ކަމަލާ ހެރިސް އަށް ދެން ޓްރަމްޕް ބަލި ކުރެވޭވީ "ތޮފިން މުސަޅެއް ނެރެގެން"

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު ވާދަ ކުރައްވާ ދެކެންޑިޑޭޓުން ކަމަށްވާ ކަމަލާ ހެރިސް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންގެ ފިކުރު އެނބުރެމުން ދާކަމަށްވެއެވެ.

ޑިމޮކްރެޓިކް ޕާޓީން ފުރަތަމަ ވާދަކުރެއްވި މިހާރުގެ ރައީސް ޖޯބައިޑަންގެ ބަދަލުގައި އެޕާޓީން، މިހާރުގެ ނައިބް ރައީސް ކަމަލާ ހެރިސް ނިކުމެވަޑައިގެންނެވިއިރު ހެރިސްގެ މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ޓްރަމްޕްގެ މައްޗަށް ބޮޑުތަނުން ކުރިހޯއްދަވާނެކަމަށް އޭރުގެ ޕޯލްތަކުން އައީ ދައްކަމުންނެވެ. ނަމަވެސް ފަހުގެ ޕޯލްތައް ދައްކާ ގޮތުން މިފަރަގު ކުޑަވަމުންގޮސް މިހާރު ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ.

މިބަދަލު އަންނަ މައިގަނޑު ސަބަބަކީ ކަމަލާ ހެރިސްގެ އަމިއްލަ އެޖެންޑާއެއް ހާމަ ނުކުރައްވާތީ ކަމަށް ވެއެވެ. އަމިއްލަ އެޖެންޑާއެއް ހާމަ ކުރެއްވުމުގެ ބަދަލުގައި ކަމަލާ ހެރިސް މުޅިންވެސް ބައްލަވަނީ ޓްރަމްޕަކީ ނުރައްކާތެރި، ބުއްދި ހަމަނުޖެހޭ ކުށްވެރިއެއްކަމަށް ދެއްކެވޭތޯއެވެ.އޭގެ ބަދަލުގައި ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ އާންމު ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައް ސާފު ބަހުން ކިޔާދެއްވާ ނަމަ މަގްބޫލުކަން އިތުރުވީސް ކަމަށް އެނަލިސްޓުން ބުނެއެވެ.

ކަމަލާ ހެރިސް އަށް ހީފުޅުވެފަ އޮތީ ޓްރަމްޕާމެދު ނަފްރަތު އުފެއްދިއްޖެނަމަ ޓްރަމްޕް ބޭރު ކުރުމަށް ބޭނުންވާ އެންމެން އޭނާޔަށް ވޯޓުލާނެ ކަމަށެވެ. ނަމަވަސް މިއީވެސް އެކަން ހިނގާނެ ގޮތެއް ނޫން ކަމަށްވެއެވެ.ޓްރަމްޕަށްވެސް ކަމަލާ އަށްވެސް ތާއީދު ނުކުރާ މީހުން އެކަކަށްވެސް ވޯޓު ނުލާނެ ކަމަށް ވެއެވެ.

ކަމަލާ ހެރިސް އަށް ތާއީދު ކުރާނެ ކަމަށް ބެލުނު މައިނޯރިޓީ ތަކާ އަރަބިން އަދި މުސްލިމުން ނަށް މިހާރު ކަމަލާ ފޯކަސް ކުރައްވާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި މިހާރު ބައްލަވަނީ ކޮލެޖް ޑިގްރީނެތި އެމެރިކާގައި އުޅެމުންދާ ދޮންމީހުންގެ އާބާދީ ގެ ތާއީދު ހޯއްދެވުމަށެވެ.

މިއިން އެއް ކަމަކުންވެސް އެދެވޭ ނަތީޖާ ހާސިލް ވަމުން ނުދާކަން ފަހުގެ ޕޯލް ތަކުން ވަނީ ހާމަ ވެފައެވެ. މިހާރު ކަމަލާ ހެރިސްއަށް ކިރިޔާވެސް އުންމީދެއް އޮތީ ޣައްޒާ ހަނގުރާމަ ޔަށް ހުއްޓުމެއް ގެނައުމެވެ.ސީއައިއޭގެ ޑިރެކްޓަރ ބިލް ބާންސް މިހާރުވެސް ހުންނެވީ މަޝްވަރާތަކަށް ދޯހާގައެވެ. ޣައްޒާ ހަނގުރާމައިގެ މައްސަލައިގައި އެމެރިކާއިން އާންމުކޮށް ހުށައަޅަމުން އަންނަނީ ”ދެބައިކުޅައެއްބައި“ ޑީލް އެކެވެ. އެއީ އިޒްރޭލްގެ ހޮސްޓެޖުންގެ ބަޔަކުގެ އިތުރުން އިޒްރޭލުން ޖަލަށްލާފައިވާ ފަލަސްތީން ރައްޔިތުންގެ ބަޔަކު ދޫކޮށްލުމާއި ހަމަލާތައް މެދު ކަނޑާލުމެވެ.ނަމަވެސް ހަމާސް އިން މިގޮތް ގަބޫލެއް ނުކުރެއެވެ. ހަމާސް އިން ބޭނުންވަނީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށެވެ.

ހަމާސް އިން ބޭނުންވާ ގޮތަށް ހަނގުރާމަ މުޅިން ހުއްޓުވާލެވިގެން ނޫނީ ކަމަލާ ހެރިސް އަށް އިންތިޚާބް ކާމިޔާބް ވުމުގެ އުންމީދެއް މިހާރު ނެތް ކަމަށް އެނަލިސްޓުން ބުނެއެވެ. ކަމަލާ ހެރިސްވެސް ހިމެނޭ މިހާރުގެ ސަރުކާރަށް ނަތަންޔާހޫ ހުއްޓުވުމަށް މާބޮޑު ކަމެއް ނުކުރެވޭތީ އެކަމުގެ ބަދުނާމު ކަމަލާ ހެރިސް އަށް ވެސް އަމާޒު ވެއެވެ.

އަނެއްކޮޅުން ޓްރަމްޕް ވަޑައިގަންނަވާ ކޮންމެ ތަނެއްގައި ވިދާޅުވަމުން ގެންދަވަނީ ވެރިކަން ލިބިވަޑައިގަންނަވާތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ހަނގުރާމަ ހުއްޓުވާނެ ކަމުގައެވެ.

ޓްރަމްޕަކީ ހަމަނުޖެހޭ ގޮތްގޮތަށް ވާހަކަ ދައްކަވާ، މުޅިން ބޯހަމަނުޖެހޭ ބޭފުޅެއްގޮތަށް ބަޔަކަށް ގަބޫލު ކުރެވުނު ނަމަވެސް ވައުދެއް ވެވަޑައިގެންފިނަމަ އެކަމެއް ފުއްދަވާ ކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ.ކުރީފަހަރުގެ ކެމްޕެއިންގައިވެސް ޓްރަމްޕް ގެ ސްލޯގަން އަކީ ”ވާނެ ވައުދަކީ ފުއްދާނެ ވައުދެވެ.“މިއެވެ.

މިހާރުގެ ސަރުކާރުގެ ދެފުށް ދެގޮތް ޕޮލިސީ ތަކުގެ ސަބަބުންވެސް މީހުން ތިބީ ޑިމޮކްރެޓުންދެކެފޫހި ވެފައެވެ. މިސާލަކަށް ޣައްޒާގައި މަރަމުން ގެންދާ އަންހެނުންނާއި ކުޑަކުދިންނަށް ހަމްދަރުދީވާކަމަށް ބުނާއިރު ހަމަ އެމީހުން މެރުމަށް އެމެރިކާއިން ދަނީ އިޒްރޭލަށް ބޮމާ އެހެންވެސް ހަތިޔާރު ފޯރު ކޮށް ދެމުންނެވެ. މިފަދަ ލީޑަޝިޕަކަށް އެކަކުވެސް އިތުބާޜެއް ނުކުރާނެއެވެ.

އިންތިހާބްގެ ނަތީޖާއަށް ބަދަލު ގެނުވަފާނެކަމަށް ބެލެވޭ ހަތް ”ސްވިންގ“ ސްޓޭޓް ގެ ތެރެއިން ހަ ސްޓޭޓްގައި ކުޑަމާޖިން އަކުން ނަމަވެސް މިހާރު ކުރީގަ އުޅުއްވަނީ ޓްރަމްޕެވެ.މިއީ ކަމަލާ ހެރިސް ކަންބޮޑުވާން ޖެހޭ ސަބަބެއް ކަމުގައި އެނަލިސްޓުން ބުނެއެވެ. އަދި މިކަން ބަދަލު ކުރައްވަން ބޭނުންނަމަ ވަރަށް އަވަސް ހަރަކާތްތަކެއް ގެންނަވަން އެބަޖެހެއެވެ.ނޫނީ ކާމިޔާބުގެ އުންމީދު ކުޑައެވެ.   

   ޖާދޫ ހަދާ މީހުން ހުސްތޮތްޕަކުން މުސަޅެއް ނެރޭގޮތުން މިސާލު ދައްކަމުން  ބައެއް ފަރާތްތަކުން މިހާރު ބުނަނީ ކަމަލާ ހެރިސް އަށް ދެން ޓްރަމްޕް ބަލި ކުރެވޭވީ ”ތޮފިން މުސަޅެއް ނެރެގެން“ ނެވެ.މާނަޔަކީ ދެން އިންތިހާބް ކާމިޔާބް ކުރައްވަން ޖެހޭނީ ޖާދޫއެއް ހައްދަވާށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާންގެ ވޯޓުލުން އޮންނާނީ ނޮވެމްބަރުމަހުގެ ފަސްވަނަ ދުވަހުއެވެ. ނަތީޖާ އަންނާނެގޮތެއް ބަލަން ތިބޭނީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް