އެއްވެސް ސަރުކާރަކުން ފާސްކުރާ ބަޖެޓުން ޚަރަދުކުރި ގޮތުގެ ތަފުޞީލް ރައްޔިތުންނަށް ހާމަކޮށްދީފައެއްނެތް

Loading

Facebook
Twitter
WhatsApp

ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓެއް އޭރަކު އޮންނަ ސަރުކާރަކުން ފާސްކުރެއެވެ. ކޮންމެ އަހަރަކު ދައުލަތުން ބަޖެޓެއް ފާސްކުރަނީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ކޮށްދިނުމަށް ކަން އެނގިވަޑައި ގަންނަވާ އެެއްވެސް ވެރިޔަކު ސަރުކާރުތަކުގައި ނުތިބެއެވެ.

ކޮންމެ އަހަރަކުވެސް ބަޖެޓް ފާސްވުމުން ސަރުކާރުގެ އިސްވެރިން ހޭ ދެބައިވެއެވެ. ސަރުކާރުތަކުގެ ވެރިންގެ ނަޒަރުގައި ރައްޔިތުންގެ ބުރަމަސައްކަތުން ހޯދާފައި ހުންނަ ފައިސާއިން ކޮންމެ އަހަރަކު އެއްފަހަރު ބަޖެޓެއް ފާސްކުރަނީ ސަރުކާރުތަކުގެ އިސް ވެރިންގެ ޢިއްޒަތާ ޝަރަފާ ޖާހަތާ ލައްޒަތުގެ ބޭނުންތަށް ފުއްދުމަށެވެ.

  އަނެއްކޮޅުން ރައްޔިތުންގެ ބޭނުންތައް ފުއްދުމުގެ ނަމުގައި ބަޖެޓެއްފާސް ކުރުމަށް ފަހު ހަމަސްދުވަސް ނުވަނީސް އެބަޖެޓުން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދީ އެ އޮންނަނީ ހުސްވެފައެވެ. އަނެއްކާ ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ހުށަހަޅާއިރު ކުރިންފާސްކުރި ބަޖެޓް ހުސްކުރި ގޮތެއް ރައްޔިތުންނަކަށް ނޭނގެއެވެ. އެހެން ކަމާއެކު މިކަންކަން މިހެން ނުވާނޭ ގޮތެއް ރައްޔިތުން އެވަނީ ހޯދަން ޖެހިފައެވެ. ގައުމެެއްގެ ރައްޔިތުން ގަމާރުކަމުގެ ތެރެއިން ބޯދަމައި ނުގަނެވިއްޖެ ނަމަ މިއަށްވުރެ ގިނަގުނަ ހިތި ނަތީޖާެއާއި ކުރިމަތިލާން ޖެހިދާނެއެވެ.

  ސަރުކާރުތަކަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން އެތަށްފަހަރެއްގެ މަތިން ދީފިއެވެ. އެގޮތުން ސަރުކާރުތަކަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުން ކަންކަން ވަމުން އައިސްފައިވާ ދެރަ ގޮތްތަށް ރައްޔިތުން ތަޖުރިބާ ނުކުރުމުގެ ސަބަބުން އެއްހޮރަކުން ނުކުމެ ބައްތިރީސްފަހަރު ރައްޔިތުންގެ ގަޔަށް އެވަނީ ކަށިޖަހާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަންވާނީ އަބަދުވެސް މުސްތަގިއްލު ކޮށެވެ. ނޫންނަމަ ސަރުކާރު ޒިންމާދާރު ކޮށް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނުއޮންނާނެކަން ރައްޔިތުންނަށް އެނގެންވާނެއެވެ. އެހެންކަމަށް ވާއިރު ވެރިކަމަށް އައުމަށްޓަކާ ރަންއިލޮށިން ރައްޔިތުންނަށް ކަދުރު ކާންދޭ ވާހަކައަކީ ވެސް ހަމަ އެގިންތީގެ ވާހަކައެއްކަން ރައްޔިތުން ތަޖުރިބާ ކުރެވޭހާ ދުވަސް މާޒީއާއި އެކުވެ ހިނގައްޖެއެވެ.

  ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ލަނޑު ލިބިގެން ދަނީ ރައްޔިތުން ގަމާރުވީމައެވެ. ފައިސާކޮޅަކަށް ވޯޓްގަނޑު ވިއްކާލުމާއި ވެރިކަމަށް އައުމަށްޓަކާ ރައްޔިތުންގެ ބޮލަށް ސަވާރުވެ މާޒީގައި ވެރިން ހަދާފައިވާ ދޮގުތަކުގެ މައްޗަށް ރައްޔިތުން ބަލާންޖެހެއެވެ. ގައުމެއްގެ ކަންކަން ހަމަމަގަށް އެޅުވުމަކީ އެގައުމުގެ ރައްޔިތުންގެ ފަރުދީ ޒިންމާއެއްކަން ރައްޔިތުނަށް އެގެން ޖެހޭނެއެވެ. ވެރިކަން ލިބުމަށްފަހު އެއްވެސް ރައްޔިތަކަށް އެ ރައްޔިތުމިހާގެ ޝުޢޫރު ފާޅުކުރުމަކީ ސަރުކާރުތަކުން ފުރުޞަތު ދޭކަމެއް ނޫނެވެ.ފުލުހުންނާއި ސިފައިން ނެރެ ރައްޔިތުންގެ ގަޔަށް ލޮލަށް ބޮލަށް އަރާ ރައްޔިތުމީހާ ފައްސާލާފައިވާ ކަން ތަޖުރިބާއިން އެގެންވާނެއެވެ.

    ސަރުކާރުތަކުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވަމުން ދަނީ ޙައްދެއް ނެތް މިންވަރަށެވެ. މިކަން ކަން ބަލަހައްޓަން މިނިވަން މުސްތަގިއްލު މުވައްސަސާތަކެއް ހެދިފައިވީ ނަމަވެސް އެ މުވައްސަސާތައް މިނިވަން މުއްސަތަގިއްލެއް ނޫނެވެ.

އެކަން އެނގެނީ ރައްޔިތުންގެ ޙައްގު ރައްޔިތުނަށް ލިބެމުންދާތަނެއް ދުވަހަކުވެސް ފެނިފައި ނުވާތީއެވެ. ކިންނެ ވެރިޔަކުވެސް ވިދާޅުވެފައި ވަނީ އެއްވެސް މިނިވަން މުސްތަގިއްލު މުވައްސަސާއަކަށް އަތްޕުޅެއް ނުބާނުއްވަމޭ އެވެ. އެހެނަސް ރައްޔިތުން އެދޭގޮތަކަށް ދުވަހަކުވެސް ކަމެއް ނިމިގެނެއް ނުދެއެވެ. މިފަދަ އެތަކެއް އަރަތައެވެ. ރައްޔިތުންނަށް ބޯންދީގެން އުޅެނީކޮންކަހަލަ ގަހުވައެއްބާވައޭ ހިތައް އަރައެވެ.

 ކޮންމެއަކަސް ރައްޔިތުންގެ ފައިސާ ސަރުކާރުގެ ވެރިން ކަމުން އެދަނީ ރައްޔިތުންގެ ދޯހަޅިކަމާ ގަމާރުކަމުގެ ސަބަބުންނޭ ބުނުގެ ޖާގަ އެބައޮތެވެ. އޭގެ ތެރޭގައި ވެރިކަމުގައި އޮންނަ ޕާޓީއަކަށް މަޖިލިސްގެ މެޖޯރިޓީ ދިނުމާއި ވޯޓު ވިއްކުމާއި ވަޒީފާތަކާއި މަޝްރޫޢުތަކަށް ހޭބަލިވުންފަދަ ކަންކަން ރައްޔިތުންގެ ތެރެއިން މެޖޯރިޓީ އޮންނަފަރާތްތަކުގެ ޢަމަލުތައް ބިނާވެފައި އޮތުމެވެ. އެއީ ރަށްރަށުގައި ތިބޭ ލާރިކޮޅުކޮޅު ގެންގުޅޭ މީހުންގެ ސަބަބުން އާންމުރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެވެރިންގެ ދަލުގައި ޖެހުމުގެ ނަތީޖާއެވެ.

  މި ރާއްޖޭގެ މަދު ރައްޔިތަކު މެނުވީ ޑިމޮކްރަސީ ނުވެސް ދަނެއެވެ. އަދިވެސް ރަންތިރީސް އަހަރުގެ އާދަކާދަ ދިވެހި ފަސްގަނޑުން ފިލާ ނުދަނީއެވެ. މި ގައުމަކީ ރައްޔިތުން ހޭލުންތެރި ގައުމަކަށް ވީނަމަ އިރުއިރު ކޮޅާ ސަރުކާރުތައް ގޯސްވެގެން އެ ވާހަކަތައް ދައްކަން ނުޖެހުނީހެވެ. މިފަދަ މީސްކޮޅު މަދު ގައުމުގެ ރައްޔިތުންގެ ސިކުންޑިތައް ދޮވެލައިގެން ވެރިކަން ކުރުމުގެ ފުރުޞަތު ހޯދާކަން ރައްޔިތުންނަށް ރޭކާވެސް ނުލައެވެ. ބަޖެޓްތައް ފާސް ކުރަނީ ސަރުކާރުގެ ވެރިންނަށްޓަކައެވެ. ރައްޔިތުންނަށްޓަކައެއް ނޫނެވެ. ރައްޔިތުންގެ ލާރިކޮޅު ދިރުވާލައިގެން ދިއުމުން ކޮންމެ ފަސް އަހަރުން އެއްފަހަރު އަނެއްކާވެސް ފަސްމާވަލު ގުުރޫޕަކަށް ވެރިކަން ދެނީ ރައްޔިތުންގެ ބީތާ ކަމުންނެވެ.



Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް