ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަކުރާ އުތުރު ކޮރެއާ ސިފައިންނަށް މެހެމާންދާރީ ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ރަޝިޔާއާ އެކުގައި ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައިގާ ބައިވެރިވަމުންދާ އުތުރު ކޮރެއާގެ ސިފައިންނަށް ޔޫކްރެއިނުން މެހެމާންދާރީ ހުޅުވާލައިފިއެވެ.

ޔޫކްރެއިނުން ބުނެފައިވަނީ ރަޝިޔާގެ ލަޝްކަރުތަކުން ވަކިވެ ޔޫކްރެއިނަށް އަންނަ އުތުރު ކޮރެއާގެ ސިފައިންނަށް ތިންއިރުގެ މީރު ކެއުމާއި އަރާމުގައި ނިދާލެވޭނެ އެނދާއި ތަންމަތި ފޯރުކޮށްދޭނެ ކަމަށެވެ. މިކަމަށް އެދޭ މީހުންނަށް ޚާއްސަ ކިޔޫ އާރް ކޯޑަކާއި އަދި ހޮޓްލައިނެއް ވެސް މިހާރު ވަނީ ހުޅުވާދީފައެވެ. އަދި ކޮރެއާގެ ބަހުން “ ކަލޭމެން އައިސް ތިޔަ ތިބީ ޕޫޓިންގެ ވެރިކަމަށްޓަކައި ހަނގުރާމަކުރާށެވެ. ބޭރު ގައުމެއްގައި ތިބެގެން ކަލޭމެން މަރުވުމުގެ ބޭނުމަކީ ކޮބައިހޭ“ ބުނާ މެސެޖެއްވެސް ހޮޓްލައިނުން ތަކުރާރު ކުރަމުން ގެންދެއެވެ. އެ މެސެޖް ޓެލިގްރާމުގައިވެސް “ އަހަރެން ދިރިހުންނަން ބޭނުން “ މި ނަމުގައި ގެންދަނީ ތަކުރާރުކުރަމުންނެވެ. ހަމަ މިމޭރުމުން އެ މެސެޖުން މިހާރު ވަނީ ރަޝިޔާ ސިފައިންނަށް ވެސް މުޚާތަބު ކޮށްފައެވެ.

މިއީ ސައްހަ މައުލޫމާތުކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ޔޫކްރެއިންގައި ހަނގުރާމައިގެ އަސީރުންނަށް ކެއުމާއި ނިދުން ހަމަޖައްސާފައިވާ ގޮތުގެ ވީޑިއޯތައްވެސް ވަނީ ޢާންމުކޮށްފައެވެ.

އުތުރު ކޮރެއާގެ ވަރަށް ގިނަ ސިފައިން ރަޝިޔާގެ ލަޝްކަރުތަކުގައި ހިމެނޭކަމަށް ބިޒްނަސް އިންސައިޑަރަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން މިކަމާ ގުޅިގެން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ކޮންމެ ދުވަހަކު ހަވީރު ބާއްވަވާ ނިއުސް ބްރީފިންގގައި ވިދާޅުވެފައިވަނީ އުތުރު ކޮރެއާގެ ގިނަ ސިފައިންތަކެއް ރަޝިޔާގެ ލަޝްކަރުތަކުގައި ތިބުމާއެކު އުތުރު ކޮރެއާގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރުން ނޫން އެހެން ގޮތެއް ޔޫކްރެއިނަކަށް މިހާރު ނެތް ކަމަށެވެ. މި ސަބަބަށްޓަކައި އެކުވެރި ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމަށާއި އަދި ހަނގުރާމަ ހުއްޓުމަށް ރަޝިޔާއަށް އިތުރު ފިއްތުން ކުރިމަތިކުރަން ގޮވާލައްވާފައި ވެއެވެ.

އުތުރު ކޮރެއާގެ ސިފައިން އެހެންގައުމުތަކުގެ ލަޝްކަރުތަކާ ގުޅިގެން ހަނގުރާމަކުރަން ފޮނުވުމަކީ އެ ގައުމުން ކުރާ ކަމެއް ނޫނެވެ. ވަރަށް ޚާއްސަ ހާލަތުތަކެއްގައި އެގަމުގެ ސިފައިން ފޮނުވާނީ ވަރަށް ތަފާތު އަމުރުތަކަކާއެކުގައެވެ.

އިންޓަރނޭޝަނަލް ޑިފެންސް އެންޑް ސްޓްރާޓީޖިކް ސްޓަޑީޒްގެ އުތުރު ކޮރެއާއާބެހޭ ޚާއްސަ ތަޖްރިބާކާރު ޖޯސެފް އެސް ބާރމިއުޑެޒް ޖޫނިއަރ ބިޒްނަސް އިންސައިޑަރަށް މައުލޫމާތު ދީފައިވާ ގޮތުގައި އުތުރު ކޮރެއާގެ ލީޑަރ އެހެންގައުމަކަށް ސިފައިން ފޮނުވުމުގައި ސިޔާސީގޮތުން ފުރިހަމައަށް އިތުބާރު ކުރެވޭ ސިފައިންނަށް ބައްލަވާނެއެވެ. އެ މީހުންގެ ހަރަކާތްތަކާއި މިލިޓްރީ ކެރުން ދުވަހުން ދުވަހަށް ރެކޯރޑްކޮށް ބަލަހައްޓާނެ ރޫލިންގ ޕާރޓީގެ އޮފިޝަލުން ފޮނުވާފައި ތިބޭނެއެވެ. އެއްވެސް ސަބަބަކާހުރެ ސަރުކާރުގެ އެންގުންތަކާ ޚިލާފަށް ކޮޅު ބަދަލުކޮށް ނުވަތަ ފިލައިގެން ހިނގައްޖެނަމަ އުތުރު ކޮރެއާގައި ދިރިއުޅޭ އެމީހެއްގެ އާއިލާއަށް އަދަބު ދެވޭނެކަމަށް ރޭންޑް ( ރިސާރޗް އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ) ގައި ހުންނަ އުތުރު ކޮރެއާގެ ޚާއްސަ ތަޖްރިބާކާރު ބުރޫސް ޑަބްލިޔޫ ބެނެޓް ބިޒްނަސް އިންސައިޑަރ އަށް ކިޔާދީފައިވެއެވެ.

ކިތަންމެ މީރު ކެއުމަކާއި އަރާމު ތަންމައްޗެއް ދިނަސް އުތުރު ކޮރެއާގެ ސިފައިން ކޮޅުބަދަލު ކުރުމާއި ފިލުން އެއީ ވަރަށް ނުކުރާނެ ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް