މި ދުވަސްވަރު ގައްޒާއާއި ލެބަނަންގައި އިސްރާއީލުން ހިންގަމުންގެންދާއަނިޔާވެރި ގަތުލު އާންމު ހައްދުން ނައްޓާފައިވާއިރު މުޅި އިސްލާމީ ދުނިޔޭގެ ރައްޔިތުންގެ ލޯތަށްވަނީ ކަރުނުން ފޯކޮށްލާފައެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެވެސް އިސްތިސްނާއެއް ނޫނެވެ. ތެދު ތެދަށް ވާހަކަ ދައްކާނަމަ ދިވެހިރާއްޖޭ ރައްޔިތުންގެ ކިބައިގާ ފަލަސްތީނުގެ ރައްޔިތުންދެކެ އާދަޔާ ޚިލާފު ލޯތްބެއް ވަނީ އުފެދިފައޭ ބުނެވިދާނެއެވެ. އަޅުގަނޑުމެން އެކަކު އަނެކަކާއެކު ބަދަލުކުރަމުންގެންދާ މެސެޖްތަކުގައިވެސް ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ދެއްވުން އެދި ދުޢާ ކުރުން ވެސް އާންމު ވެއްޖެއެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ވަރަށް މަދުން ހުޅަނގުގެ ވިސްނުމުގައި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރަމުންގެންދާ ޖިހާދަކީ ޓެރަރިޒަމް ކަމަށް ދޭކޭ ބަޔަކުވެސް ނެތެކޭ ނުބުނެވޭނެއެވެ.
ހަގީގަތަށްބުރަވެތިބެ ވާހަކަދައްކާނަމަ ފަލަސްތީނުގެ މައްސަލަ ހައްލުނުވެ ޒަމާންތަކެއް ފާއިތުވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. ވަށައިގެން ތިބި އަރަބި މުސްލިމް ގައުތަކުން ބޭނުންވާނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މައްސަލައަށް ސުލްހަވެރި ދާއިމީ ހައްލެއް ސިޔާސީ ގޮތުންވެސް ގެނެވިދާނެއެވެ. އެހެންނަމަވެސް ޓީ އާރ ޓީ ވޯލްޑުން (ޓަރކިޝް ރޭޑިއޯ އެން ޓެލިވިޒަން ކޯޕަރޭޝަނުން) ގެނެސްދީފައިވާ ރިޕޯރޓުގައި ފާހަގަ ކޮށްފައި އެވަނީ ގަބޫލުކުރެވޭ ވާހަކަ ތަކެކެވެ.
ޓީ އާރ ޓީ ވޯލޑްގެ ދިރާސާއަކީ އެއްފަރާތަށް ބުރަވެފައިވާ ދިރާސާއެއްކަމަށް ބުނާ ރިޕޯރޓްތައް ވެސް ބައެއް މީޑިޔާތަކުން ފެނެއެވެ. އަދި އިސްރާއީލާއެކު އެއްވެސް ގުޅުމެއް ނެތޭ ބުނާ މޭރުމަކުންވެސް ބައެއް އަރަބި މުސްލިމް ގައުމުތަކުން ވާހަކަ ދައްކާފައިވެސް އެބަހުއްޓެވެ. އެހެންނަމަވެސް އެއްއަހަރު ވެގެން މިދާ ގައްޒާ ހަނގުރާމައިގާ ގައްޒާ ވީރާނާ ފުނޑުފުނޑު ވެގެންދާއިރު އަރަބި ގައުމުތަކުގެ ވެރިން ވަށްމޭޒު ދޮށުގައި ތިބެގެން ވާހަކަ ދެއްކުން ފިޔަވައި އެހެން ކަމެއް ކުރާތަނެއް ނުފެނެއެވެ. ކޮންމެ ދުވަހަކު ކުޑަކުދިންނާއި މާބަނޑު އަންހެނުންވެސް ހިމެނޭގޮތުގައި އެތައް ހާސްބަޔަކު ބަނޑަށް މަރުވަމުން ދާއިރު މުއްސަނދި އަރަބި ގައުމުތަކުން ކާއެތިކޮޅެއް ފޯރުކޮށްދޭން މަސްއަކަތްކުރާތަނެއް ވެސް ނުފެނެއެވެ. ގައްޒާއަށް އެހީ ފޯރުކޮށް ދެވިދާނެ މަގުތައް ބަންދުކުރުމުގެ އިލްޒާމް އިސްރާއީލުގެ ބޮލުގައި އަޅުވާފައެވެ. އިސްރާއީލުގެ މަގްސަދަކީ އެއީ އެވެ. ބަންދުކޮށްފައިހުރި މަގުތައް ހުޅުވަން އަރަބި ގައުމުތަކުންކުރާ މަސައްކަތެއް ނުފެނެއެވެ.
ޓީ އާރ ޓީ ވޯލްޑުގެ ރިޕޯރޓުގައި އިސްރާއީލާއެކު ގުޅުން ބާއްވަމުންގެންދާ މުސްލިމް އަރަބި 8 ގައުމެއް ވަނީ ފާހަގަކޮށްފައެވެ. މިކަން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ގައުމުތަކުން އިސްރާއީލާއެކު އޮންނަ ގާތް ގުޅުމުގެ ބޭނުން ކޮށްގެންވެސް ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރެވިދާނެއެވެ.
ބައިނަލް އަގްވާމީ މީޑިއާގެ ހާމަކުރުންތަކަށް ބަލާއިރު ފަލަސްތީނުގެ މިނިވަންކަމާއި ސަލާމަތާއި އަދި ރައްކާތެރި ކަމަށްޓަކައި ޖިހާދު ކުރަމުން ގެންދާ ޖަމާއަތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރި ވަމުންގެންދަނީ އީރާނުންކަން އެނގެއެވެ. އަދި ހަމަ އެއާއެކު އެމެރިކާއާއި ހުޅަނގުގެ މަކަރުވެރި ރޭވުންތައް އަރަބި ދުނިޔޭގެ ލީޑަރުންނަށް ވިސްނައި ދެވޭތޯ އީރާނުން ކުރަމުންގެންދާ މަސައްކަތްވެސް ފާހަގަކުރެވެއެވެ.
މި މަހުގެ ކުރީކޮޅު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާއާއި ގުޅިގެން ހަނދާންނުނެތޭ ވަރުގެ ރައްދެއް އީރާނަށް ދޭނެ ކަމަށް އިސްރާއީލުން ވައުދުވަމުންގެންދާ އިރު، އޭގެ ސަބަބުން މެދުއިރުމަތީގައި ފުޅާވެގެން ހިނގައިދާނެ ހަނގުރާމައެއް ބިރުއޮތުމުން އީރާނުން މިހާރު ގެންދަނީ އަރަބި ދުނިޔޭގެ ލީޑަރުންނާ ބައްދަލުކޮށް އެހާލަތުގައި މުޅި އަރަބި ދުނިޔެއަށް ލިބިދާނެ ގެއްލުން ވިސްނާދެވޭތޯ ބަލަމުންނެވެ.
އިސްރާއީލުން އީރާނަށް ހަމަލާއެއް ދީފިނަމަ އީރާނުން ދޭނެ ރައްދު ހަމަލާގެ ހޫނުކަން ވަރަށް ބޮޑުވާނެކަމަށް އީރާނުގެ އިންގިލާބީ ގާރޑުންގެ ވެރިޔާ ހުސައިން ސަލާމީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްރާއީލަށް އިންޒާރު ދީފައެވެ. އަދި ހަމަ އެއާއެކު އީރާނުގެ އާރމްޑް ފޯސަސްގެ ޖެނެރަލް މުހަންމަދު ބާޣެރީގެ އިންޒާރުގައި ވިދާޅުވެފައި ވަނީ އެ ހަމަލާ ވެގެންދާނީ ޒަޔަނިސްޓް ދުޝްމަނުންގެ ނިމުމުގެ ފެށުން ކަމުގައެވެ. ދުނިޔެއަށް ކުރިމަތި ވެފައިވާ އިސްރާއީލުގެ ނަންދެވުނު ކެންސަރުން ދުނިޔެ ސަލާމަތްކުރާނެ ބޭސް އަހަރެމެން އަތުގައި ހުރީ ތައްޔާރު ކޮށްފައެވެ.
އީރާނުގެ މިލިޓްރީން އިންޒާރު ދެމުން ގެންދާއިރު އިރާނުގެ ޚާރިޖީ ވަޒީރު ގެންދަވަނީ ސިޔާސީ މަޑުމައިތިރި ސިޔާސަތެއްގެ ބޭނުންކޮށްގެން މެދުއިރުމަތީގައި އެފަދަ ނުރައްކާތެރި ހާލެއް މެދުވެރިވިޔަ ނުދިނުމަށް ބާރުއަޅަން އަރަބި ލީޑަރުންނަށް ދަންނަވަމުންނެވެ. ވޭތުވެދިޔަ 2 ހަފުތާގައި އަރަބި ދުނިޔޭގެ 9 ގައުމަކަށް ދަތުރުކުރައްވައި އެ ގައުމުތަކުގެ އެންމެ އިސް ވެރިންނާއި އަދި ޔުނައިޓެޑް ނޭޝަންސްގެ އާންމު ސެކްރެޓަރީ އެންޓޯނިއޯ ގުޓަރެސް އަރިހުގައިވެސް މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށުނަ ނުދިނުމަށް ބާރުއަޅުއްވާ ދިނުން އެދި ވަޑައިގެންފައި ވެއެވެ.
ބައިނަލް އަގްވާމީ ގުޅުންތަކާ ބެހޭ ތަޖްރިބާކާރު އަހްމަދު ޒައިދުއާބާދީ ދެކިވަޑައިގަންނަވާގޮތުގައި އީރާނުގެ މިލިޓްރީގެ އިންޒާރާއި ޚާރިޖީ ވަޒީރުގެ މަޑުމައިތިރި ސިޔާސަތުގައި ފުށޫ އެރުމެއް ހުރިކަމަށް ނުބެލެވޭނެއެވެ. އީރާނުން ތިބީ އެމެރިކާގެ ބައިވެރިވުން އިސްރާއީލަށް ކަށަވަރު ކުރެވިފައި އޮތްނަމަވެސް އިސްރާއީލާ ދެކޮޅަށް ހަނގުރާއަށް ނިކުންނަން ފަސްޖެހޭ ގޮތަކަށް ނޫނެވެ. އެހެންނަމަވެސް އެ ހަނގުރާމައިގެ ސަބަބުން އަރަބި ދުނިޔޭގެ ތެލާއި ގޭހުގެ މުއްސަނދިކަން އެތައް އަހަރެއް ފަހަތަށް ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ. މީގެކުރިންވެސް އީރާނުން އިންޒާރު ދީފައިވާ ފަދައިން އީރާނަށް ގެއްލުން ލިބެމުންދާއިރެއްގައި ހޫތީ މުޖާހިދުންނާއި ހިޒްބު އަދި އިރާގާއި ސީރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުން އަތްއުރާ ލައިގެން ނުތިބޭނެއެވެ. މިއީ އީރާނުން މަޑުމައިތިރި ޚާރިޖީ ސިޔާސަތަކަށް ވަކާލާތުކުރުމުގެ މައިގަނޑު މަގްސަދު ކަމުގައިވެސް ޒައިދުއާބާދީ ހާމަކުރެއްވިއެވެ.
އެމެރިކާއާއި ގުޅުންބޮޑު ޝާހުގެ ވެރިކަން 1979 ގައި ވައްޓާލުމަށްފަހު އިސްރާއީލަކީ ގައުމެއް ކަމަށް އީރާނުން ގަބޫލެއް ނުކުރެއެވެ. އޭގެ ބަދަލުގައި ފަލަސްތީނުގެ މިނިވަންދައުލަތަކަށް ވަކާލާތު ކުރުމާއި އެ މަގްސަދުގައި މަސައްކަތްކުރުމަކީ އީރާނުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސް ކަމުގައި ވަނީ ހަދާފައެވެ.
ޖަރުމަނުގެ ބާރލިންގައި ހަރަކާތްތެރިވަމުންގެންދާ މިޑްލް އީސްޓް ކައުންސިލް ފޯރ ގްލޯބަލް އެފެއާރޒްގެފަރާތުން އެސޯޝިއޭޓެޑް ޕްރެސްއާއި ވާހަކަދައްކަމުން ހާމިދު ރިޒާ އަޒީޒީ ވިދާޅު ވެފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި ދިމިޝްގަށް ވަޑައިގެން ރައީސް ބައްޝާރުލް އަސަދު އާއި ބައްދަލުކުރެއް ވުމުގައި އެކްސިސް އޮފް ރެޒިސްޓޭންސްއަށް އިތުރު އެހީ ފޯރުކޮށްދިނުމުގެ މަޝްވަރާތައް ހިމެނޭ ކަމަށް ވެއެވެ. އީރާނާއި ސީރިއަކީ ޒަމާންވީ އެކުވެރިންނެވެ. އަރަބި ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އިސްރާއީލުންނުވަތަ އެމެރިކާއިން ވިޔަސް އީރާނަށް ހަމަލާދިނުމުގެ ފުރުސަތު ނުދެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރުވެސް އަރަބި ލީޑަރުންނަށް އިންޒާރު ދެއްވިކަމަށާއި ހަމަ އެއާއެކު އީރާނުން ބޭނުންވަނީ ސުލްހަވެރި ހައްލެއް ކަމަށް ވިދާޅުވިކަމަށްވެސް އަޒީޒީ ހާމަކުރެއްވިއެވެ. އީރާނުން މަސައްކަތްކުރަމުން ގެންދަނީ މެދު އިރުމަތީގެ އަރަބި ގައުމުތާއިއެކު އީރާނުންވެސް ބައިވެރިވެގެން އިސްރާއީލުގެ އަނިޔާވެރި ކަން ނިމުމަކަށް ގެނެވޭތޯ މަސައްކަތްކުރުމެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މިފަހަރު ޖޯރޑްންއަށް ވަޑައިގަތުން ވެގެން ދިޔައީ 2013 ވަނަ އަހަރުގެ ފަހުން އީރާނުގެ ސިޔާސީ އިސް ބޭފުޅަކު ފުރަތަމަފަހަރަށް ޖޯރޑްންއަށް ވަޑައިގަތުން ކަމުގައެވެ.