އިޒްރޭލުގެ ފުޓްބޯޅަ ޓީމަކުން ކުޅުނު މެޗަކަށްފަހު ޓީމްގެ ސަޕޯޓަރުންނަށް އިދިކޮޅު ޓީމްގެ ސަޕޯޓަރުން ހަމަލާ ދިނުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.
އިޒްރޭލުގެ މަކާބީ ޓެލްއަވީވް ޓީމް ނެދަލެންޑްގެ ވެރިރަށް އެމްސްޓަޑަމްގައި ކުޅުނު އިއުރޮޕާލީގް މެޗަށް ފަހު އިޒްރޭލް ޓީމްގެ ސަޕޯޓަރުންނަށް ހަމަލާ ދިނުމުގެ އޮއިވަރެއް ހިނގައިގެންގޮސް އެތައްބަޔަކަށް އަނިޔާވެފައި ވެއެވެ. ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި ފަސް މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު، އިތުރު އެތައް ބަޔަކަށް އަނިޔާތައް ލިބިފައި ވެއެވެ.
މި ހަމަލާތަކާ ގުޅިގެން 62 މީހުން ހައްޔަރު ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ. މި ހާދިސާއަށް އިޒްރޭލް ސަރުކާރުންވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ.
ބުރާސްފަތި ދުވަހުގެރޭ އޮތް މެޗަށްފަހު ހިނގި ކުރިމަތިލުންތަކުގައި އަނިޔާވި މީހުން ގައުމަށް ގެންދިއުމަށް އިޒްރޭލް ސަރުކާރުން ވަނީ މެޑިކަލް ޓީމްތަކާއެކު ދެ މަތިންދާބޯޓު ވެސް ފޮނުވާފައެވެ.
މި ހަމަނުޖެހުންތަކަކީ ތާރީޚީ ހާދިސާއަކާ ގުޅުވާ ކުރިޔަށް ގެންދިޔަ ހަމަނުޖެހުން ތަކެއް ކަމަށް ވެއެވެ. މިގޮތުން 1938 ވަނަ އަހަރު ނާޓްޒީ ޖާމަނިގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ހޮލޮކޯސްޓްގައި ޔަހޫދީން ނައްތާލުމުގެ އޮއިވަރެއް ކުރިޔަށް ގެންގޮސްފައިވާއިރު، އޭރު ނެދަލަންޑްގައި ތިބި ޔަހޫދީންގެ ހަތަރުބައިކުޅަ ތިންބައި މީހުން ވެސް ވަނީ މަރާފައި ކަމަށް ޚަބަރުތައް ބުނެއެވެ.
އެމްސްޓަޑަމްގައި ހިނގި ހަމަނުޖެހުންތައް ދުނިޔޭގެ އެކި ލީޑަރުންވަނީ ކުށްވެރި ކުރައްވާފައެވެ. އެމެރިކާގެ ރައީސް ޖޯބައިޑަން ވިދާޅުވީ ތާރީޚުގައި ހިގާދިޔަ ”ކަޅު“ ވަގުތުތަކެއްގެ މަތިން މި ހާދިސާ އިން ހަނދާން ކޮށްދޭ ކަމުގައެވެ.
ނެދަލަންޑްގެ ޕްރައި މިނިސްޓަރު ވެސްވަނީ އީޔޫ ލީޑަރުންގެ ސަމިޓް ބައްދަލްވުމަކަށް ބުޑަޕެސްޓަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއް ކުރުކޮށްލެއްވުމަށްފަހު ގައުމަށް އެނބުރި ވަޑައިގެންފައެވެ.