އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލާފައިވަނީ ސުޕްރީމް ލީޑަރ އަލީ ޚާމަނާއިގެ ފަތުވާއަކަށް އިޙްތިރާމް ކުރުމުގެ ގޮތުން ކަމަށް އެމަނިކުފާނުގެ އެޑްވައިޒަރ ކަމާލް ޚައްރާޒީ ރޮއިޓާރސް އަށް މައުލޫމާތު ދެއްވައިފިއެވެ.
އެމަނިކުފާނުގެ ފަތުވާގައި ނިއުކްލިއަރ ހަތިޔާރަކީ ގިނަ އިންސާނުންތަކަކަށް އެއްވަގުތެއްގައި ފަނާކުރަނިވި މުސީބާތަކަށްވެދާނެތީ އެފަދަ ހަތިޔާރު އުފެއްދުމަށް ރުހުން ދެއްވާފައި ނުވަނީއެވެ. ނަމަވެސް މިހާރު އީރާނުގެ ގައުމިއްޔަތާއި ރައްޔިތުނާއި ގައުމުގެ ސިޔާދަތު އެވަރުގެ ފަނާކުރަނިވި ހާލަތަކަށް ހުރަހޮޅިގެންދާއިރު ސުޕްރީމް ލީޑަރުގެ ފަތުވާ ބަދަލު ކުރައްވާފާނެ ކަމަށް ބެލެވެން ފަށައިފިއެވެ.
ސުޕްރީމް ލީޑަރުގެ ރުހުން ލިބިއްޖެނަމަ ހަފުތާއެއްގެ ތެރޭގައިއީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާނެކަމަށް ވެއެވެ. އެހެންނަމަވެސް މިވަގުތަށް ހުއްދަ ދެއްވާފައިވަނީ ބެލިސްޓިކް މިސައިލްތައް ދަތުރުކުރާ ދުރުމިން 2000 ކިލޯ މީޓަރަށް އިތުރު ކުރުމަށެވެ. އެއީ މެދު އިރުމަތީގައި ތިބި އެމެރިކާގެ ހުރިހާ ފައުޖުތަކެއް އެ ދުރުމިނުގެ ތެރޭގައި ހިމެނޭނެތީއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ އެންމެ ފަހުބަސް ބުނުމަކީ ސުޕްރީމް ލީޑަރަށް ލިބިވަޑައިގެންފައިވާ ބާރެކެވެ.
އީރާނުން އިސްރާއީލަށް ހަމަލާ ދޭނެ ދުވަހަކާއި ވަގުތެއް ކަނޑައަޅާނީ އީރާނުން ކަމަށާއި އެއީ އިސްރާއީލުން ބޭނުންވާދުވަހަކަށް ތާވަލު ކޮށްގެން ދޭނެ ހަމަލާއެއް ނޫންކަމަށް ކަމާލް ޚައްރާޒީގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.
ލެބަނަންގެ ބްރޯޑްކާސްޓަރުންނަށް ޚައްރާޒީ މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވެފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނަށާއި އީރާނުގެ މަދަދު ލިބޭ އެކްސިސް އޮފް ރެޒިސްޓެންސަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގެ ރައްދުގައި އެ ދެގައުމުގެ ވެރިންގެ ދަތްތައް ވެއްޓޭ ވަރުގެ ހަމަލާއެއް އީރާނުން ދޭނެ ކަމަށް ސުޕްރީމް ލީޑަރު ވައުދުވެ ވަޑައިގަތުމުން އެއީ 2003 ވަނަ އަހަރު އެމަނިކުފާނު ދެއްވާފައިވާ ފަތުވާ ބަދަލުކުރައްވާފާނެ ކަމުގެ އިޝާރާތެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އީރާނުގެ އިންގިލާބީ ގާރޑުންގެ ތަރުޖަމާނު މުހަންމަދު ނައީނީ ވެސް އީރާނުގެ ރައްޔިތުންނާއި ގައުމުގެ ބިމާއި އިސްތިގްލާލު ރައްކާތެރިކޮށް ޔަގީން ކުރުމަށްޓަކައި އީރާނުގެ ލަޝްކަރުތަކުން ހުރަސްކުރަން ޖެހިލުންވާނެ ރަތް ރޮނގެއް އަދި ބޭނުން ނުކުރާނެ ވަސީލަތެއް ނޯންނާނެކަން ދޭހަވާ މޭރުމަކުން ވަނީ ވާހަކަ ދައްކަވާފައެވެ.
މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ސީއައިއޭގެ ޑިރެކްޓަރ ވިލިއަމް ބާރންސް ބުނެފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ގަސްދުކުރާކަމުގެ އެއްވެސް ނިޝާނެއް އެމެރިކާއަށް އެނގިފައިނުވާ ކަމަށެވެ. އެހެންނަމަވެސް އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ގަސްދުކޮށްފިނަމަ ހަފުތާއެއްގެ ތެރޭގައި އެކަންކުރެވޭ ވަރަށް ފޮސިލް މެޓީރިއަލް ތައްޔާރުކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. ވިލިއަމް ބާރންސް ގެ މި ހާމަކުރުމާ ގުޅިގެން ރައީސް ޖޯ ބައިޑްން ބުނެފައިވަނީ އޭނާ ދުނިޔޭގައި ހުއްޓާ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. ހަމަ އެއާއެކު ޕެންޓަގަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ ހާމަކޮށްފައިވާ ބަޔާނެއްގައިވެސް ބުނެފައިވަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ މިލިޓްރީންނަށް ނުވަތަ އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް އީރާނުން ހަމަލާއެއް ދީފިނަމަ ފިސާރި ވަރުގަދަ ރައްދެއް އެމެރިކާއިން ދޭނެކަމަށެވެ.
One Response
ހުޅަނގުގެ ގައުމުތަކުގެ ކުރިމަތީގައި ޚާއްސަ ކޮށް އެމެރިކާގެ ކުރިމަތީގައި ’ އިންސާނިއްޔަތު ފަނާކުރެވިދާނެ ޒާތުގެ ހަތިޔާރު އުފައްދަން ހުއްދަ ދެއްވަން ކެރިވަޑައި ނުގަންނަވާނެ ކަމަށް ’ ވިދާޅުވުމަކުން ނުފުދޭނެއެވެ. ގައްޒާގެ ރައްޔިތުންނަށް އެމެރިކާގެ ބާރުގެ ބޭނުންކޮށްގެން ޔަހޫދީން އެ ހިންގާ ނަސްލު ނެތިކޮށްލުން މިވެސް ވިސްނަވަން ޖެހިވަޑައިގަންނަވާނެއެވެ. މެދުއިރުމަތީގައި ތިއްބެވީ ހައްތާވެސް އެމެރިކާ ރުޅިއަތުވެދާނެތީ ބިރުން ތިއްބެވި ވެރިންނެވެ. މިކަންވެސް ހަނދާނުގައި ބަހައްޓަވަން ޖެހޭނެއެވެ.
އަޅުގަނޑަކީ އާޔަތު ﷲ އަލީ ޚާމަނާއި އަށް ލަފާ އެރުވޭފަދަ މީހަކީމެއް ނޫނެވެ. އެކަމަކު މި ނޫހުން ފެންނަ ލިއުމަކަށް އަޅުގަނޑުގެ ޚިޔާލު ފާޅު ކުރެވިދާނެއެވެ.