ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް މިރޭ ހުޅުއްވައިދެއްވައިފިއެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ.
މި ބޭންކް ތަރައްޤީކޮށްފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އުމަރު ޝޮޕިން އާކޭޑް އިމާރާތުގައެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެ ބޭންކަށް ލައިސަންސް ދީފައި ވަނީ 13 އޮކްޓޫބަރު 2024 ގައެވެ.
މި ބޭންކްގެ ޚިދުމަތް ފެށުމުން، އިޤްތިޞާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ތަޢާރަފު ވެގެންދާނެ ކަމަށާއި މި ބޭންކް ހުޅުވުމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްޤީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ”ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް“ ގެ ނަމުގައި ދިވެހި ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ 16 މޭ 2024 ގައެވެ.