ވަރުދެރަވެ ހަކަތަ ނެތިފައިވަނިކޮށް އުތުރު ކޮރެޔާގެ ދިދަ ފެނުމުން ހިތަށް ބިރުވެރިކަން ވަދެއްޖެ

Loading

Facebook
Twitter
WhatsApp

މަތީގައި އެވަނީ އިއްޔެ ހަވީރު ދަ ޓެލިގްރާފުގެ ރިޕޯޓަރ އަންނާ ކޮންކްލިންގް ދީފައިވާ ޚަބަރުގެ ސުރުޚީން ތަންކޮޅެކެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ގޮއްވާލާފައިވާ ތަންތަނުގައި ރަޝިޔާގެ ތިންކުލައިގެ ދިދައާއެކު އުތުރު ކޮރެއާގެ 5 ތަރި ހިމެނޭ ރެޑް، ބްލޫ ކުލައިގެ ދިދަ ވިހުރުވެމުން ދިއުމަކީ ޔޫކްރެއިން ސިފައިންނަށް މީގެ ކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ. އަދި އެއީ ޔޫކްރެއިން ސިފައިން ދެކެން ބޭނުންވާ މަންޒަރެއްވެސް ނޫނެވެ. އަދި އެއީ ހަނގުރާމައިގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކުރުމުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގެ ނުރައްކާތެރި ކޮންމެ ހާލަތަކަށް ވިޔަސް ކުރިމަތިލުމުގެ ކެރުމާއި ހިތްވަރު ލިބިފައިވާ ޔޫކްރެއިން ސިފައިންގެ ހިތްތަކަށް ވަރަށްބޮޑު ބިރުވެރިކަމެއް ވައްދައި ދިން މަންޒަރަކަށް ވެގެންދިޔައެވެ. އަދި ޔޫކްރެއިންގެ ތެރޭގައި އުތުރު ކޮރެއާގެ ސިފައިން ތިބެދާނެކަމަށް ކުރެވޭ ޝައްކެއްގެ ބޮޑުކަމާހުރެ ޕެކެހޭނެގުން މިހާތަނަށް ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ޕެކެހޭނެގުންނަކީ ޔޫކްރެއިން ހަނގުރާމައިގާ ޠުކްރެއިން ސިފައިން ބޭނުންކުރާ ކޯޑް ނަމެކެވެ. ޕެކެހޭނެގުންނަކީ އަސްލުގައި ތުރުކީ ނަސްލުގެ ބައެއް ކަމަށް އަލް މަސްއޫދީ ބުނެފައިވެއެވެ. ޔޫކްރެއިންގެ ރައްޔިތުންގެ ތެރޭގައި ތުރުކީ ނަސްލުގެ ދެ ބަޔަކު ހިމެނެއެވެ. އެއްބަޔަކީ ޕެކެހޭނެގުންނެވެ. އެއީ އާންމު ގޮތެއްގައި ނަސާރާއިންނެވެ. އަނެއް ބަޔަކީ އޯގަޒުންނެވެ. އޯގަޒުންނަކީ އާންމުގޮތެއްގައި މުސްލިމުންނެވެ. ޕެކެހޭނެގުންގެ މުޅި ހަޔާތް ވޭތި ވެގެން ދިޔައީ ހަނގުރާކުރުމުގެ ތެރޭގައި ކަމަށާއި ބައެއްތަންތަން ފަތަހަ ކޮށް އަނެއްބައި ތަންތަން ގެއްލި ޒަމާންތައް ދިގުލަމުންގޮސް އެމީހުން އެންމެފަހުން ދިރިއުޅުނު ކަމަށް ބެލެވޭ ހިސާބު ބަލްގޭރިޔާއާއި ރޮމޭނިޔާ އަދި ހަންގޭރީގެ ސަރަހައްދުތަކުން މިހާރުގެ ޔޫކްރެއިން ސަރަހައްދަށް ބަދަލު ވެފައިވަނީކަމަށް ވެސް އަލް މަސްއޫދީގެ ލިއުންތަކުން ފާހަގަކުރެވެއެވެ. އަލް މަސްއޫދީއަކީ ޕެކެހޭނެގުންގެ މައްސަލާގައި އެންމެ އިތުބާރުކުރެވޭ މުއައްރިޚުންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ.

ޕޮކްރޮވުސްކް ސިޓީގައި ފުނިޖެހިފައިވާ ހަނގުރާމައިގެ ވީރާނާތަކުގެ ތެރެއިން ފަނޑުގޮތަކަށް ނަމަވެސް ފެންނަންހުރި އެއްފޮޓޯއަކީ ދުނިޔޭގެ އެހެން ދިމާއަކުން އައިސް ޔޫކްރެއިންގެ ސިފައިންނާއި އަދި އާންމު ރައްޔިތުންނަށް ބޮޑެތި މުސީބާތްތަކެއް ކުރިމަތިކޮށްފާނެކަމުގެ ބިރުވެރި ނިޝާނަކަށް ފުދެއެވެ. ޔޫކްރެއިން ހަނގުރާމަ ފެށުނީއްސުރެން އުތުރު ކޮރެއާއަކީ ރަޝިޔާއަށް ހަތިޔާރާއި ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ގައުމެކެވެ. އޭގެއިތުރުން މިދިޔަ ޖޫންމަހުގެ ތެރޭގައި ރަޝިޔާއާއި އުތުރު ކޮރެއާއިން ވަނީ އެހެން ގައުމެއްގެ އުދުވާނާ ކުރިމަތިލާންޖެހޭ ހިނދު އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭނެކަމުގެ ދިފާޢީ އެއްބަސްވުމެއް ވެސް ގާއިމު ކޮށްފައެވެ. އުތުރު ކޮރެޔާއިން ރަޝިޔާއަށް ސިފައިން ފޮނުވުމުގެ އިތުރުން ރަޝިޔާ-ޔޫކްރެއިންގެ ފްރަންޓް ލައިންގައިވެސް އުތުރު ކޮރެޔާގެ ސިފައިން ހަރަކާތްތެރިވަމުން ގެންދާކަމަށް މިދިޔަ ބުދަދުވަހު އެމެރިކާގެ ދިފާއީ ވަޒީރު ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ޕޮކްރޮވުސްކުގެ ރަށްބޭރުގައި ދަ ޓެލިގްރާފަށް މައުލޫމާތުދިން ޔޫކްރެއިންގެ ސިފައިންގެ އޮފިޝަލަކު ބުނެފައިވަނީ އިރުމަތީ އޭޝިޔާ ނަސްލުގެ ހަނގުރާމަވެރިން ރަޝިޔާގެ ލަޝްކަރުތަކުގެ ތެރޭން ފެނިފައިވާކަމަށެވެ. އަދި ރަޝިޔާގެ ސިފައިން އަދަދުވެސް ގިނަކަމުން އޭގެތެރޭގައި އިރުމަތީގެ ނަސްލަށް ނިސްބަތްކުރެވޭ މީހުންގެ އަދަދު ދެނެގަތުމަކީ ނުކުރެވޭނެކަމެކެވެ.

ރަޝިޔާގެ ލަޝްކަރު މިހާރުތިބީ ޕޮކްރޮވުސްކުގެ ސެލިޑޯވޯ ކައިރީގައެވެ. އުތުރު ކޮރެއާގެ ސިފައިން ޔޫކްރެއިނަށް ވަދެގެންފިކަމަށް ދަ ޓެލިގްރާފަށް މައުލޫމާތު ދީފައިވަނީ ހަމައެކަނި އެންމެ އޮފިޝަލަކު ނޫނެވެ. ޕޮކްރޮވުސްކުގެ ފްރަންޓް ލައިނުގައި ކޯޑް ނަން ޕެކެހޭނެގް ބޭނުންކުރާ އިސް އޮފިޝަލަކުވެސް ވަނީ ދަ ޓެލިގްރާފަށް އެކަން ކަށަވަރުކޮށް ދީފައެވެ. އޭނާ ކިޔާދީފައިވާ ގޮތުގައި ޔޫކްރެއިން ސިފައިންގެ ތެރޭގައި ވަކިން ޚާއްސަބަޔަކު އެކި ދިމަދިމާލުގެ ހަރަކާތްތައް މެސެޖްގެ ޒަރީއާއިން ރިޕޯރޓް ކުރަމުން ގެންދާނެ ގްރޫޕްތައް ތިބޭނެއެވެ. ދާދި ފަހުން ލިބުނު މެސެޖެއްގައިވެސް އުތުރު ކޮރެޔާގެ ސިފައިންގެ ޔުނިފޯމުގައި ތިބި ބަޔަކު ފެނިފައިވާކަމަށް ރިޕޯރޓް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އުތުރު ކޮރެޔާ ސިފައިންގެ ވަރަށް އިސް ޔުނިފޯމްތައް ވެސް ހިމެނޭކަމަށް ޕެކެހެނޭގް ކިޔާދީފައި ވެއެވެ. އެހެންނަމަވެސް މިހާތަނަށް ޕެކެހެނޭގުންގެ ޝައްކުތަކާ ބެހޭގޮތުން ކީވުން ވަކި އެއްޗެއް ރަސްމީ ގޮތުން ނުބުނެއެވެ.

ޔޫކްރެއިންގެ އޮފިޝަލުންނަށް ރަސްމީގޮތުން އެނގިފައި ނެތަސް އެމެރިކާއިން ޔޫކްރެއިނަށް އަންގާފައިވަނީ މިހާރުވެސް ޔޫކްރެއިންއާ ދެކޮޅަށް އުތުރު ކޮރެއާގެ ތިންހާސްސިފައިން ހަރަކާތްތެރި ވަމުންގެންދާ ކަމަށާއި ޑިސެމްބަރ މަސް އައުމުގެ ކުރިން އެ އަދަދު ދިހަހާހަށް އިތުރުވާނެ ކަމަށެވެ.

އުތުރު ކޮރެއާ ސިފައިންގެ ހަނގުރާމައިގެ ހުނަރުތަކަކީ ފަހުގެ ތާރީޚެއްގައި ދުނިޔެއިން ދެކިފައިވާ ހުނަރު ތަކެއް ނޫނެވެ. އެންމެފަހުން އުތުރު ކޮރެއާއިން ހަނގުރާމައެއްގައި ބައިވެރިވެފައިވަނީ މީގެ 71 އަހަރުކުރިން ކޮރެއާ ހަނގުރާމައިގައެވެ.

ޔުނިވާރސިޓީ އޮފް އޮކްސްފޯރޑުގެ އުތުރު ކޮރެއާ އާ ބެހޭ ޚާއްސަ ތަޖްރިބާކާރު ޑޮކްޓަރ އެޑްވާރޑް ހޮވެލް ދަޓެލިގްރާފަށް ކިޔާދީފައިވާ ގޮތުގައި އުތުރު ކޮރެއާ ސިފައިންގެ ހުނަރުތަކާ ދޭތެރޭ ވާހަކަ ދެއްކުމުގެ ބަދަލުގައި ރަޝިޔާގެ ލަޝްކަރުތަކަށް އުތުރު ކޮރެއާގެ ސިފައިން އިތުރުވުމާއި އުތުރު ކޮރެއާގެ ހަތިޔާރު ލިބިލިބި ހުރުމަކީ ރަޝިޔާގެ ސިފައިންނަށް ލިބޭ އިތުރު ހިތްވަރަކާއި ބާރެއްކަމުގައި ބަލަން ޖެހެއެވެ. އަދި އިރުމަތީގެ މި އެއްބައިވަންތަކަން ދެމިގެންދާ ގޮތުން މުސްތަގްބަލްގައި ހުޅަނގުގެ މިލިޓްރީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެކަން ހަނދާންކުރުން ބުއްދިވެރިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް