މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ދިވެއްސަކު ބައިވެރިވުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފައެވެ.
ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަން ހާމަކޮށް އެހެން ދޭހަވާ ގޮތަށް ވާހަކަތައް ނުފަތުރަން ގޮވާލާފައެވެ.އަދި މިސް ޔުނިވާސްގައި ބައިވެރިވުމަށް ނިންމާފައިވާ ދިވެހި ޒުވާނާއަށް އެ ކަން ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ.
ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެއްސަކު ބައިވެރިވަނީ ދިވެހި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނޫން ކަމަށެވެ.
އެގޮތުން ދިވެހިންގެ ދީނާއި އަގީދާއި ސަގާފަތާ ނުގުޅޭ މުބާރާތްތައް ބޭއްވުމާއި އެކިއެކި ފަރާތްތަކުން ބާއްވާ އެ ކަހަލަ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަމައެހެންމެ މި ފަދަ ކަންކަމަކީ، ދިވެހިން ގަބޫލުކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަންކަމަށް ވާއިރު، ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުން ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.