ސަހަރާ

Loading

Facebook
Twitter
WhatsApp

ޤުރުއާން ކުލާސް ނިންމާލާފައި އަހަރެންނާއި މަރީ ހިނގަމުންދިޔައީ ގެއާ ދިމާއަށެވެ. ދެމީހުންގެ ގެވެސް ހުންނަނީ ސަހަރާ ކައިރީގައެވެ. ގެއަށް ވަނުމުގެ ބަދަލުގައި ދެމީހުން އިހަށް މަޑުކޮށްލީ އަނެއް ދުވަހު އޮތް ވޮލީ މެޗާ ބެހޭގޮތުން މަޝްވަރާ ކޮށްލުމަށެވެ. ގޭ ދޮރުމަތީގައި އޮންނަ ދުވާރު ހަނިކަމުން ހިނގާ މީހުންނަށް އުނދަގޫވާތީ ދެން އަހަރެމެން ގޮސް މަޑުކޮށްލީ ސަހަރާ ކަންމަތީގައެވެ.

ވަގުތަކީ ދުވާލު އޭގެ ބުރު ފުރިހަމަކޮށް ރޭގަނޑަށް ތަންދެމުންދިޔަ ވަގުތެވެ. އަހަރެމެން ތިބީ އޮލަ ވާހަކައިގައެވެ. ލާނެ ހެދުމާއި ކުލަ ހަމަޖެއްސީ އިސްކޫލު ޓީމުގެ ކުލަޔާ ގުޅޭގޮތުންނެވެ. ދެ ދަންފަޅިއަކަށް ކުޅުން އޮތްނަމަވެސް ދެމީހުންވެސް ބޭނުންވީ ރޭގަނޑު ދިއުމަށެވެ. ވާހަކަ ފެށުނީ ވޮލީ މެޗުގެ ވާހަކައިން ނަމަވެސް، ވާހަކަ ދިގުވަމުން އޮލަވަމުންގޮސް އެހެން ވާހަކަތައްވެސް ދިޔައީ ދެކެވެމުންނެވެ. ކޮންމެ ދުވަހަކު ތިން ހަތަރު ފަހަރަށް ބައްދަލުވާއިރުވެސް އެއީ އަހަރެންނާއި މަރީގެ ހާލެވެ. ދުވަހަކުވެސް ވާހަކަ ހުސްވާތަނެއް ނާދެއެވެ. 

އޮލަ ވާހަކައިގައި ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އަތުގައި ގަޑިއެއް ނެތްނަމަވެސް ހީވާގޮތުން އޭރު އުޅޭނީ ހަތެއްޖެހުމާ ދާދި ގާތުގައެވެ. އެވަރުންވެސް ވާހަކަ ހުއްޓާލާފައި ގެއަށް ވަނީއެއް ނޫނެވެ. އަނެއްކާވެސް ފަށަފަށައިގެން ވާހަކައައިގެން ކުރިއަށްދިޔައީއެވެ. ކޮޅަށްތިބެ ވަރުބަލިވެގެން ހިނގައިގަތީ ސަހަރާކައިރީގައި މީހުން މައިޒާން ޖަހައިގެން ތިބޭ ގޮނޑިތައް ހުންނަ ދިމާއަށެވެ. ކިރިޔާވެސް އެމަގުގައި އަލިކަންފުޅެއް އޮންނަނީ އެހިސާބުގައެވެ. ކުރިމަތިން ހުންނަ ދެ ގެއެއްގެ ބޭރުގައި ދިއްލާފައި ހުންނަ ބޮކީގެ ފަނޑު އަލިކަމެކެވެ.

އެހިސާބަށް ގޮސް ބެލިއިރު އެތަނުގައި ގޮނޑިއެއް ނެތެވެ. ދެން ހިތަށްއެރިއެވެ. އެވާނީ އެމީހުންގެ ގޭގެއިން ގޮނޑި ހިފައިގެން އައިސް ތިބެނީ ކަމަށެވެ. ގޮނޑިއެއް ނެތްނަމަވެސް އިށީނދެލެވޭ ކަހަލަ ބައެއް އެއްޗެހި އެތަނުގައި ހުއްޓެވެ. އަހަރެންނަށް އިށީނދެލަން ފެނުނީ ކޮކާކޯލާ ބިއްލޫރިފުޅި ޖަހާފައި ހުންނަ ކޭސް ކަހަލަ ހުދުކުލައިގެ ޕުލާސްޓިކު ވަށިގަނޑެކެވެ. އިށީންނަން ހަމަ ފޫޖައްސައިލިއިރަށް ޒާތެއްގެ މުރަނަ އަޑެއް ގޮވައިފިއެވެ. ފީ ޕުލާސްޓިތަކެއް މުގުރިގެންދާކަހަލަ އަޑެކެވެ. ހިތަށްއެރީ އަހަރެމެން އިށީނުމުން އޭތި މުގުރުނީ ކަމަށެވެ. 

ދެމީހުން އަވަހަށް އެއިން ތެދުވެއްޖައީމެވެ. މީހެއްގެ އެއްޗެއް އަހަރެމެން އަތުން ހަލާކުވީ ކަމަށް ހީކޮށް ވަރަށް ދެރަވެ ޖެހިލުންވިއެވެ. ތެދުވަން އުޅުމުގެ ތެރޭގައި ތަށިމުށިތަކެއް ފާޑުގެ އެއްޗެހިތަކެއް ފައިބައިގަތް އަޑު އިވިއްޖެއެވެ. ބަލައިލިއިރު ސަހަރާގެ ފާރުބުޑުގައި ލައްގާފައި ހުރި ހައެއްކަ ގަނޑު މުށި އަހަރެންގެ ގައިގައި ޖެހިފައި ވެއްޓުނީއެވެ. މުށިތައް ނަގަން ގުދުވިތަނާ ކުއްލިއަކަށް ކުރިމަތީގައި ހުއްޓައި ފެނުނީ ދެތިން އަހަރުގެ ފިރިހެން ކުއްޖެކެވެ. ރޫފަހެޔޮ ލޯބިލޯބި ދޮންދޮން ކުއްޖެކެވެ. ހީވަނީ ހަމަ ދެންމެ ފެންވަރުވައި ރީތިކޮށްލާފައި ހުރިހެންނެވެ. ލައްވާފައި ހުރީ މުށިކުލަޔަކަށްދާ ސޯޓުބުރިއަކާއި މަޑުރީނދޫކުލައެއްގެ އަތްކެނޑިއެކެވެ. ލޯބޮޑުކޮށް މޫނު ހަދައިގެން ހުރިގޮތުން އެހުރީ އަހަރެންދެކެ ޜުޅިއައިސްފައިކަން އެނގެއެވެ. އަހަރެން ހިތަށްއެރީ އަހަރެމެން އަތުން އޭނާގެ ވަށިގަނޑު ހަލާކުވުމުން ރުޅިއައީ ކަމަށެވެ. 

”އަޅެ ކޮއްކޮގެ އެއްޗެއްތަ އެ ހަލާކުވީ! ސޮރީ އިނގޭ! ހިނގާ ރަނގަޅުކޮށްލަމާ!“ އަހަރެން އެކުއްޖާގެ ކޮލުގައި ފިރުމައިލަން އަތް ދިއްކޮށްލީމެވެ. 

އިހުނަށްވުރެ ލޯ ބޮޑުކޮށްފައި އެކުއްޖާ އަހަރެންނާ ދިމާއަށް މަޅައިލީ ގޮށްމުށެވެ. އަނެއްކާވެސް އަހަރެން ގުދުވެލައި އެކުއްޖާ ގާތުން މާފަށް އެދުނީމެވެ. މާތްކަލާކޯއެވެ! އެކުއްޖާ އަހަރެން ފަހަތުން އަޅައިއިތިކޮށް ދުއްވައިގަތެވެ. އަހަރެންވެސް ގައިހުރި ބާރެއް ލާފައި ދުވަމުން އައިސް ގެއަށް ވަނީމެވެ. ހަތަރުއަނގޮޅިއެއް ހުރަސްކޮށްފައި ދުވަމުން އައިއިރު ދުއްވާއެއްޗެއްގައި ނުޖެހުނުކަން ހަމަ ނަސީބެވެ. އަހަރެން ދުވަމުން އައިސް ގެއަށް ވަތްއިރު، ކުރިމަތީ ހުންނަ ގޭ ރިލޫބެ މީހަކާ ވާހަކަދައްކަން އަހަރެމެން ގޭ ދޮރުމަތީގައި ހުއްޓެވެ.

”ކޮއްކޯ ކިހިނެއްވީ؟“ ރިލޫބެ ބުނި އެއްޗަކަށް ސަމާލުކަންނުދީ އަހަރެން ވަނީ ގެއަށެވެ. 

ގެއަށްވަދެ ދޮރާށީގައި ބާރަށް ވިދިގަނެގެން ހުރީމެވެ. އެކުއްޖާ އަހަރެންގެ ފަހަތުން ވަދެދާނެތީ ބިރުންނެވެ. އިރުގަނޑަކު އެހެން ހުރެފައި ޚަބަރެއް ނުވުމުން އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު ބޮޑުބޭބެގެ އަންހެނުންނާއި ކުދިން އަހަރެމެން ގެއަށް ވަދެފައި ނުކުންނަނީއެވެ. ވީ ކީއްތޯ އެމީހުންވެސް އެހިއަޑު އިވުނެވެ. އަހަރެން ދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށްވަދެ ތަޅުލައި، އަލަމާރީގައި ލެނގިލައިގެން އެތައް އިރަކު އިނީމެވެ. ބިރުގަތުމުން އެއީ އަހަރެންނަށް އަބަދުވެސް ވާގޮތެކެވެ. ތުރުތުރުއެޅުން ކެނޑި ހަމަޖެހިގެން ނޫނީ އަނގައިން އަޑުވެސް ބޭރެއްނުވާނެއެވެ. 

”ކީއްވެ މާ ބާރަކަށް ދުވަމުން އެ އައީ؟ ރިލޫބެ އައި ވީ ކީއްތޯ ބަލަން.“ ގަޑިއެއްހާއިރު ފަހުން އަހަރެން ކޮޓަރި ހުޅުވުމުން މަންމަ އައިސް ވަނެވެ. 

”ރިލޫބެއަށް ނުފެނޭތަ އަހަރެން ފަހަތުން ދުވަމުން އައި ކުޑަ ކުއްޖާ؟“ އަހަރެން ފޫހިވީ ރިލޫބެއަށް ވީގޮތް ނޭނގުނު ކަމަށް ހެދީމައެވެ.

”ރިލޫބެ ބުނީ ސަހަރާ ގޯޅިތެރޭން ނުކުމެގެން ދުވަމުންނޭ އައީ. ފަހަތުން މީހަކު އަންނަނީއޭހިތާ ތިމަންނަވެސް ބެލީމޯ.“ ހަމަ ގައިމުވެސް އަހަރެންގެ ގައިގައި އަތްލެވޭނުލެވޭ ހިސާބު ކައިރިން މަގު ހުރަސްކޮށްފައި އެކުއްޖާ އައެވެ. ދެން ރިލޫބެއަށް ނުފެނުނީ ކީއްވެހެއްޔެވެ؟

”އަހަރެން މަރީއަށް ގުޅާލަން އެބަ، އިނގޭ މަންމާ!“ ގުޅަން ޖެހޭނީ މިގޭ ފޯނުން މަރީމެން ގޭ ފޯނަށެވެ.

މަރީއަށް ގުޅުމުން ދިން ޖަވާބުން އަހަރެން ހީބިހި ނަގައިގެން ދިޔައެވެ. އެކުއްޖާ އަހަރެންގެ ފަހަތުން އަހަރެމެން ގޭ ދޮރާ ހަމައަށް އައިކަމަށް މަރީ ބުންޏެވެ. އަހަރެން ދޮރު ލެއްޕުމުން ދެން އެކުއްޖާ ދުއްވައިގަތްކަމަށް ވަނީ މަރީގެ ފަހަތުންނެވެ. ނަސީބަކުން މަރީއަށްވެސް އެކުއްޖާގެ އަތުނުޖެހި ގެއަށް ވަދެވުނެވެ.

ފޯނު ބާއްވާފައި އަހަރެން މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަދި އެއީ ކޮންކުއްޖެއްތޯ އެހީމެވެ. އެހެން ހުންނަ ކުއްޖަކު އެހިސާބު ގެއެއްގައި ނޫޅޭނެކަމަށް މަންމަ ބުންޏެވެ. އަހަރެންނަށްވެސް ޔަގީނާ ގާތަށް އެކަން އެނގެއެވެ. އެހިސާބުގައި ގިނައިން އޮންނާނީ އަހަރެމެންގެ ތިމާގެ މީހުންނެވެ. އަބަދު ފެނިދެނިވެ، އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކުރާ މީހުންނެވެ. މީހަކު ވިހައިގެން، ނޫނީ ނަންކިޔައިގެން ނޫންނަމަ އުފަންދުވަހުގެ ޕާޓީއެއް ބާއްވާނަމަ ތައްޔާރީތަކަށްވެސް އެ ގޭގެއަށް ގޮސްއުޅޭނެއެވެ. ވީއިރު އަހަރެމެންނަށް ނޭނގޭ އެވަރުގެ ކުއްޖަކު އެހިސާބުގައެއް ނޫޅޭނެއެވެ.

އަނެއްދުވަހު ސްކޫލުން ދިމާވެގެން އެ ހާދިސާގެ ވާހަކަ މަރީއާ ދެކެވުނެވެ. މަންމަ ދެއްކި ވާހަކަތައްވެސް މަރީއަށް ކިޔައިދިނީމެވެ. މަރީ ނިންމީ އެއީ ރޫހާނީ ކުއްޖެއް ކަމަށެވެ. އިންސާނެއް ނޫންކަމަށެވެ. އަހަރެންވެސް ލަފާކުރީ އެހެން ކަމަށެވެ. އެހެންޏާފަހެ އެވަރުގެ ތުއްތު ކުއްޖަކަށް އަހަރެން ފަހައި އެހާ ބާރަށް، އެހާ ދުރަށް ދުވެވޭނެ ހެއްޔެވެ؟ އަހަރެންނަކީވެސް މަޑެއްކޮށް ދުވާ މީހެއް ނޫނިއްޔާއެވެ. އަމުދުން ރޭގަނޑު އެހިސާބުގަނޑު އަނދިރިކަމުން ބޮޑެތިމީހުންވެސް ރޭގަނޑު ނުކުމެއެއް ނޫޅޭނެއެވެ. ވީއިރު އެވަރުގެ ތުއްތުކުއްޖަކު ބޮޑުމީހަކާއެކު ނޫނީ އެގަޑީގައި އެތަނަށް ނުކުންނާނެ ބާވައެވެ؟ އަނެއްކާ އެކުއްޖާ ކުއްލިއަކަށް ”ފާޅުވީ“ވެސް ސަހަރާގެ ފާރުބުޑުންނެވެ. ގޭން ނުކުމެގެން ހިނގާފައި އައިނަމަ ގައިމު އަހަރެމެންނަށް ކުޑަމިނުން ހިލަންވީސްތާއެވެ. އަހަރެންގެ ފަހަތުން އެކުއްޖާ ގެއާހަމައަށް އައިއިރު ގޭ ދޮރުމަތީގައި ތިބި ބަޔަކަށްވެސް ފެނުނުކަމަކަށް ނުވިއެވެ. ހައްތަހާވެސް ސުވާލުއުފެދޭ ކަހަލަ އާދަޔާޚިލާފު ކަންކަމެވެ.

އެ ހާދިސާއަށްފަހު މިހާރު ދެ ދަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެރެއަށްފަހު އެކުއްޖާއެއް ނުދެކެމެވެ. މިހާރު އެ ސަރަހައްދުވެސް ތަރައްގީކޮށް އަލިކޮށްފިއެވެ. މައިޒާން ޖަހައިގެން މީހުން އެތަނުގައި ނުތިއްބަސް ދުއްވާއެއްޗެހިތަކުން މުޅި ސަރަހައްދު އޮންނަނީ ފަޅުފިލާފައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް