށް ފާރަލުމުގެ އުދަނގޫ ވަޒީފާއެވެ. ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އެ ބޭފުޅާއާއި ހަވާލު ކުރައްވާފައިވަނީ އިމިގްރޭޝަނާއި ކަސްޓަމްސް ބެލެހެއްޓުމެވެ.
ޔުނައިޓެޑް ނޭޝަންސްގައި ހުންނަވާ ސަފީރަކަށް ނަންގަވާފައިވަނީ އުމުރުން 40 އަހަރުގެ އެލިސޭ ސްޓެފާނިކް އެވެ. އެމެރިކާގެ މަޝްހޫރު 2 ޔުނިވަރސިޓީ ކެމްޕަސްގައި ހިނގަމުންދިޔަ އެންޓި-ސެމަޓިކް ހަރަކާތްތަކާގުޅޭ ގޮތުން އެ ޔުނިވަރސިޓީތަކުގެ 2 ރައީސުންނަށް އެކަމަނާ ކުރިމަތި ކުރި ސުވާލުތަކާހުރެ އެ 2 ބޭފުޅުން އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގަންނަވަން މަޖުބޫރު ކުރެއްވުން އެކަމަނާގެ ސިޔާސީ ހަރަކާތުގައި ފާހަގަކުރެވިގެން ދިޔައެވެ.
ސެނޭޓަރ މާރޯ ރޫބިއޯ ވެގެންދާނެ ކަމަށް ބެލެވެނީ އެމެރިކާގެ އެންމެ އިސް ޑިޕްލޯމެޓްގެ ވަޒީފާ ހަވާލުކުރެވޭ އެންމެ ފުރަތަމަ ލެޓިން ނަސްލުގެ ބޭފުޅާ ކަމުގައެވެ. ރައީސް ޓްރަމްޕްގެ ޚާރިޖީ ވަޒީރަކަށް ވެވަޑައިގަންނަވާނީ އެބޭފުޅާކަމަށް ބެލެވެއެވެ.
ރައީސް ޓްރަމްޕުގެ ކެބިނެޓަށް ނަންގަވާފައިވާ އެންމެ ހައިރާންކުރަނިވި ވަޒީރަކީ ފޮކްސް ނިއުސް ޗެނެލްގެ ހޯސްޓް ޕޭޓް ހެގްސޭތުއެވެ. އެމެރިކާގެ ދިފާއީ ވަޒީރަކަށް އެބޭފުޅާ އިޚްތިޔާރު ކުރެއްވުމެވެ. އެބޭފުޅާއަކީ އިރާގާއި އަފްގާނިސްތާނާއި ކިއުބާ އަދި ގުއަންޓަނަމޯބޭ ގައި އެމެރިކާ ސިފައިންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.