ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ޓެލް އަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރީ މައި މަރުކަޒަށް ބުދަ ދުވަހު ހަމަލާދީފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ހިޒްބުﷲ ޖަމާއަތުން ފުރަތަމަ ފަހަރަށް ޓެލްއަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމަލާދީ ވަނީ ގެއްލުންދީފައެވެ.
އެ ޖަމާއަތުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުން އިސްރާއީލުގެ މައިގަނޑު އަސްކަރީ މުއައްސަސާތައް ހިމެނޭ ”ހަކިރިޔާ ބޭސް“އަށް ޑްރޯންތަކުގެ ސްކޮޑްރަންއަކާއެކު ވައިގެ މަގުން ހަމަލާދީފައިވާ ކަމަށެވެ. ހަމަލާދީފައިވާ އެ ތަނަކީ އިސްރާއީލުގެ ”މިނިސްޓްރީ އޮފް ވާރ އެންޑް ޖެނެރަލް ސްޓާފް، ވާރ މެނޭޖްމަންޓް ރޫމް، އަދި އެއާފޯސްގެ އަސްކަރީ ކޮންޓްރޯލް އެންޑް އޮވަރސައިޓް އޮތޯރިޓީގައި“ ޚިދުމަތް ކުރާ އަސްކަރީ މަރުކަޒެއް ކަމަށް ހިޒްބުﷲ ޖަމާއަތުން ހާމަކުރެއެވެ.
މީގެ އިތުރުން ހިޒްބުﷲ ޖަމާއަތުން ވަނީ އިސްރާއީލުގެ ”އަމޯސް ބޭސް“ ކަމަށްވާ ލޮޖިސްޓިކަލް ސަޕޯޓާއި ދަތުރުފަތުރުގެ މައިގަނޑު އަސްކަރީ މަރުކަޒަށް ވެސް ހަމަލާދީފައެވެ.
އިސްރާއީލުގެ މައި މަރުކަޒަށް ހިޒްބުالله ޖަމާއަތުން ދިން ހަމަލާއާ ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ.
ހިޒްބުاللهގެ ބަދަލު ހިފުމުގެ ހަމަލާ ދީފައިވަނީ އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނަށް ހަމަލާދިންތާ ގަޑިއެއްހާއިރު ފަހުންނެވެ.
އެ ހަމަލާގައި ލުބުނާނުގެ 28 މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ހިޒްބުއްﷲއިން އިސްރާއީލަށް ހަމަލާދީފައި މިވަނީ ލުބުނާނުގެ ދެކުނުގައި އެ ގައުމުގެ ސިފައިންގެ 8 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލު ސިފައިން އިއުތިރާފުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުމާ ގުޅިގެން ހިޒްބުالله ޖަމާއަތުން އަންނަނީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުން އަންނަ ހަމާސް އަށް ތާއީދުކޮށް އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ރޮކެޓާއި ޑްރޯން ހަމަލާތައް ދެމުންނެވެ.
އޭގެ ފަހުން އިސްރާއީލުން ލުބުނާނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 3،360 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ޝަހީދުވެފައި ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ލުބުނާނުގެ ދެކުނަށް ބިމަށް އިސްރާއީލުން އަރައިގަތުމަށްފަހު ދިން ހަމަލާތަކުގައެވެ.