ރާއްޖޭގެ އާބާދީގެ ދެޖިންސުގެ %70 ރައްޔިތުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ދެވިހިފާފައިވާ ރައްޔިތުންނެވެ. ސިނގިރޭޓު ފޮށްޓެއް 106 ރުފިޔާއަށް އަގުބޮޑުކުރިއިރު ރައްޔިތުން ތިބީ ރުހިގެންނެއް ނޫނެވެ. އޭރު ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި މިހާބޮޑަށް ދަތިނޫން ކަމުން ރައްޔިތުން މަޑުން ތިބީއެވެ. އެހެނަސް ރައްޔިތުންނަށް ދަތިބޮޑުވަމުން މިދާ ނިސްބަތަށް ބަލާއިރު ރައްޔިތުން މަޑުން ތިބޭނެކަމަށް ވިސްނައިގެން ތިބުމަކީ މޮޔަ ކަމެއް ކަމަށް ދެކެމެވެ.
ދުންފަތާއި ސިނގިރޭޓުގެ އަގު ބޮޑުކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރެވޭނެ މަގެއް ނޫނެވެ. ސިނގިރޭޓު ކޮންޓްރޯލް ކުރެވޭނެ މަގުތައް ނުހުޅުވާ ސިނގިރޭޓްގެ އަގު ބޮޑުކުރުމަކީ ނޭނގި ތިއްބާ އަނދައިފާނެވަރުގެ ކަމެކެވެ. ރައީސް އަލްމަރުޙޫމް މުޙައްމަދު އަމީންދީދީގެ ރައީސްކަން ނިމުމުގެ ޙަގީގީ ސިއްރަކީ ރާއްޖެއަށް ދުންފަތް އެތެރެކުރުން މަނާކުރުން ކަމަށް އޭރުގެ ޒުވާނުން މިހާރުގެ މުސްކުޅިން ބުނާތީ އަޑުއެހީމެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ސިނގިރޭޓު ފޮށްޓެއް 250 ރުފިޔާއަށް އަގު ބޮޑުކުރުމަކީ ރާއްޖެއަށް ސިނގިރޭޓު އެތެރެކުރުން މަނާކުރުންފަދަ ކަމެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ އިސްތިޢުމާލު ކުރަމުންދާއިރު 250 ރުފިޔާއަށް ސިނގިރޭޓު ފޮށްޓެއްގެ އަގު ބޮޑުކުރުމުން އެ އަގަށް ސިނގިރޭޓު ފޮށްޓެއް ގަނެވޭނެ ފެންވަރުގެ ރައްޔިތަކު ނުހުންނާނެ ކަމަށް ބަލަމާ ހިނގާށެވެ. އެހެންކަމުން ދުންފަތުގެ އިސްތުޢުމާލު ކުރާ ފަރާތްތަކަށް އެ އަގު ހަޖަމެއް ނުވެއެވެ. އެހެންކަމާއެކު އެކަން ޙައްލު ކުރުމަށްޓަކާ ރައްޔިތުން މަގުމަށްޗަށް ނުކުތުމަކީ ސަރުކާރަށް ފަސޭހަކަމަކަށް ނުވާނެއެވެ. ރައްޔިތުން މަގުތަކަށް ނުކުތުމުން ފުލުހުންނާއި، ސިފައިން ރައްޔިތުންގެ ލޮލަށް ބޮލަށް ކަރުނަ ގޭސް ޖަހަން ފަށާނެއެވެ.
ރައްޔިތުން ސަރުކާރަށް ޑިމާންޑުކުރުމަށް ސުލްހަވެރިކަމާއެކު އެއްވާ އެއްވުންތަށް އަނިޔާވެރި ޢަމަލަކުން ރޫޅާލުމަކީ ގާނޫނާއި ޚިލާފަށް ކުރާކަމެކެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށް ވާއިރު ރައްޔިތުންނަށް ސަރުކާރުގެ ސަބަބުން ލިބޭ ގެއްލުންތައް ޙައްލުކުރުމަށް ރައްޔިތުން މަގުމައްޗަށް ނުކުތުމަކީ ގާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިފައިވާ ހައްގެކެވެ. އެހެންކަމުން އެ ޙައްގުން ރައްޔިތުން މަޙުރޫމްކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ސަރުކާރަށް ލިބިގެނެެއްނުވެއެވެ.
ސިނގިރޭޓުގެ އަގު މިހާރަށްވުރެ އަގުހެޔޮ ނުކޮށްފިނަމަ ރައްޔިތުން މަގުމައްޗަށް ނުކުންނާނެކަން ކަށަވަރެވެ. އެހެންކަމާއެކު ސަރުކާރަށް ދަންނަވަން ޖެހެނީ ރައްޔިތުން ރުޅިނޭރުވުމަށާއި ރައްޔިތުންނަށް ދަތިވާ ބޮޑެތި ކަންކަން ޙައްލުކޮށްދީ ރައްޔިތުންގެ މަސްލަޙަތު ނުގެއްލޭނޭ ގޮތަކަށް ސަރުކާރުގެ ޢަމަލުތައް ބައްޓަން ކުރުމަށެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ދެވިހިފާފައިވާ ފަރާތްތަކުގެ އިޙުސާސްތަކަށް އިޙުތިރާމު ކުރުމަށް ވެސް ސަރުކާރަށް ގޮވާލަން ޖެހެއެވެ.
ގޯޅިގޯޅީގެ ކަންމަތިންނާއި ހޮޅުއަށިތަކުން ސަރުކާރަށް ބަހުގެ ވަރަށް ހޫނު ޙަމަލާތައް ރައްދުކުރަމުންދާ މި ދަނވަޅުގައި ރައްޔިތުން ސަރުކާރަށް ޑިމާންޑު ކުރުމަށްޓަކާ މަގުތަކަށް ނުކުތުމުގެ އަޑުތައްވެސް ވަނީ ފެތުރެން ފަށާފައެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ސިނގިރޭޓުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުތުމަކީ ސަރުކާރު އެދޭނެކަމެއް ނޫނެވެ. އެހެނަސް ރާއްޖޭގައި ދުންފަތް މަނާކުރުމުން ވީ ގޮތް ތަޖުރިބާކުރެވިފައިވާ މީހުންގެ އަޑު ސަރުކާރުން އައްސަވަން ޖެހޭނެއެވެ.
ހޮޅުއަށިތަކުގައި ވާހަކަ ދެކެވެނީ ސިނގިރޭޓުގެ އަގު ސަރުކާރުން ތިރި ކުރަންދެން ރައްޔިތުން ސުލްޙަވެރިކަމާއެކު މަގުމަތީގައި ގެއަށް ނުވަދެ ތިބޭނެ ކަމަށެވެ. ދުންފަތުގެ އަގުބޮޑު ކުރުމަކީ ރާއްޖޭގެ ތާރީޚު ހެކިދޭ ފަދައިން ރައްކާތެރި ކަމެއް ނޫނެވެ. ދުންފަތަށް ދެވި ހިފާފައިވާ ފަރާތްތަކުގެ އިޙުސާސްތައް އެނގޭނީ ދުންފަތަށް ދެވިހިފާފައިވާ މީހުންނަށެވެ. މިހާރުވެސް ރާއްޖޭގައި އެކަމާއި ގުޅިގެން ވައްކަން ކުރަންވެސް ވަނީ ފަށާފައެވެ. ސިނގިރޭޓު ވަކިން ވިއްކުމަކީ މަނާކަމަކަށް ވީނަމަވެސް ވަކިން ސިނގިރޭޓު ވިއްކައެވެ. ވަކިން ސިނގިރޭޓެއް ވިއްކާ އަގަކީ ް15 ރުފިޔާއެވެ.
މި ކަންކަމާ ހެދި މިވަގުތު ރައްޔިތުން ތިބީ ރަތަށް އަރާފައެވެ. ސިނގިރޭޓު ފޮށްޓެއްގެ އަގު ކުޑަވެގެން 50 ރުފިޔާއަށް ސަރުކާރުން ތިރި ކުރަންދެން ރައްޔިތުން ގެއަކަށް ނުވަންނާނެ ކަމަށްވެސް އަޑުފެތުރެމުން ދެއެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރަށް ގިނަ ޑިމާންޑްތަކެއް ކުރަން ރޭވިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ. ރާއްޖޭގެ ރައްޔިތުންނަކީ ބިރުފަހަނައަޅާ މަގުމައްޗަށް ނުކުތުމަށް ކުޅަދާނަ ބައެކެވެ.
5 Responses
ވަކި ވަރަކަށް ޒާތީ ވެވިއްޖެ ނަމަ ރަނގަޅު ކަމެއް (ނުރުހޭ މީހާއަށް) ނުކުރެވޭނެއެވެ. އޭރު ވެސް މީސްތަކުން ނެރުނީ ވެރިކަމަށް ފެންބޮވާފަ ތިބި ބައެއްގެ މަކަރުން (ދުންފަތް) ހުއްޖަތަކަށް ދައްކައިގެންނެވެ. މިއަދު ވެސް ތި ކުރަން އުޅެނީ އެގޮތަށް އެކަމެވެ. ތިމާ އިހަށް ހޭއަރާށެވެ. ފަސާދައަށް ގޮވުމުގެ ކުރިން މީސްތަކުންނަށް ދުންފަތުގެ ގެއްލުން ވިސްނައިދެވޭތޯ ބަލާށެވެ.
ސިނގިރޭޓު އަގުބޮޑުކުރުމުން އިޖުތިމާއީ ބޮޑުމައްސަލައެއް އުފެދޭނެއެވެ.
އެމައްސަލަ އަކީ ޑުރަށް ފައިސާހޯދާމީހާއެކޭ އެއްފަދައިން ސިނގިރޭޓަށް ފައިސާ ހޯދުމަށްޓަކައި ވައްކަމާއި މާރާމާރީއާއި ގެވެހި އަނިޔާ އިންތިހާޔަށް މައްޗައް ދިއުމެވެ.
ޔޭސް ވެރީ ޕޮސިބަލް. އެހެނަސް ވެރީން މަޖާކުރަން ބަޖެޓައް ލެވޭނެ ފައިސާ ގިނަވާނެ ނޫންތޯއެވެ؟
ފިތުނަ އުފެދޭފަދަ އާޓިކަލެއް ކަމަށް ފެނޭ. ރައްޔިތުން ހޭލުންތެރި ކުރުވައިގެން މި ނުބައި އާދައިން ސަލާމަތް ކުރުން ރަގަޅީ. ލިޔުންތެރިޔާ ސިނގިރޭޓް ބޭނުންކުރައްވާ ކަަމަށް ލަފާކުރެވޭ. ލިޔުންތެރިންނާ ނޫސްވެރިންވޭސް މީސްތަކުންނަށް ހެޔޮގޮތް ކިޔައިދޭންޖެހޭ.
ހުރިހާގޮތަކުންވެސް މިހާ ތަފާތު ދެމީހަކު މިހާ ބަދަވިކޮށް ގުޅެވުނީ ކީއްވެބާ؟ ތަޢުލީމަށް ބެލިޔަސް، ޙަރާމީ ރޮނގުން ބެލިޔަސް، ލަފާ ރޮނގުން ބެލިޔަސް މިއީ ހަމަ ލޮނާއި ފެނެވެ. ނުވަތަ ތެލާއީ ފެނެވެ. އެހެނަސް ހާދަ ބަދަވި ގުޅުމެކެވެ.