އެމެރިކާއަކަށް ދެނެއް ބޮޑު ހަނގުރާމައެއް ނުކުރެވޭނެ

Loading

Facebook
Twitter
WhatsApp

ބިޒްނަސް އިންސައިޑަރުން މިއަދު ހާމަކޮށްފައިވާ ރިޕޯރޓެއްގައި އިރުމަތީ އޭޝިޔާގައި ދެކޮޅުވެރިކަމެއް ފެށިއްޖެނަމަ އެމެރިކާއިން ހަނގުރާމަ ނުކުރެވޭނެކަމަށް ޖެނެރަލް ޗާލްސް ފްލިން  އިންޒާރު ދީފިއެވެ. އޭނާ ބުނެފައިވަނީ މެދުއިރުމަތީގެ ގައުމުތަކުން ފެށިގެން ރަޝިޔާއާ ހަމަޔަށް ހުރި ގައުމުތަކަކީ ޚުދު މުޚްތާރު ވެރިކަމެއް ކުރާ ގައުމުތަކަކަށްވެފައި އަދި އެ ގައުމުތަކަކީ  ޔޫ އެސް ގެ މިލިޓްރީ ގަދަފަދަ ކަމަށް އޮތް ޗެލެންޖެއް ކަމަށެވެ. ބައެއް ތަޖްރިބާކާރުން ދެކޭ ގޮތުގައި އެމެރިކާގެ މިލިޓްރީ ހަންފަތުރަމުންގޮސް މިހާރު މިއޮތީ ނުފޯރާ ފޮށައިން ފޫގެޅީމާވާގޮތް ވެފައެވެ. 

އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ އެމެރިކާގެ އެންމެ އިސް ކޮމާންޑަރ ޑިފެންސް ވަން އަށް ކިޔާދީފައިވާ ގޮތުގައި ރަޝިޔާ އާއި ޗައިނާ އީރާނާއި އަދި އުތުރު ކޮރެއާ ގެ އެއްބައިވަންތަކަން ފޫއަޅުވާލެވިދާނެ މިލިޓްރީ ފުދުންތެރިކަން އެމެރިކާގެ މިލިޓްރީގައި މިހާރަކު ނެތެވެ. އަދި އެ ގައުމުތަކުގެ އެއްބައިވަންތަކަމަކީ މިހާރު އެމެރިކާއަށް ވަރަށްބޮޑު ނުރައްކަލެކެވެ. އެ ގައުމުތަކުގެ އެއްބައިވަންތަކަން މިހާރު ވަނީ ވަރަށް އުސްމިނެއްގައެވެ.

އީރާނުގެ ނުރައްކާތެރި ޝާހިދު މަރުކާގެ ޑްރޯންތައް ރަޝިޔާއަށް ލިބެމުންދާއިރު އުތުރު ކޮރެޔާގެ ސިފައިންނާއި ރޮކެޓްތައް ރަޝިޔާއަށް ފޯރުކޮށް ދެމުން ގެންދެއެވެ. އަދި ޗައިނާގެ ސިޔާސީ އަދި އިގްތިސާދީ ރައްކާތެރިކަން ހުންނަނީ ރަޝިޔާއަށް ލިބިލިބިއެވެ. ޖެނެރަލް ފްލިން އަކީ މިމޭރުމުން އިންޒާރު ދިން ފުރަތަމަ އެމެރިކާގެ އިސް މިލިޓްރީ އޮފިޝަލެއް ނޫނެވެ. މީގެ ކުރިން ފޮރވާރޑް ޑިފެންސްގެ އެޓްލާންޓިކް ކައުންސިލްގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރ ކެތުރީން ލެވަންޓޮވުސް ކާސިއާ ވެސް ވަނީ އެމެރިކާއިން އޭޝިޔާއާއި އިރުމަތީ އޭޝިޔާގައި ފަތުރަމުން ގެންދާ މިލިޓްރީ ހަމުގެ ތުނިކަން ފާހަގަކޮށް އިންޒާރު ދީފައެވެ. އެކަމަނާ ބުނެފައިވަނީ ޔޫރަޕާއި މެދުއިރުމަތި ބަނޑުދަށުލައިގެން ގެންގުޅުމަށް އެމެރިކާއިން ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭނެކަން ދަންނަން ޖެހޭނެއެވެ. އެކަމަކު މެދު އިރުމައްޗާއި ޔޫކްރެއިންގައި ހޫނުވަމުންދާ މަސްރަހްގައި އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތައް މާބޮޑަށް ފަހަތުފަޔަށް ބުރަކަމަށް ބެލެވޭތީ ނޭޓޯގެ ކުރިމަތީގައިވެސް އެމެރިކާގެ އަގު ވެއްޓުން ވަރަށް ކައިރިއެވެ. އަދި އިރުމަތީ އޭޝިޔާއަށް ބަލާލާއިރު ތައިވާނުއަތުލާނެ ކަމަށް ޗައިނާއިން ދެމުން ގެންދާ އިންޒާރުތަކަށްވެސް އެމެރިކާއިން އެދެވޭގޮތެއްގައި ރައްދު ދެވޭ ތަނެއް ނުފެނެއެވެ. 

މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި އެމެރިކާއިން  އެޓްލާންޓިކް ސަރަހައްދަށް ކަނޑައަޅާފައި އޮންނަ ހުރިހާ ބާރުތަކެއްގެ ދެވަނައަށް އެންމެ އިސް ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ސްޓެފަން ސްކްލެންކާވެސް ވަނީ ހަމަ މިމޭރުމުން ދަ ސިޑްނީ މޯރނިންގ  ހެރާލްޑްގައި އެމެރިކާގެ ނުކުޅެދުން ހިއްސާ ކޮށްފައެވެ. އޭނާ ކިޔާދީފައިވާގޮތުގައި އެތައް ގައުމެއްގައި ހިންގަމުންދާ ދެކޮޅުވެރިކަމުގެ ތެރެއަށް އެމެރިކާއިން ވަނުމުގެ ސަބަބުން މިހާރު ދެން އަނބުރާ ނިކުމެވިދާނެ މަގުވެސް ބަންދު ވެއްޖެ ކަހަލައެވެ. 

ޔޫރަޕަށް ނިސްބަތްކުރެވޭ ހަނގުރާމައަކާއި މެދުއިރުމަތީގައި ހޫނުވަމުންދާ ހަނގުރާމައިގެ ހާލަތުތަކަށް ވަގުތާއި ފައިސާއާއި ހަތިޔާރު ހޭދަކުރަމުން އެހެން ދިމާލަކުން އަންނަ ޗެލެންޖަކަށް އެމެރިކާއިން ފޮނުވާނީ މިލިޓްރީ ކޮން ވަސީލަތެއް  ހެއްޔެވެ ؟  ޖެނެރަލް ޗާލަސް ފްލިން ސުވާލު އުފެއްދިއެވެ. އެމެރިކާއިން ޗައިނާއާއި ކުރިމަތިލާން ޖެހިއްޖެނަމަ އެއީ އާދައިގެ ކުރިމަތި ލުމަކަށް ނުވާނެއެވެ. މުޅި ދުނިޔެއަށް އެކަމުގެ އިގްތިސާދީ ނުރައްކާތެރިކަން ފެތުރިގެންދާނެއެވެ.

ހުޅަނގުގެ ގައުމުތަކުން އީރާނަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ކުރިމަތިލާން ޖެހިފައިވާ އިގްތިސާދީ ހުރަސްތަކުން އަރައިގަތުމަށާއި އަދި ހިޒްބު ﷲ އާއި ހޫތީ މުޖާހިދުންނަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުމުގައި ރަޝިޔާއިން ގެންދަނީ އެހީތެރިވަމުންނެވެ. 

އެގައުމުތަކުގެ އެއްބައިވަންތަކަން ރަމްޒުކޮށްދިނުމުގެ ގޮތުން ދާދީ މިދާކަށް ދުވަހު ރަޝިޔާއާއި އުތުރު ކޮރެއާ ގުޅިގެން ބޭއްވި ވަރުގަދަ މިލިޓްރީ  ތަމްރީނުތަކުން އަންގާދޭން ބޭނުންވަނީ ތައިވާން އަތުލުމަށްޓަކައި ޗައިނާއޮތީ އެކަނި ނޫންކަމެވެ. 

އެމެރިކާއާއި ޗައިނާގެ ދެކޮޅުވެރި ކުރިމަތިލުމެއްގައި ދުނިޔޭގެ ޖުމުލަ ޖީ ޑީ ޕީ ގެ %10 އަނދައިގެން ދާނެކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ. އެހެންގޮތަކަށް ބުނާނަމަ 10 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ދުނިޔެއަށް ކުރިމަތިލާން ޖެހޭނެއެވެ. އަދި މިހާރު މެދު އިރުމަތީގައި ހިނަގަމުންދާ ދެކޮޅުވެރިކަން އިތުރަށް ފުޅާވެގެން ހިނގައްޖެނަމަ ދުނިޔޭގައި ތެލުގެ އަގު އުފުލި  ކާބޯތަކެއްޗަށް ޖެހުމުގެ ނުރައްކާ އެހާމެ ބޮޑެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ބާރުގަދަ 2 ގައުމަކާ ދެކޮޅަށް އެމެރިކާގެ ލަޝްކަރުތަކުން ހަނގުރާމަކޮށް ކާމިޔާބީތަކެއް ވަނީ ހާސިލުކޮށްފައެވެ. އެކަމަކު އެމެރިކާގެ އެ ވިސްނުން ފަހުން ވަނީ ބަދަލުކޮށްފައެވެ. 

ދެން ކުރިމަތިން ފެންނަން ފެށީ ޗައިނާގެ މިލިޓްރީ ބާރުގަދަ ކުރަމުން ގެންދިއުމާއެކު އެމެރިކާއިން އެއްފަހަރާ ބިޔަ 2 ހަނގުރާމަ ކުރެވޭ ވަރަށް މިލިޓްރީ ބާރުގަދަކުރަންޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިއުން އަމާޒުކުރަމުން ގެންދާން ފެށިތަނެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރޭންޑް ކޯޕަރޭޝަނުން ބިޒްނަސް އިންސައިޑަރަށް ކިޔާދީފައި ވަނީ ޗައިނާއާއި ރަޝިޔާއާއި ދެކޮޅަށް އެއްފަހަރާ އެމެރިކާއިން ހަނގުރާއެއް ކުރުމަށް ތައްޔާރުވުމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެކެވެ. އަދި އެމެރިކާގެ ބައިވެރިން އެއްގަލަކަށް އެރުވުމަކީވެސް ވަކިން ކުޑަ ޚަރަދަކަށް ނުވާނެއެވެ. އަދި މުޅި ދުނިޔެއަށް މިހާރު ދިމާވެފައިވާ އެއްވެސް ހިފޭއްޓުމެއްނެތް އިގްތިސާދަކީވެސް ކުޑަ ގޮންޖެހުމަކަށް ނުވާނެއެވެ. ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރިސާރޗް އިންސްޓިޓިއުޓުގެ ހޯދުންތަކުން އެމެރިކާގެ 2024 ވަނައަހަރުގެ މިލިޓްރީ ބަޖެޓަކީ 886 ބިލިއަން އެމެރިކާ ޑޮލަރުކަން ހާމަކޮށްފައި ވެއެވެ. ކެތުރީން ލެވަންޓޮވުސް ކާސިއާ ބުނެފައިވާގޮތުގައި ކުރިއަށް އޮތްތަނުގައި އިތުރު 300 ބިލއަން ޑޮލަރ އެމެރިކާގެ މިލިޓްރީ ބަޖެޓަށް ބޭނުންވާނެއެވެ. އެމެރިކާގެ ޚަޒާނާގައި އެވަރުގެ ފުދުންތެރިކަމެއް ހުރިކަމަކަށް ނުބުނެވޭނެއެވެ. މިހާރުވެސް ނުދެއްކިއޮތް ދަރަނި 35 ޓްރިލިއަން ޑޮލަރަށް އެވަނީ އަރައިގެން ގޮސްފައެވެ. 

އެމެރިކާއިން ހަނގުރާއަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް ހޭދަކުރަމުންގެންދާއިރު ގައުމުގެ ޒުވާން ޖީލު ތިބީ މަގުމަތީގައި ބިތްޖެހިފައެވެ. ރަނގަޅު ތައުލީމެއް އަދި ތަރުބިއްޔަތެއް ދެވޭނެ ނިޒާމެއް ގާއިމް ކުރެވިފައެއް ނެތެވެ. އެތައް ރައްޔިތުންނެއް ތިބީ ގެދޮރު ނެތި މަގުމަތިވެފައެވެ. އެކަމަކު ޗައިނާއިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޒުވާން ޖީލު ހެޔޮ ގޮތުގައި ބިނާކުރުމަށްޓަކައި ތައުލީމާ ތަރުބިއްޔަތު ދޭނެ މަރުކަޒުތައް މުޅިގައުމުގައި ގާއިމްކޮށް ޒަމާނީ ގެދޮރުވެހިކަން އަތްފޯރާ ފަށުގައި ރައްޔިތުންނަށް ލިބިލިބި ހުރުން ގެންދަނީ ކަށަވަރު ކުރަމުން ނެވެ. 

ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފައިވަނީ ރަނގަޅު ވާހަކައެކެވެ. އެމެރިކާއަކީ ނޭޓޯ އާއި އެހެން ގައުމުތަކުގެ ބެލެނިވެރި ފަރާތެއް ނޫނެވެ. އެ ގައުމަކުން އެގައުމެއްގެ ކަންތައް ކުރަން ދޫކޮށްލާށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް