އެސޯޝިއޭޓެޑް ޕްރެސް ( ދުބާއި ) ގެ ޚަބަރުގައި އިސްރާއީލުން އީރާނަށް ދިން މިސައިލްގެ ހަމަލާގެ ބަދަލުގައި ފުނޑުފުނޑު ވެގެންދާ ވަރުގެ ރައްދު ހަމަލާއެއް އީރާނުން ދޭނެ ކަމަށް ދާދި ދެންމެއަކު އީރާނުގެ ސުޕްރީމް ލީޑަރ އިސްރާއީލަށާއި އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ.
އުމުރުފުޅުން 85 އަހަރުގެ އަލީ ޚާމަނާއި މީގެ ކުރިން ވަރަށް މަޑުމައިތިރި ގޮތެއްގައި އިސްރާއީލަށް ރައްދު ހަމަލާ ދޭނެ ވަގުތަކާ ދުވަހަކާއި ފެންވަރު ކަނޑައެޅުމަކީ މިލިޓްރީގެ އިޚްތިޔާރު ކަމަށް އެމަނިކުފާނު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ސުޕްރީމް ލީޑަރ އަލީ ޚާމަނާއި މި މޭރުމުން އިސްރާއީލަށް އިންޒާރު ދެއްވާފައިވަނީ ނޮވެމްބަރު 4 ވަނަ ދުވަހު އީރާނުގައި ފާހަގަ ކުރަމުންގެންދާ ކިޔަވާ ކުދިންގެ ދުވަހުގެ މުނާސަބަތުގައި ޔުނިވަރސިޓީ ތަކުގެ ކުދިންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
1979 ވަނަ އަހަރުގެ ނޮވެމްބަރ 4 ވަނަ ދުވަހަކީ އީރާނުގެ ކުރީގެ ޝަހެންޝާހް މުހަންމަދު ރިޒާ ޕަހެލަވީގެ ވެރިކަމާ ދެކޮޅަށް ސިފައިންގެ ކުރިމައްޗަށް ކިޔަވާ ކުދިން ނިކުތުމުން ސިފައިންގެ ބަޑިތަކުގެ އަމާޒަކަށްވެ އެތައް ކުދިންނެއް ޝަހީދުވެ އެތައް ދަރިވަރުންނަކަށް ބޮޑެތި އަނިޔާ ލިބުނު ދުވަހެކެވެ. އެހާ ގިނަ އަދަދެއްގެ ކިޔަވާ ކުދިން ޝަހީދުވެ އެތައް ކުދިންނެއް ޒަޚަމްވުމާ ގުޅިގެން ކިޔަވާ ކުދިންގެ މުޒާހަރާތައް ފުޅާވެ، އެންމެ ފަހުން ސިފައިންނަށް ގައުމު ހިފަހައްޓާ ނުލެވި ޝަހެންޝާހު ގައުމުން ބޭރަށް ދިއުން މަޖުބޫރު ކުރުވިގެން ދިޔައީއެވެ. އީރާނުން މި ދުވަސްތައް ފާހަގަކުރުމުގައި ބަލަނީ ފާރިސީ ކަލަންޑަށެވެ. މިއަހަރު އެދުވަސް އިއްތިފާގަކުން ދިމާވަނީ ނޮވެމްބަރު 4 ވަނަ ދުވަހަށެވެ. އެދުވަހު އެމެރިކާ އެމްބަސީއަށް ކިޔަވާކުދިން ވަދެގަނެ އެއްވެސް މީހަކު ނިކުތަ ނުދީ އަދި ހަމަ އެކަކުވެސް ވަނަ ނުދީ 444 ދުވަސް ވަންދެން ބޮޑުތަޅު އަޅުވައި ބަންދުކޮށްފައި ބެހެއްޓުމަށް 45 އަހަރު ފުރުން ފާހަގަކުރުންވެސް އޮންނާނެ ކަމަށްވެއެވެ. އެ ދުވަހަކީ އެމެރިކާއާއި އީރާނުގެ ދުޝްމަނީ ފެށުނު ދުވަހެވެ.
ސުޕްރީމް ލީޑަރ އާޔަތު ﷲ ޢަލީ ޚާމަނާއި މިއަދު ވިދާޅުވެފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 26 ވަނަދުވަހު އިސްރާއީލުން އީރާނަށް ދިން މިސައިލް ހަމަލާގެ ބަދަލުގައި އީރާނުގެ މިލިޓްރީން އިސްރާއީލަށް ހަނދާން ނުނެތޭވަރުގެ ހަމަލާއެއް ދޭން ބޭނުންވާކަމަށް އިންޒާރު ދެމުން ގެންދާކަމަށެވެ. އިސްރާއީލުގެ ހަމަލާގައި އީރާނުގެ މިލިޓްރީ ބައެއް ތަންތަނަށް ގެއްލުންވެ ސިފައިން ފަސްމީހުން ޝަހީދުވެފައިވާކަން މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ.
މެދުއިރުމަތީގެ ހާލަތު މިހާރު އޮތްގޮތުން އިސްރާއީލުން ގައްޒާއަށާއި ލެބަނަން އަށް މެދުކެނޑުމެއް ނެތި ހަމަލާދީ އެތައް ބަޔަކު މަރައި އިމާރާތްތައް ސުންނާފަތި ކުރަމުން ގެންދާއިރު އީރާނުން އިސްރާއީލަށް ހަމަލާއެއް ދީފިނަމަ މެދުއިރުމަތީގައި ވަރަށް ނުރައްކާތެރި ހަނގުރާމައެއްގެ ހުޅުގަނޑު ފަޅައިގެން ހިނގައިދާނެއެވެ.
އިސްރާއީލުގެ ބާރުގަދަ ހަމަލާތައް ރެއާދުވާލު ކެނޑިނޭޅި ގައްޒާއަށާއި ލެބަނަންއަށް އޮހެމުންދާއިރު ވަށައިގެން ތިބި އަރަބި އިސްލާމީ ގައުމުތަކުން އިސްރާއީލާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އަޅަން ހުޅަނގުގެ ގައުމުތަކަށް އެއްވެސް ފިއްތުމެއް ކުރިމަތި ކުރަމުން ނުގެންދާތީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުގެ ފާޑުކިއުން އަރަބި މުސްލިމް ގައުމުތަކުގެ ލީޑަރުންނަށް އަމާޒުވެގެން އެބަދެއެވެ. ބައެއް މީޑިއާތަކުގެ ފާޑުކިއުމުގައި އަމިއްލަ ދިފާއުގައިކަމަށް ބުނެ އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލާނެކަމުގެ ވައުދުތަކާއެކު ހަމަލާތައް ދީ ކުދިބޮޑު އަންހެން ފިރިހެން އެންމެން މަރަމުން ގެންދަނީ އެމެރިކާއިން އެކަންތައް އެމަގުން ހިންގަން ބޭނުންވާތީކަމަށްވެސް ބުނެފައި ވެއެވެ. އަދި އެމެރިކާގެ ކުރިމަތީގައި އަރަބި ގައުމުތަކުގެ ވެރިންނަކީ ނުކުޅެދުންތެރިކަމުގެ އިންތިހާއަށް ގޮސްފައިވާ ފިނޑި ބައެއްކަމަށްވެސް ސިފަކުރަމުން ގެންދާތަން ފެނެއެވެ.
ސުޕްރީމް ލީޑަރުގެ ވާހަކަފުޅުގައި އީރާނުން ހަމަލާދޭނެ ދުވަހަކާއި ވަގުތެއް ހާމަ ނުކުރައްވައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އީރާނަށާއި އީރާނުގެ ރައްޔިތުންނަށް އެމެރިކާއާއި އިސްރާއީލުން ކުރަމުން ގެންދާ ގޯނާގެ އަލާ ފިލުވާ ލައްވާނެ ކަމަށެވެ.
އީރާނުން ދީފާނެ ހަމަލާއެއް ދިފާއުކުރުމަށްޓަކައި މިހާރުއްސުރެން އެމެރިކާއިން ގެންދަނީ އިސްރާއީލަށް ފޯރުކޮށްދިން “ ޓަރމިނަލް ހައި އޯލްޓިޓިއުޑް އޭރިއާ ޑިފެންސް ބެޓްރީ “ ތާޑް ގައި ރެއާދުވާލު ފޯރި މަރަމުންނެވެ.
ސުޕްރީމް ލީޑަރުގެ ވީޑިއޯ މިހާރު ވަނީ އީރާނުގެ ގައުމީ މީޑިއާތަކުން އާންމުކުރަން ފަށާފައެވެ.
އީރާނުން އިސްރާއީލަށް ދީފާނެ ހަމަލާއެއް ހުއްޓުވުމަށްޓަކައި އެމެރިކާގެ އެންމެ ބިޔަ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް އަބްރަހަމް ލިންކަން މިހާރު އޮތީ އެރޭބިއަން ސީގައެވެ. އިތުރު ޑެސްޓްރޯޔަރތަކާއި ބީ-52 މަރުކާގެ ބޮންއަޅާ ބޯޓުފަހަރާއި ހަނގުރާމައިގެ އިތުރު ވަސީލަތްތައް އިސްރާއީލުގެ ދިފާއުގައި އެ ސަރަހައްދަށް ފޮނުވަން ހަމަޖެހިފައިވާކަމަށް ޕެންޓަގަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ ބުނެފައި ވެއެވެ.
ސުޕްރީމް ލީޑަރގެ އިންޒާރުގެ ކުރިން އީރާނުގެ އިންގިލާބީ ގާރޑުންގެ ތަރުޖަމާނު މުޙަންމަދު އަލީ ނައިނީ އީރާނުގެ ސެމީ ރަސްމީ ނިއުސް އޭޖެންސީ “ ފާރސް “ އަށް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވެފައިވަނީ ހަމަކަށަވަރުންވެސް އީރާނުން އިސްރާއީލަށް ހަމަލާ ދޭނެ ކަމަށާއި އަދި އެ ހަމަލާ ވެގެންދާނީ ވިސްނުންތެރިކަމާއެކު ދެވޭނެ ވަރުގަދަ ހަމަލާއަކަށެވެ. އެ ހަމަލާގެ ފެންވަރާއިބާރު ދެނެގަތުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫނެވެ.