ހަނދާން ނުނެތޭނެވަރުގެ ބާރުގަދަ ހަމަލާއެއް ޒަޔަނިސްޓް އިސްރާއީލަށް ދެވޭނެ: އީރާން

Loading

November 4, 2024
sandhaanu news
Facebook
Twitter
WhatsApp

ހަނދާން ނުނެތޭނެވަރުގެ ބާރުގަދަ ޙަމަލާއެއް ޒަޔަނިސްޓް އިސްރާއީލަށް ދޭނެ ކަމަށް އީރާނުން އަންނަނީ އިންޒާރު ދެމުންނެވެ.

އެގޮތުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ވެރިޔާ ހުސެއިން ސަލާމީ ވަނީ އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެކަން ހާމަކޮށްފައެވެ.

އަދި އިސްރާއީލުން އީރާނަށް ދިން މިސައިލް ޙަމަލާގެ ބަދަލުގައި ފުނޑުފުނޑު ވެގެންދާ ވަރުގެ ރައްދު ޙަމަލާއެއް އީރާނުން ދޭނެ ކަމަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވެސް ވަނީ އިސްރާއީލަށާއި އެމެރިކާއަށް އިއްޔެ އިންޒާރު ދެއްވާފައެވެ.

މިދިޔަ ހުކުރު ދުވަހު (އައިއާރުޖީސީ)ގެ ޑެޕިއުޓީ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ޢަލީ ފަދާވީވެސް ވަނީ އިސްރާއީލުން އިރާނުގެ ބިމަށް ދިން ޙަމަލާއަށް ރައްދުދީ އިސްރާޢީލަށް އިތުރު ޙަމަލާއެއް ”ޔަގީނުން ވެސް“ ދޭނެކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ދެން އިސްރާޢީލުން އީރާނަށް ތީރެއް ޖަހާލިޔަސް އީރާނުން އެކަމަށް މާފު ނުކުރާނެ ކަމަށާއި ޔަގީނުންވެސް އިސްރާޢީލަށް ރައްދު ދޭނެ ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ އެއްވެސް ޤައުމަކުން އިރާނުގެ ޖައްވަށް އަރައިފިނަމަ އެ ޤައުމަށް ރައްދު ދިނުމުގެ ޙައްޤާއި ގާބިލްކަން މިހާރު އިރާނަށް ލިބިގެންވާކަން ހާމަކޮށް އީރާނުގެ މިލިޓްރީން އިސްރާޢީލަށް ހަނދާން ނުނެތޭނެވަރުގެ އަދަބެއް ދޭނެ ކަމަށް އެ ޤައުމުން އަންނަނީ ހާމަކުރަމުންނެވެ.

އީރާނުން އިސްރާޢީލަށް ޙަމަލާ ދޭނެ ކަމަށާއި އަދި އެ ޙަމަލާ ވެގެންދާނީ ވިސްނުންތެރި ކަމާއެކު ދެވޭނެ ވަރުގަދަ ޙަމަލާއެއްކަން ވެސް އިރާނުން ވަނީ ހާމަކޮށްފައެވެ.

މިގޮތުން އެ ޙަމަލާގެ ފެންވަރާއި ބާރު ދެނެގަތުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އިރާނުން އަންނަނީ ބުނަމުންނެވެ.

އީރާނުން އިސްރާޢީލަށް ދޭން ލަފާކުރާ ޙަމަލާއާ ގުޅޭ ގޮތުން އެމެރިކާގެ މީޑިއާ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވަނީ އީރާނުން ދަނީ ވަރުގަދަ ވޯހެޑްތަކާއި އެހެނިހެން ހަތިޔާރުތައް ހިމެނޭ ޙަމަލާއެއް ރާވަމުން ކަމަށެވެ.

މިފަދަ އިންޒާރުތައް ލިބެމުން އަންނާތީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހުކުރު ދުވަހު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވަނީ އީރާނާއި އެ ޤައުމުގެ ޕްރޮކްސީތަކާ އެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން އިތުރު ޑިސްޓްރޯޔަރ އާއި ކޮމްބެޓް އެއާކްރާފްޓް އަދި ބީ-52 ގެ ސްޓްރެޓެޖިކް ބޮން ބޯޓުތަކެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފައެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު އިސްރާއީލުން އީރާނުގެ މިސައިލް ފެސިލިޓީއަށް ދިން ޙަމަލާގައި އިރާނުގެ އަސްކަރިއްޔާގެ ސިފައިންގެ ހަތަރު މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް