މީގެ އަހަރުތަކެއް ކުރިން ރައްޓެއްސަކު އޭނާގެ ގެޔަށް ދިއުމަށް އަހަރެންނަށް ދައުވަތު ދިނެވެ.ކުޑަކަމެއްގައި ލަފަޔެއް އަހާލަން ކަމަށް ބުންޏެވެ.
އޭނާއަކީ އެއްގަމު އުޅަނދުގެ ސްޕެއާ ޕާޓްސް ގެ ވިޔަފާރިކުރާ،އަތްމަތި ތަނަވަސް މީހެކެވެ. ތިން ހަތަރު ފިހާރަވެސް ހުރެއެވެ. އޭނާގެ އަމިއްލަ ރީތި ގެޔެއްވެސް އަޅާފައި ހުރެއެވެ. ބޭނުންވާނެ ހުރިހާ ފަރުނީޗަރެއް ލާ ފުރިހަމަ ކޮށްފައިވާ ތިންކޮޓަރީގެ ގެޔެކެވެ.
އަހަރެން އެގެޔަށް ދިއުމުން މަރުހަބާ ކިއުމަށްފަހު އަހަރެން ގެންދިޔައީ އެގޭގަ ހުރި، އެއްވެސް ފަރުނީޗަރެއް ނެތް ކޮޓަރިއަކަށެވެ.އަދި ބުންޏެވެ.
”އަހަރެންގެ ލޯބިވެރިޔާ މާދަމާ މިގެޔަށް އެބައާދެއެވެ.އޭނާ އައުމުން އަހަރެން ގަސްތު ކުރަނީ މި ކޮޓަރިޔަށް ގެންނާށެވެ.އަދި މިގެޔަކީ ރަހުމަތްތެރިޔެއްގެ ގެޔެއް ކަމަށާ އަހަރެން އުޅެން ދީފައިހުންނަނީ މިކޮޓަރި އެކަނި ކަމުން އަހަރެން އުޅެނީ މިތަނުގައި ކަމަށް ބުނާނަމެވެ.ކަންތައްތައް ދާގޮތަކުން މާދަމާ އޭނާ އައުމުން އަހަރެން ގަސްތުކުރަނީ އޭނާ ކުރެން އިންނަން ވެސް އަހާށެވެ.“
އަހަރެން ވަރަށް ހައިރާންވެގެންހުރެ އޭނަޔާދިމާލަށް ބަލާލީމެވެ.އެކޮޓަރީގައި އެނދެއް އަލަމާރިޔެއް ގޮނޑިއެއް މޭޒެއް އެއްޗެއް ނެތެވެ. އޮތީ ހަމައެކަނި ގޮދަޑިއެކެވެ.ދެންހުރީ ހެދުން އަޅުވާ ހަރުގަނޑެކެވެ. އޭސީއެއް ފަންކާއެއް ކޫލަރެއް އެކައްޗެއްވެސް ނެތެވެ.
އަހަރެން އޭނަޔާ ސުވާލު ކުރީމެވެ. ”ތިގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟“ މިހެން އެހުމުން އޭނާ ބުންޏެވެ.
’އޭނަ މިގެޔަށް އެއަންނަނީ އަލަށެވެ. އޭނާޔަށް އިނގިފަ އޮންނާނީ އަހަރެން ނަކީ އޮޓޯ މެކޭނިކެއް ކަމުގައެވެ. އޮޓޯ ސްޕެޔާ ގެ ވިޔަވާރި ކުރާކަމެއް ނޭނގޭނެއެވެ. މިގޭގެ ވެރިޔަކީ އަހަރެން ކަން އިނގޭނަމަ އަހަރެންގެ ފައިސާވެރިކަމުގެ ދަހިވެތި ކަމުގައި އޭނާ އަހަރެންނާ އިންނަން ގަބޫލުވާނެކަން އިނގެއެވެ. ނަމަވެސް އަހަރެންނަކީ ފަގީރެއްގެ ގޮތުގައި ދެއްކުމުންވެސް އަހަރެންނާއި އިންނަން ގަބޫލުވެއްޖެނަމަ އޭނާ އަހަރެން ދެކެ ހަގީގީލޯބިވާކަމަށް އަހަރެން ގަބޫލު ކުރަމެވެ. އަދި އެއީ އަހަރެން ގެ ހަޔާތުގެ ބައިވެރިޔާއަށް ހަދަން އެންމެ އެކަށީގެންވާ މީހާއެވެ.ފަގީރެއް ކަމަށް ގަބޫލުކޮށް ބަހަނާދައްކައިގެން އިނުމަށް ދެކޮޅު ހަދައިފިނަމަ އޭނާގެ އަސްލު ސިފަ އަހަރެންނަށް އިނގޭނެއެވެ.“
”ދެން އޭނަޔަށް ހަގީގަތް އިނގޭ ދުވަހު ދޮގު ހެދީކަމަށް އޭނާ ގަބޫލު ނުކުރާނެ ހެއްޔެވެ؟“ އަހަރެން އެހީމެވެ. މިހެން އެހުމުން އޭނާ ބުންޏެވެ. ”ހަގިގަތް އޭނާ ކައިރީ އަހަރެން އިސްވެ ބުނާނަމެވެ. އަދި މިއީކޮށްލި އިމްތިހާނެއް ކަމަށް ބުނާނަމެވެ.“
އަހަރެން އޭނާގެ ރޭވުން ކާމިޔާބު ވުން އެދޭވާހަކަ ބުނަމުން ސަލާމް ކޮށްލުމަށްފަހު އެދުވަހު އެނބުރި ދިޔައީމެވެ.
އޭގެ ހަފްތާއެއްހާދުވަސް ފަހުން ރައްޓެހި މީހާއާ ދިމާވެގެން ކަންތައް ކިހިނެއްތޯ އަހާލީމެވެ.އޭނަހުރީ ވަރަށް އުފަލުންނެވެ.
އޭނާބުނި ގޮތުގައި އަންހެން ކުއްޖާ އެހުސް ކޮޓަރިއަށް ގެންގޮސް ތިމަންނަ އުޅޭތަނަކީ މިއީއޭ ބުނުމުން އެކުއްޖާ ބުނިކަމަށްވަނީ އެއީ މައްސަލައެއް ނޫންކަމުގައެވެ. އަމިއްލަ ގެޔެއް އަދި ނެތަސް އެއީ މައްސަލަ އެއްނޫންކަމަށް ބުނި ކަމަށާ ވަގުތުން ކޮޓަރި ތަރުތީބު ކުރަން ފެށިކަމަށް ވެއެވެ. ކޮންމެ މީހަކުވެސް ފަށަނީ އާދައިގެ ގޮތަކަށް ކަމަށާ އަދި ފަހުން ރަނގަޅުވާނެކަމަށް ބުނި ކަމަށް ވެއެވެ. މަޑުމަޑުން ހިއްވަރާއެކު މަސައްކަތް ކުރާމީހަކަށް ކުރިއެރުން ލިބި ދާދި އަވަހަށް އަމިއްލަ ތަނެއް ހޯދޭނެ ކަމަށް ބުނެ ހިއްވަރު ދިން ކަމަށް ވެއެވެ. އަމިއްލަ މަސައްކަތުން ކާން ލިބޭ ކަމީވެސް ނިއުމަތެއް ކަމަށާ ހިއްވަރާއެކު މަސައްކަތް ކުރާމީހަކަށް ކިތަންމެ ބޮޑަކަށްވެސް ކުރިޔަށް ދެވޭނެ ކަމަށް ބުނި ކަމަށް ވެއެވެ. އަދި އިންނަން އެހުމުން ވަރަށް އުފަލުން ގަބޫލު ކުރިކަމަށް ވެއެވެ.
ފަހުން އިނގުނު ގޮތުގައި އެދެމީހުން ކައިވެނި ކޮށްގެން މިހާރު ތިން ކުދިންވެސް ތިބެއެވެ.
(ނިމުނީ)