ޒީ....3

Loading

Facebook
Twitter
WhatsApp
Oplus_131072

(ކުރީގެ ބަޔާ ގުޅޭ)

”އެއީ ތެދެއް؟“ އިޔާޒު އަވަސް އަވަހަށް އެހިއެވެ.

ދެބެއިން ކުރުނުކޮށް ސުވާލުކުރަމުންދިޔައީ އެއީ ކޮންކުއްޖެއްކަން ނޭނގިގެންނެވެ. އެންމެފަހުން އަހަރެން ހަތިޔާރު ބެހެއްޓީމެވެ. ކޮންކުއްޖެއްކަން ބުނީމެވެ. އެއްވެސް މީހަކު ގާތުގައި ނުބުނުމަށް ޝަރުތުކޮށް ހުވާކުރުވާފައެވެ. އެއީ ނާޒިމާއެވެ. މީހަކަށް އެނގިދާނެތީ އަހަރެން ޖަހާފައިވާ ނަމެކެވެ.

އެއްދުވަހަކު ޝިޔާޒް އަހަރެންގެ އަތަށް ފަތްޖަހާފައި އޮތް ހުދުކުލައިގެ ކުޑަރުމާލެއް ގެނެސްދިނެވެ. ޝިޔާޒް ބުނީ އެއީ ”ޒީގެ ކޮޓަރީ ދޮރުމައްޗަށް ވެއްޓިފަ އޮތް އެއްޗެއް“ ކަމަށެވެ. އަހަރެން ހުޅުވައިލީމެވެ. ކައިރިފަށުގައި ވަނީ ނިޔަފައްޗެއްގެ ފުޅާމިން ހުންނަވަރުގެ ފުޅާ ރަތްކުލައިގެ ބޯޑަރެއް އަޅާފައެވެ. ރުމާލުގެ މެދުގައި ވަނީ ރަތްކުލައިގެ ހިތެއްގެ މެދުން ފޫއަޅުވާލައި އެއްފަރާތުން އަނެއްފަރާތަށް ކަޅުކުލައިގެ ތީރެއް ނުކުމެފައިވާ މަންޒަރު ސިފަކޮށްދޭ ޑިޒައިނެކެވެ. ހިތުގެ ތެރޭގައި ތީރުގެ މަތީގައި އޮތީ ކަޅު މާކަރަކުން އަޅާފައި އޮތް އާރް އަކުރެކެވެ. ތީރުގެ ތިރީގައި އޮތް އަކުރު އޮތް މިސްރާބުން އެއީ ޒެޑް އަކުރެއް ކަމެއް ނުވަތަ އެން އަކުރެއް ކަމެއް ސާފެއްނުވެއެވެ. ހައިރާންވެގެން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ފުޅާ ހިނިތުންވުމެއް މޫނުމަތީގައި ފަވައިލެވުނެވެ. އަހަރެން ރަތްކުލައިގެ މާކަރެއް ނެގީމެވެ. ރުމާ އަހަރެންގެ އަތަށް ލިބުނު ގަޑިއާއި ތާރީޚު ރުމާލުގައި ލިޔެލީމެވެ. އަދި ރުމާލުގައިވާ އެން އަކުރު ޒެޑް އަކުރެއްގެ މިސްރާބަށް އޮންނާނެހެން ކައިރީގައި ދެ އީ އަކުރު ލިޔެލީމެވެ. ”ޒީ“ އެވެ. އެއަށްފަހު ފޮތެއްގެ ތެރެއަށް ލައި ރުމާ ފޮރުވީމެވެ.

”މިތާ އޮތް ރުމާލެއް ދުށިންތަ؟“ އަހަރެން ކޮޓަރިން ނުކުތްތަނާ ޒީ އެހިއެވެ.

އިރުކޮޅަކަށް ހުއްޓުންއަރާފައި އަހަރެންނަށް ހުރެވުނެވެ. ނަމަވެސް ދޮގުހަދާކަށް ނުކެރުނެވެ. ޒީ އެދުނީ އެ ރުމާ އޭނާއަށް އަނބުރައި ރައްދުކުރުމަށެވެ.

”ސޮރީ! އަހަރެންނަށް ތީގަ ލިޔެވިއްޖެ.“ އަހަރެން ޖެހިލުންވެ ހުރެ ބުނީމެވެ. ޒީ އެއްޗެއް ނުބުނެ ރުމާ ހިފައިގެން ކޮޓަރިއަށް ވަނީއެވެ.

އަހަރެން ހުރީ ދެމީހުން އެކަނި ވާހަކަދައްކާލެވޭނެ ވަގުތަކަށް ބަލަބަލައެވެ. އަހަރެން އަސުރުން ފައިބައިގެން އައިއިރު ޒީ ހުރީ އެއްޗެހި ދޮންނާށެވެ. އިތުރު އެއްވެސް މީހަކު ގެއަކު ނޫޅެއެވެ. މެސެނު ހުންނަނީ ގޭތެރޭން ބޭރުގައި ހިޔާކޮށްފައި ހުންނަ ތަންކޮޅެއްގައެވެ. އެތަނުގެ ކައިރީގައި ދިގުގޮނޑިއެއް ބަހައްޓާފައި ހުރެއެވެ.

”އެއްޗެހި ދޮންނަނީތަ؟“ ގޮނޑީގައި އިށީންނަމުން އަހަރެން އަހައިލީމެވެ.

”ހްމްމް! އެއްޗެއް ދޮވެލަދޭންވީތަ؟“ އަހަރެން ނޫނެކޭ ބުނީމެވެ.

އަހަރެން ފެށީ ރުމާލުގެ ވާހަކައެވެ. އަހަރެންނަށް އޭގައި ލިޔެވުނީތީ ތަކުރާރުކޮށް މާފަށް އެދުނީމެވެ. ޒީ ބުނީ އަހަރެން މާފަށް ނޭދުނަސް މާފުކޮށްފި ކަމަށެވެ. ރުމާލުން ފެށުނު ވާހަކަ އެދުވަހު ނިމުނީ ދެމީހުންގެ މެދުގައި އުފެދިގެންދިޔަ އައު ގުޅުމަކާއެކުގައެވެ. އެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ތަރައްގީވަމުންނެވެ.

ޅަފުރާގެ ލޯތްބަކީ މަޖާ އިހުސާސެކެވެ. އަބަދުވެސް އެކަކު އަނެކަކު ފެންނަ ހިސާބުގައި ވުމަށް އެދެވެއެވެ. އަބަދުވެސް އެކުގައި ވުމަށް އެދެވެއެވެ. އަހަރެމެންނަށް އަހަރެމެންގެ މުސްތަގުބަލު ފެންނަނީ ފިސާރި އުޖާލާކޮށެވެ. ދިރިއުޅުމުގައި އަހަރެމެންނަށް އެއްވެސް ދަތިކަމެއް ގޮންޖެހުމެއް ދިމާނުވާނެ ފަދައެވެ. އަހަރެމެންގެ ހުންނަނީ ނިކަން ކުލަ ހުވަފެންތަކެކެވެ. ހުވަފެންތަކުގައި ކުލަޖެއްސުމަކީ ވަރަށް އާދައިގެ ފަސޭހަ ކަމެކޭ ހިތަށްއަރައެވެ. ނަމަވެސް ކަން ހިނގައިދަނީ ދުނިޔޭގެ ސުންނަތާ އެއްގޮތަށެވެ. އުސްގަނޑެއް އަތުވެއްޖިއްޔާ ދެން އަންނާނީ އަޑިގަނޑެކެވެ. 

އުމަރުބެ ހާލުބޮޑުވެގެން މާލެގެނައީ އަހަރެން ކްލާސް ކުދިންނާއެކު ގްރޭޑް ދިހައެއް ނިމުން ފާހަގަކޮށްފައި ގެއަށް އައި ދުވަހުއެވެ. އުމަރުބެ ގޮވައިގެން މާލެއައީ ޒީގެ މަންމަ ފަރީދައްތައެވެ. އުމަރުބެ ހޮސްޕިޓަލުގައި ބޭއްވުމުން ޒީ ގިނަ ވަގުތު ހޭދަކުރީ އުމަރުބެ ގާތުގައެވެ. އަހަރެންވެސް ވަރަށް ގިނަ ވަގުތު އުމަރުބެ ގާތުގައި ހޮސްޕިޓަލުގައި ހޭދަކުރީމެވެ. ހަފުތާއެއްހާ ދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު އުމަރުބެ ދޫކޮށްލުމުން އެމީހުން ގަސްތުކުރީ އުމަރުބެ ގޮވައިގެން ރަށަށް ދާށެވެ.

މަންމައާއެކު ދުވަސްކޮޅަކަށް ޒީ ރަށަށް ދާ ވާހަކަ ބުނީއްސުރެ އަހަރެންނަށް އުނދަގޫ އިހުސާސްތަކެއް ވާންފެށިއެވެ. ޒީ ފުރަން އޮތް ދުވަހުގެ ކުރީރޭ ނުވެސް ނިދުނެވެ. ހީވަނީ ގައިން ބޮޑު ބައެއް މަދުވާން އުޅޭހެންނެވެ. ގޭގެ ބޮޑު ބައެއް ފަޅުވާން އުޅޭހެންނެވެ. އެރޭ އަހަރެން ކިތަންމެ ވާހަކަދައްކަން ބޭނުންވި ނަމަވެސް ޒީ ގެއަށް ނިދާކަށް ނާދެއެވެ. ހިތް ނުތަނަވަސްވެގެންގޮސް ދާހިއްލަންފެށިއެވެ. އަހަރެން ތެދުވީމެވެ. ނޯޓު ފޮތުން ގަނޑެއް ކަނޑާލައި ޒީއަށް ނޯޓެއް ލިޔެލީމެވެ. ރަށަށް ދިއުމުގެ ކުރިން ފެނިލުމަށް އެދިއެވެ. ރަށުން އެނބުރި އަވަހަށް އައުމަށް އެދިއެވެ. އަދި އަހަރެންގެ މަތިން ހަނދާން ނައްތައިނުލުމަށް އެދިއެވެ. ނޯޓު ނިންމައިލަމުން ވަރަށް ލޯބިވާ ވާހަކަ ލިޔުނީމެވެ. މިރޭ ނިދަން ނަޔަސް ހެނދުނުވެސް އަތުވެއްޖެނަމަ ޒީއަށް ފެންނާނެ ކަމަށް ބަލައި އޭނާގެ ކޮޓަރީގެ ދޮރުފަތް ދަށުން ނޯޓު އެތެރެއަށް ކޮއްޕައިލީމެވެ.

ހުރިހާ ފަހަރަކު ކަންތައް ވަނީ އެންމެ އެދޭ ގޮތަކަށް ނޫނެވެ. ހީކުރިގޮތާ ޚިލާފަށް ޒީ ގެއަކަށް ނާދެއެވެ. ޒީގެ އެއްޗެހި ބަލައި އައީވެސް ފަރީދައްތައާއި ޒީގެ ބޭބެއެކެވެ. އަހަރެން ދޮރުދަށަށްލީ ނޯޓު ނެގޭތޯ ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އެމީހުން ތިއްބައި އެ ނަގަން ވަންނާކަށް ނުކެރުނެވެ. ފޮށި ތައްޔާރުކޮށްފައި އެމީހުން ދިޔައީ ބަދިގެފަރާތަށް ސައިބޯށެވެ. އެމީހުން ނުކުތުމުން އަހަރެން ވަދެ އެ ނަގައިފީމެވެ. ޒީއަށް އެ ރައްދުކުރަން ހަދާނެ ގޮތަކާމެދު ވިސްނީމެވެ. 

”ދީބަލަ ތި!“ އިޔާޒު އަހަރެންގެ އަތުން ނޯޓު އަތުލައިގެން ގެންގޮސްލީ ޒީގެ ފައިވާން ކޮތަޅުގައި އޮތް ބޫޓެއްގެ ތެރެއަށެވެ.

(ނުނިމޭ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް