އެމެރިކާގެ ލަގްޒަރީ ވިޔާފާރިއަށް އީރާނުގައި ފުރުސަތު ނުލިބޭނެ ކަމަށް އަންގަވައި 2020 ވަނައަހަރުން ފެށިގެން އީރާނަށް އައިފޯނު އެތެރެކުރުން މަނާކޮށްފައިއޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.
އެހެންނަމަވެސް ފާއިތުވެގެން މިދާ ދުވަސްތަކުގައި ވެސް ސެމްސަންގް މޮޓޮރޯލާ ނޯކިއާ ފަދަ ބްރޭންޑްތައް އީރާނަށް އެތެރެ ކުރުން އޮތީ ހުޅުވާލާފައެވެ. އަދި އެ ބްރޭންޑްތަކުގެ މޮބައިލް ފޯނު ބޭނުންވަރަކަށް ގަނެ ވިއްކުމަކީ ހުއްދަ ކަމެކެވެ.
އެސޯޝިއޭޓެޑް ޕްރެސް ތެހެރާނުން މިއަދު ހަވީރު ދީފައިވާ ޚަބަރުގައި ބުނެފައިވަނީ އެމެރިކާގެ އެޕަލް ކުންފުނީގެ އެންމެ ފަހުގެ ސްމާރޓް ފޯނުވެސް ދެން އީރާނަށް އެތެރެކުރެވޭނެ ކަމަށެވެ. އެޕަލް ކުންފުނީގެ ފަހުގެ އައިފޯނުތައް އީރާނަށް އެތެރެކުރުން މަނާކޮށްފައިވަނީ 2023 ވަނަ އަހަރުގައެވެ.
އެކަމަކު އީރާނުގެ މުވާސަލާތާބެހޭ ވަޒީރު ސައްތާރު ޙާޝިމީ ވިދާޅުވެފައިވަނީ އީރާނުގެ މިހާރުގެ ރައީސް މަސްއޫދު ޕެޒެސްކިއާންގެ ސިޔާސަތަކީ އީރާނުގެ ރައްޔިތުންނަށް މިފަދަ މާކެޓްތައް ހުޅުވާލާފައި އޮތުން ކަމަށެވެ. އަދި އެޕަލްގެ އެންމެ ފަހުގެ ފޯނުތައް އީރާނަށް އެތެރެ ކޮށް ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދު ވަރަށް އަވަހަށް ޢާންމުކުރައްވާނެ ކަމަށް މުވާސަލާތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އެޕަލް-13 އިން ފެށިގެން ކުރީގެ މޮބައިލް ފޯނުތައް އީރާނަށް އެތެރެކޮށް ގެންގުޅުމަކީ މިހާރުވެސް މަނާކަމެއް ނޫނެވެ.
އެޕަލް-14 ގެ ފަހުގެ މޯބައިލް ފޯނު އީރާނުގެ ސަރުކާރުން ކޮންޓްރޯލް ކޮށްފައިވާ ނެޓްވާރކުން މަސައްކަތެއް ނުކުރާނެއެވެ.
ވަޒީރު ސައްތާރު ހާޝިމީ ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ނެޓްވާރކްގެ މައްސަލަވެސް ހައްލުވެގެންދާނެ ކަމަށެވެ.
އީރާނުގެ އަންދާޒާ ހިސާބުތަކަށް ބަލާއިރު މިހާރުވެސް އީރާނުގައި ބޭނުންކުރާ 4.4 ބިލިއަން މޯބައިލް ފޯނުގެ ތެރޭގައި އެޕަލް-13 ގެ ކުރީގެ ފޯނުތައް ވަރަށް ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައ ކުރިމަތިވެފައިވާ ދުވަސްވަރެއްގައި އެމެރިކާގެ ލަގްޒަރީ މޯބައިލް ފޯނު އެތެރެކުރަން 500 މިލިއަން ޑޮލަރު ޚަރަދުކުރުމަކީ އެހާ ބޭނުންތެރިކަމެއްތޯ އީރާނުގެ ސުޕްރީމް ލީޑަރ ވަނީ ސުވާލު ކުރައްވާފައެވެ.
އެހެންނަމަވެސް އެޕަލް ބްރޭންޑުގެ އެންމެ ފަހުގެ މޯބައިލް ފޯނު އީރާނުގެ ރައްޔިތުންނަށް ލިބުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް އެމަނިކުފާނު ދެކޮޅު ހައްދަވާފައި ނުވާކަމަށް ވެއެވެ.