ސިހުރުވެރިންނާއި ޖާދޫގަރުންގެ ވާހަކަ ފެށުނު ހިސާބެއް ދުނިޔޭގެ ތާރީޚުގެ އެއްވެސް ހިސާބަކުން އެނގޭކަށް ނެތެވެ. ހަމައެފަދައިން ސިހުރުވެރިންނާއި ޖާދޫގަރުން ނެތް ޒަމާނެއްވެސް ތާރީޚުން އެނގޭކަށް ނެތެވެ. ބައެއް މުއައްރިޚުން ފާހަގަ ކޮށްފައިވާ ގޮތުގައި ފަހަކަށް އައިސް ސިހުރުވެރިންނާއި ޖާދޫގަރުންގެ ބާރު އެންމެ ބޮޑަށް ފެތުރިގެން ދިޔައީ އިނގިރޭސިވިލާތުގެ ވިކްޓޯރިއާގެ ރިޔާސަތުގައެވެ. އެއީ މީލާދީން 1837 އިން 1901 އަށެވެ.
އަޅުގަނޑުމެންގެ މި ލިއުމުގައި ޖާދޫގަރުންގެ އުކުޅުތަކާއި ޕޮލިޓިޝަނުންގެ އުކުޅުތައް އަޅާކިޔާކަށް ބޭނުމެއް ނޫނެވެ. ޕޮލިޓިޝަނުން ދައްކާ ވާހަކަ އަޑުއަހަން ތިބޭއިރު ތިމަތިމާމެންގެ ފޯކަސް ގެއްލިފައިވާ މިންވަރު ވިސްނާލުމުން ތަސައްވުރު ކުރެވޭނެއެވެ. ޕޮލިޓިޝަން އެ ދައްކަނީ ތެދު ވާހަކަ ނޫންކަން އެނގޭއިރުވެސް އެ ވާހަކަތަކަށް ތަރުހީބުދީ އަތްޖެހުމަކީ އަޅުގަނޑުމެންގެތެރޭގައި ވެސް އާދައެކެވެ.
ޖާދޫގަރުންގެ ފަންނުގައި ފޮރުވާފައި އޮންނަ ވަރަށް ގިނަ ސިއްރުތަކަށް ސައިންސްގެ ހޯދުންތަކުން އަލިވިލުވައިދީފިއެވެ. މިސާލަކަށް އިނގިރޭސިވިލާތުގެ ވިކްޓޯރިއާގެ ރިޔާސަތުގެ ޒަމާނުގައި ރައްޔިތުން ބިރުގެންނެވުމަށްޓަކައި ޖިންނި ފުރޭތަ އާންމުވެގެން ދިޔަ ގޮތަށް ބަލާލާށެވެ. ގޭހުން ދިއްލާ ބައްތިތަކުން ބޭރުކުރާ ކާރބަން މޮނޮކްސައިޑުން ހީވެސް ނުކުރާކަހަލަ ސޫރަތަކާއި އަޑުތައް ( ވަހުމް ނުވަތަ ފަރޭބް ޚިޔާލާތު ) އުފެއްދިދާނެކަމަށް ސައެންސްގެ އިލްމުން ދެނެގަނެވިއްޖެއެވެ. މިކަމަށް އިނގިރޭސި ބަހުން ހެލުސިނޭޝަން އޭވެސް ކީދާނެއެވެ.
ނަފްސާނީ އިލްމުވެރިންގެ ނަޒަރުގައި ކަމެއްގެ ހަގީގަތް ހާމަކޮށް އެނގޭއިރުވެސް އެކަމެއް އޮޅުވާލަން މަސައްކަތް ކުރުމަކީ އިންސާނުން ކުރަމުންގެންދާ ކަމެކެވެ. އެހެންނަމަވެސް އެންމެ ފާޅުކަން ބޮޑުގޮތެއްގައި އެއީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ ވަރަށް ޚާއްސަ ފަންނެކެވެ. މި ފަންނު ފެށިގެން އައިސްފައިވަނީ ޖާދޫ ހަދާ މީހުންގެ ކިބައިންނެވެ. އެމީހުންނަށް ހަގީގަތް އެނގޭއިރުވެސް ބެލުންތެރިންނަށް އޮޅުވާލަމުންގެންދަނީ ވަރަށް ކުޅަދާނަ ކަމާއެކުގައެވެ. ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި ޖާދޫގަރުންގެ ތަފާތަކީ ސިޔާސީ މީހުންގެ އުކުޅުތަކަކީ އަބަދުގެ އަބަދަށްޓަކައި ކަންތައް އޮޅުވާލުމެވެ. ޖާދޫގަރުން އެ ފަންނު ބޭނުންކުރަނީ ގިނަ ފަހަރަށް ވަގުތީ ގޮތުން މީހުން ހިތްހަމަޖައްސާދިނުމަށެވެ.
ސައެންސުގެ ހޯދުންތައް މީގެކުރިން އާންމުވެފައި ނެތުމާއެކު ވަރަށް ގިނަ އިލްމުވެރިންނަކީވެސް ޖިންނި ޝައިތާނުންނާއި ޖާދޫގަރުންދެކެ ޖެހިލުންވާ ބައެކޭ ވެސް ބުނެވިދާނެއެވެ. ބަލަން ތިބޭ މީހުން އޮޅުވާލައި އެންޓަރޓެއިން ކުރަން ހަގީގަތުގައި ޖާދޫގަރުން މިކުރާ ކަމަކީ ކޮބައި ހެއްޔެވެ؟
އެންތަނީ ބާރންހާރޓް އަކީ ޖާދޫގެ ތަޖުރިބާކާރަކަށްވުމުގެ އިތުރުން ނަފްސާނީ އިލްމުގެ ތަޖުރިބާކާރެއްވެސް މެއެވެ. އޭނާގެ ނަޒަރުގައި ގިނަ އިންސާނުންނަކީ ކަންތައްތަކުގެ ހަގީގަތް ދެނެގަތުމަކާ ނުލައި އަވަސް އަވަހަށް ގޮތެއް ނިންމުމުގެ ވިސްނުން އަށަގެންފައިވާ “ ކޮގްނިޓިވް މައިޒަރުންނެވެ. “ މި ވިސްނުމަށް ސައެންސްވެރިން ދީފައިވާ ނަމަކީ ޕީކް-އެންޑް-ރޫލް އެވެ. އެހެން ގޮތަކަށް ބުނާނަމަ އަބަދުވެސް އަވަސްއަރުވާލައިގެން ތިބެނީ އެކަމެއްގެ ނިމުން ދެކޭށެވެ. ކަންތައް ހިނގަމުން ދިޔަގޮތް ހަނދާނުގައި ބަހައްޓާކަށް ބޭނުމެއް ނުވާނެއެވެ. ޖާދޫގަރުންގެ ތަމްސީލުތަކުގައި މިކަމުގެ ފައިދާ ބޭނުންކުރާނެއެވެ.
ޖާދޫގަރުންގެ ކޮންމެ ތަމްސީލެއްގެ އެންމެފަހު ފިޔަވަޅަށް ދިއުމުގެ ކުރިން އެ ތަމްސީލެއްގައި އޭގެ ކުރިން ކުރި ކަންތައްތަކުގެ ޚުލާސާއެއް ކިޔާލަދޭނެއެވެ. ބޭނުމަކީ ބަލަން ތިބި މީހުންގެ ވިސްނުން ޚަރާބުކޮށްލުމެވެ. އޭނާގެ ވާހަކަތަކުގައި ކުރީގެ ބައެއް އުނިކޮށް އެހެން ބައެއް އިތުރުކުރާނެއެވެ. ބަލަން ތިބި މީހުންގެ ވިސްނުމުގައި ފެންނަމުންދާ ޖާދޫގެ ނިމުން އަންނާނެ ގޮތެއް ނޫން އެހެން އެއްވެސް އެއްޗެއް ނޯންނާނެއެވެ.
ބައެއް އާންމު ޖާދޫތަކުގައި ކުއްލިއަކަށް ކޮންމެވެސް ބާވަތެއްގެ ޖަނަވާރެއް ފެނިގެން ދިއުމާއި ތާސްބައިގެ ގަނޑުތަކުގެ ކުލަ ބަދަލުވުމަކީ ވަރަށް އާންމު ކަމެކެވެ. ބަލަން ތިބި މީހުން ޖާދޫގެ ނިމުން އަންނާނެ ގޮތުގެ ވިސްނުމަށް އިންތިޒާރުކުރަމުން ގެންދާއިރު ސްޓޭޖްމަތީގައި ހިނގަމުންދާ ސިއްރު ހަރަކާތްތަކަށް ބެލޭކަމަކަށް ނުވެއެވެ. ޖާދޫގަރު ފުރުސަތު ހޯދައިގެން އެއްފަރާތަކަށް ޖެހިލައިގެން ތިބެ ހިންގަމުންގެންދާ ސިއްރު ހަރަކާތްތަކާ ދޭތެރޭ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.
ޖާދޫގަރުންގެ މުޅި މަގުސަދަކީ ބަލަންތިބޭ މީހުންގެ ފޯކަސް ނަގާލުމެވެ. މިސާލަކަށް މަގުމަތިން ވެހިކަލެއް ދުއްވާފައިދަމުން މޮބައިލް ފޯނު ބޭނުންކުރާނަމަ އެމީހާގެ ފޯކަސް ނޭގުމެއްގެތެރޭގައި ނަމަވެސް މަގުމަތީގައި ހިނގަމުންދާ ކަންތައްތަކުން އެއްފަރާތްވެ ފޯނުން ދައްކަމުންދާ ވާހަކައަށް އިސްކަން ދެވުމުން ނުރައްކާތެރި ހާދިސާތައް ކުރިމަތިވަމުން އާދެވެއެވެ. ޖާދޫގަރުންގެ ހަރަކާތަކީވެސް މި ބާވަތުގެ ކަމެކެވެ. ބެލުންތެރިންގެ މުޅި ފޯކަސް ޚަރާބުކޮށްލުމެވެ.
ޖާދޫ ހެދުމަކީވެސް އެތައް ދުވަހަކު ފަރިތަކޮށް ތަމްރީނު ހަދައިގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.
ޖާދޫއަކީ އޮޅުވާލުމެކެވެ. އެކަމަކު ހަގީގަތުގައި އޮޅުވާލަނީ ތިމާ އަމިއްލައަކަށެވެ. ޖާދޫގަރުން ކޮށްދޭ ކަމަކީ ބެލުންތެރިން ދެކެމުންދާ މަންޒަރަށް ސިކުނޑީގެ ފޯކަސް ގެއްލުވާލަނީއެވެ.
ޕޮލިޓިޝަނުންނާއި ޖާދޫގަރުންގެ ހަރަކާތްތަކާ ބެހޭގޮތުން ކޮލަމްބިއާ ޔުނިވަރސިޓީގައި ނަފްސާނީ އިލްމު ކިޔަވައިދޭ ލޯރެންސް ޗާން ބުނެފައިވަނީ އަހަރެމެންގެ ސިކުނޑިން އާންމު ގޮތެއްގައި ވިސްނަމުން ގެންދާނީ ލޮލުގެ ކުރިމަތިން ހާމަވަމުންދާ މަންޒަރު ތަކަށެވެ. އެ މަންޒަރުތަކުގެ ފޮރުވިފައިވާ ހަގީގަތް ދެނެގަންނަން މަސައްކަތް ކުރަނީ ވަރަށް މަދު ފަހަރަކުއެވެ.