ސްރީލަންކާއަކީ އަންޒަމާނުއްސުރެން ދިވެހިންގެ ދެވަނަ ވަޒަނޭ ބުނުމަކީ ހަގީގަތާ ޚިލާފު ބުނުމަކަށް ނުވާނެއެވެ. އަބަދުވެސް މި ދެ ގައުމުގެ ރައްޔިތުންނަކީ އެކުވެރި ރަޙްމަތްތެރި ބައެވެ. ނަސްލީ ގޮތުންވެސް ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތުމަކީވެސް ދުރުކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލުންގެ ކޮލީ ނަންފުޅުތައްވެސް ސިންގަޅަ ބަހާއި ވައްތަރު ގޮތެއް ހުރެއެވެ. ވެރިކަމުގެ ވައްޓަފާޅީގައި މިއަދާ ހަމަޔަށްވެސް އެއްގޮތް ގިނަ ކަންތަކެއް ފެންނާން އެބަހުއްޓެވެ. ވަކި އާއިލާތަކަކުން ނޫންބަޔަކަށް ވެރިކަން ނުކުރެވޭނެ ކަހަލަ ވިސްނުމެއް ދެ ގައުމުގައިވެސް ރައްޔިތުންގެ ބޮލަށް އޮންނަނީ ފައްތާފައެވެ.
ޚުލާސާ ގޮތަކަށް ބުނާނަމަ ވެރިކަން ކުރާ އާއިލާތަކަށް ފާޑުކިޔައި ބަދުބަސް ބުނުމަކީ ދެ ގައުމުގައި ވެރިކަމުގެ ފަރާތުން ރުހޭ ކަމަކަށް ނުވެއެވެ.
އެއްވެސް ކަމަކީ ދާއިމަށް ދެމިގެންދާނޭ ކަމެއް ނޫނެވެ. އިންސާނުންގެ ކެތްތެރިކަން ކޮޅުންލާނެ ދުވަހެއްވެސް އަންންނާނެއެވެ.
ސްރީލަންކާއަކީ އިންސާނުން ދިރިއުޅުމަށްޓަކައި ބޭނުންވާނެ ބައެއް ގުދުރަތީ ވަސީލަތްތައްވެސް ލިބިފައިވާ ގައުމެކެވެ. އެހެންނަމަވެސް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެރިކަމުގެ ވެށީގައި އުފެދެމުންދިޔަ ކޮރަޕްޝަންގެ ވަބާގައި ދާދި ފަހުން ސްރީލަންކާ ބަނގުރޫޓުނުވީ ހަމަ ކިރިޔާއެވެ. ތެލާ ގޭހާއި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކުން ގައުމުގެ ރައްޔިތުން މަހުރޫމް ކޮށްލެވިފައި ތިބި ދުވަސްތަކެއް ދާދި ފަހުން ފެނިގެން ދިޔައެވެ. އެ ދުވަސްވަރު ސްރީލަންކާއަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުން އެދި ވަރަށް ގިނަ ދިވެހި ރައްޔިތުންވެސް ދުއާކުރަމުން ގެންދިޔައެވެ.
އަޅުގަނޑުމެން މުސްލިމުންގެ އަގީދާއަކީ ދުއާކުރުމާއެކު އެ ހާލަތަކުން އަރައިގަތުމަށްޓަކައި ތިމަތިމާމެންގެ ވާޖިބުތައްވެސް އަދާކުރަން ޖެހޭނެއެވެ.
ސްރީލަންކާއަށް މެދުވެރިވެފައި އޮތް އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ކުރި މަސައްކަތުގައި އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ ދައްކަމުން ގެންދިޔަ ހިތްވަރާއި ނަމޫނާ ބަލައި ގަންނަންޖެހެއެވެ. ރައްޔިތުން ފާޅުކުރަމުން ގެންދިޔަ ޝޫއޫރުތަކުން ހިތްވަރު ލިބިގެން ސިޔާސީ މައިދާނަށް ނިކުތް ޒުވާނުންފިސާރި ވަރުގަދައަކަށް އެ މައިދާނުގައި ފައިތިލަ ސާބިތުކޮށްލިތަން ފެނިގެންދިޔައެވެ. އެތައް ޒަމާނެއްގެ ސިޔާސީ ތަޖުރިބާއާއެކު ވެރިކަން ކުރަމުންގެންދިޔަ އާއިލާތަކަށް ގޮންޖަހައިލަމުންނެވެ.
ސްރީލަންކާގެ ތަޖުރިބާކާރު ސިޔާސީ ވެރިން ގަސްދުކުރެއްވީ އެބޭފުޅުންގެ ވެރިކަން ރައްޔިތުން ކަށަވަރުކޮށްދޭނެކަން ސާބިތުކުރުމަށްޓަކައި އާންމު އިންތިޚާބަކަށް ދިއުމަށެވެ. ތަޖުރިބާއަކާ ނުލައި ނިކުމެތިބި ޅަދޮޅު ޒުވާނުންނަށް ހިތުން ނުފިލާވަރުގެ ރަނގަޅު ފިލާވަޅެއް ދަސްކޮށް ދިނުމަށެވެ.
އިންތިޚާބު ނިމިގެންދިޔައީ ތަޖުރިބާކާރު މުދައްބިރުން ކޮސްކޮށްލާފައެވެ. ރައްޔިތުން އިސްކުރީ ތަޖުރިބާއެއް ނެތްކަމަށް ބުނާ ޒުވާނުންގެ ކޮޅަށް ޖެހިލުމަށެވެ. ގައުމާއި ވެރިކަމަކީ ރައްޔިތުންގެ މިލްކެއްކަން ފިސާރި ރަނގަޅަށް ދައްކައިދީފިއެވެ.
އުމުރުފުޅުން 55 އަހަރުގެ އަނުރާ ކުމާރަ ދެސަނަޔަކެ އަށް ތާއީދުކުރެއްވި މީހުންނާއެކު ސްރީލަންކާގެ އާ ސަރުކާރު ހުވާކުރުމާއެކު ދެން އަވަސްވެ ގަތްތަން ފެނިގެންދިޔައީ ޕާރލަމެންޓްތެރެއިން ކުނިބުނި ފިލުވާލުމަށްޓަކައި އެ މުއައްސަސާގެ އިންތިޚާބު ބޭއްވުމަށެވެ.
ޕާރލަމެންޓް އިންތިޚާބުގެ ނަތީޖާއިން ފެނިގެންދިޔައީ ސްރީލަންކާގެ ރައްޔިތުންނަށް ހައިރާންކަން ގެނުވައިދިން ނަތީޖާއެކެވެ. އެ މުއައްސަސާގެ އިންތިޚާބުގައި ރައީސް ދެސަނައިކެއަށް ތާއީދުކުރައްވާ ބޭފުޅުން ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބު ކުރެއްވުމެވެ.
ސްރީލަންކާގެ ސިޔާސީ މައިދާނުން ފެނިގެން މިދިޔައީ ރައްޔިތުންނާއި ގައުމުގެ ވެރިކަމާހުރި ގުޅުމެވެ. ގަދަބާރުން ވެރިކަން ކުރެވޭނީވެސް ވަކި މުއްދަތަކަށްކަން ސްރީ ލަންކާގެ ރައްޔިތުން ދައްކާދީފިއެވެ. ލޭ އޮހޮރުވުންތަކެއް ނުހިނގައެވެ. ގައުމުގެ ރައްޔިތުން އިޚްތިޔާރުކުރި ވެރިންނަށް ކާމިޔާބު ލިއްބައިދިނީ ހުރިހާ ރައްޔިތުން ގުޅިގެންނެވެ.
އަޅުގަނޑުމެންގެ ރާއްޖޭގެ ހާލަތުވެސް މިހާރު މިވަނީ ވެރިކަމުގެ ފަރާތަށް ރައްޔިތުންގެ ނުރުހުން އަމާޒުވެފައޭ ބުނެވިދާނެއެވެ. ދެ މީހަކު އެއްތަންވެއްޖެނަމަ ދިރިއުޅުމުގެ އަގުތައް އަތް ނުފޯރާ ފެންވަރަށް އުފުލުމާއި ގައުމު ދަރައި ވިކި ހުރިހާ ދިމާއަކުން ކޮރަޕްޝަނާއި ފަސާދަ އާންމުވަމުންދާ ވާހަކަ ދެއްކުން އާންމުވެއްޖެއެވެ. މުއްސަނދިންގެ ނުފޫޒު ވެރިކަމުގެ މައްޗަށް ފެތުރިފައި އޮތްލެއް ބޮޑުކަން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައިފި ކަހަލައެވެ.
ގައުމުގެ ދޫ ގޮވަމުންދަނީ ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށް މި ގައުމު އަލުން ހެޔޮ މިސްރާބަކަށް ދަތުރުގެ މަންޒިލް ކަށަވަރުކޮށްދޭނެ ކެރޭ ހީވާގި ވެރިއަކަށެވެ. ގައުމަށްވުރެން ހަމަ އެކަކުވެސް އިސް ނުކުރެވޭނެއޭ އަމަލާއި ބަހުން ބުނަންކެރޭނެ ވެރިއެކެވެ. ގާނޫނާ ގަވައިދުތަކުގެ ކުރިމަތީގައި އެއްވެސް މީހަކު އިސްތިސްނާވެގެން ނުދެވޭނެކަން އަމަލާއި ބަހުން ސާބިތުކޮށް ދޭން ކެރޭ ވެރިއެކެވެ. ފަނޑިޔާރުންގެ އިންސާފުން ބަރީއަވެވޭނެ ހަމަ އެކަކުވެސް ނުހުނަނާނެކަން ޔަގީންކޮށްދޭން ކެރޭނެ ވެރިއެކެވެ.
2 Responses
ކީކޭ ކިޔަންތޯ ތިޔައުޅުއްވަނީ
ރާއްޖޭގައި މިހާރު ފޭލްވެފާވާ ސަރުކާރު ތަކަށާއި ކަރަޕްޝަނަށް ރައްޔަތުން ނޫނެކޭ ބުނެ ލަންކާގައި ހެދިހެން ސަރުކާރު ބަދަލު ކޮށްލާންވީއެވެ. އަދި ޙަރާމްކޯރު ވެފައިވާ ދޮގުން ފުރިފައިވާ މީހުނަށް މެމްބަރުކަމަށްވެސް ވޯޓް ނުދޭންވީއެވެ. ރައްޔަތުން އަތުން ( ދައުލަތުން ( ވަގަށް ނަގައިގެން އައިސް ދޭ ފައިސާއެއްވިއްޔާ އަތުލާފަ ވޯޓް ނުދޭންވީއެވެ. އޭރުން ގައުމު އިސްލާޙް ވީއެވެ.