ބައެއް ޒުވާނުންގެ ސަބަބުން މަގުމަތި ނުރައްކަލުގެ ތެރެއަށް

Loading

Facebook
Twitter
WhatsApp

ޢުމުރުން ދުވަސްވީހުނަށް ބިރުދައްކައިގެން ފޭރުމާއި ދެޖިންސްގެ ޒުވާނުން ޖަމާޢަތް ހަދައިގެން ޢުމުރުން ދުވަސްވީ މީހުންނަށް ޒުވާން އަންހެންކުދީން ދައްކައި ބަދުއަޚުލާގީ ޢަމަލުތަކަށް ހިއްވަރުދީ ގެސްޓް ހައުސްތަކަށާއި ގޭގެއަށް ގެންގޮސް ފޭރުމުގެ ޢަމަލްތައް ދުވަހެއް ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. އަދި މީގެ އިތުރުން މަގުމަތިން ދުއްވާފައިދާ ސައިކަލްތައް ހުއްޓުވައި މިވެނި ތަނަކަށް ގެންގޮސް ދޭން ބުނެ ސައިކަލް ފަހަތަށް އެރުވުމުން އެ ބުނިތަން ނޫން އެހެން ތަނަކަށް ބާލަދޭން ބުނެ އެ ތަނަކަށް ބާލާ ދިނުމުން ކަޓަރުނަގާ ބިރު ދެއްކުމަށްފަހު ފޯނާ ވޮލެޓް ފޭރެން އުޅޭ ޒުވާނުންވެސް މިހާރު ދަނީ ފެންނަމުންނެވެ.

އެހެން ކަމާއެކު މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ގެއްލި މަގުތަކަށް ނުކުތުން އެވަނީ ބޮޑު ބިރަކަށްވެފައެވެ. މިކަންކަން ރަނގަޅު ކުރަންވީ ޢާންމު ރައްޔިތުން މަގުތަކަށް ނުކުމެ މިފަދަ މީހުނަށް ހިފަހައްޓައި އަނިޔާކޮށް ތަޅާމަރައިގެން ހެއްޔެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމަށްޓަކާ ގާނޫނުތަކުން ވަނީ ރައްޔިތުން ބަލަހައްޓާނޭ ފަރާތްތައް ކަނޑައަޅާފައެވެ. އެހެނަސް މިދެންނެވި ރަސްމީ ފަރާތްތަކަށް ރައްޔިތުން ނުބެލެއްޓެއެވެ. ރައްޔިތަކަށް އެކަނި މަގުމައްޗަށް ނުކުމެ މިނިވަން ކަމާއި އަމާންކަމާއެކު ހިނގާލެވޭކަން ނެތެވެ.އަދި ވެހިކަލް ދުއްވުމަކީވެސް ބިރަކަށްވެއްޖެއެވެ.

ސަހަރޯއެވެ. މިރާއްޖޭގެ ރައްޔިތުން ބެލެހެއްޓޭ މިންވަރަށް ރާއްޖޭގައި ފުލުހުނާއި ސިފައިން ނެތީހެއްޔެވެ. ރައީސުލް ޖުމްހޫރިއްޔާގެ ހުވާގަ އާއި ފުލުހުންނާއި ސިފައިންގެ ހުވާގައި ބުނަނީ ރައްޔިތުންނާއި ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ފައިސާއާއި ރައްޔިތުންގެ ފުރާނާނަޢި ގައުމު ޙިމާޔަތް ކޮށް ދިނުމުގައި ފަހަތަށް ނުޖެހި މަސައްކަތް ކޮށްދޭނެކަމަށެވެ. މި މޭރުމުން ރައްޔިތުންގެ ކުރިމަތީގައި ﷲގަންދީ ކުރެވޭ ހުވާ ރައްޔިތުންނަށް އަޑުއިވުން ފިޔަވާ އެނޫން އެހެން ކަމެއް އެ ހުވާކުރެއްވި ފަރާތްތަކުގެ ޢަމަލުން ފެނިގެނެއް ނުދެއެވެ

މިއީ އެވޭލާޒަމާނުގައި ރާއްޖޭގެ ރައްޔިތުން ދެކެފައިވާ ޙާލަތެއްނޫނެވެ. ގައުމުގެ ޙާލަތު މި މިންވަރަށް ބަދަލުވެގެން އައިސްފައިމިވަނީ ކޮންމެވެސް ފަރާތެއް ގައުމާ ރައްޔިތުންނަށް އިހުމާލު ވެފައިވާތީކަން ޔަގީނެވެ. މިއީ ކުއްލިއަކަށް ކުރިމަތިވި ޙާލަތެއްނޫންކަން އެންމެނަށްވެސް އެނގޭތާއެވެ. އަޅުގަނޑުމެން ކުޑައިރު މިހާރު ރާއްޖެއިން މިފެންނަމުންދާ ފަދަ ބިރުވެރި ނުރައްކާތެރި ކަންތައްތަކަކީ ދިވެހި އުންމަތް ދުވަހަކުވެސް ތަޙަންމަލް ކުރަންޖެހިދާނެކަމަށް އަޅުގަނޑުމެން އުންމީދުވެސް ނުކުރާކަންކަމެވެ.

މިރާއްޖޭގައި ގޭންގްތައް ނުހަނު ގިނައެވެ. ކަޓަރު އެޅުމާއި އިންސާނުން ކަތިލުމާއި އިންސާނުން ގެއްލުވާލާ ވަގަށްނެގުމާއި ކިޑްނެޕް ކުރުމާއި ރޭޕްކުރުމާއި އެއްޖިންސުންގުޅުން ހިންގުމާއި ހަށިވިއްކުމާއި އެކައުންޓަށް ފައިސާ ޓްރާންސްފާރ ކޮށްދިނުމުން ބަރަހަނާ ވީޑިއޯކޯލް ކޮށްދިނުމާއި އެއްބަނޑު އެއްބަފާ ދެބޭން ލޯބީގެގޮތުން ގުޅިގެން އުޅުންފަދަ ނުރައްކާތެރި ބިރުވެރި ކަންކަން ސައްތައިން ސައްތަ އިސްލާމް މި ރާއްޖޭގައި ޢާންމުވެފައިވާ ކަމުގެ އަޑުތައް އެ ދަނީ ފެތުރެމުންނެވެ.

       މި ރާއްޖެއަކީ އެމީހަކު ހިތަށް އެރިކަމެއް ހިތަށް އެރިވަގުތަކު ކުރެވޭގޮތައް އޮތް ގައުމެއްގެ ގޮތުގައި އެ ދަނީ ލޭބަލްކުރެވިގެންނެވެ. ރައްޔިތުން ބޭނުންވަނީ ޙަރާމްކަންތައްތަކާއި ވައްކަމާއި ރިޝްވަތު ނަގަން ޖެހިލުންވާ ގައުމެއްގެ ގޮތުގައި މި ގައުމު އޮތުމަށެވެ. އަދި ރައްޔިތަކަށް މީހަކު މަރާލަން ނުކުރޭ އަދި އަންހެންކުދިން ރޭޕްކޮށް އިންސާނުން ވަގަށް ނަގަން ފޭރި މީހުނަށް ބިރު ދައްކައިގެން ކަންކަން ނުކުރެވޭ ގައުމެއްގެ ގޮތުގައި މިގައުމު އޮތުމަށެވެ.

     އެގޮތުން ރާއްޖޭގައި މިފަދަ ކަންތައްތައް ހިނގާދިއުމަށްފަހު އެކަންކަން ތަޙުގީގު ކޮށް އެމީހަކަށް މުއްދަތުޖަހާ ވާނުވާގައި ޖަލަށް ލުމަކީ ރައްޔިތުން އެދޭ ގޮތެއްވެސް ނޫނެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނާނީ މިދެންނެވިފަދަ ކުށްތަކަށް އަރައިގަތުމަށް ޖެހިލުންވާ ފަދަ ރައްޔިތެއް އޮތްގައުމަކަށް ގައުމު ހަދައިގެންނެވެ. މިދެންނެވި ކަންކަން ނުހިންގޭނެ ފަދަ ފޯމިއުލާއެއް އޮންނާނެ ކަން ޔަގީނެވެ. ވެރިންގެ ގޮތުގައި ރައްޔިތުން މި ގައުމަށް ރައީސަކު އިންތިޚާބު ކުރަންވާނީ ވަރަށް ރަނގަޅަށް ދެކޮޅު ބެލުމަށްފަހު އެެއްވެސް ނުފޫޒެއް ނެތިގައުމުގެ ފައިދާއާއި ލާބައަށްޓަކާ މިދެންނެވި ފޯމިއުލާ އެނގިވަޑައިގަންނަވާ ބޭފުޅެކެވެ.

    މާޟީވެދިޔަ ތަނުން ޢިބުރަތް ޙާޞިލްކޮށް ގައުމުގެ މާދަމާގެ މުސްތަގުބަލު ހެޔޮގޮތުގައި ބިނާކުރެވޭފަދަ ލަޔާގަތާ ގާބިލިއްޔަތު ހުރި އަދި ތިމާގެ މައްސޫލިއްތާމެދު އަށް ބިރުވެތިވާ ހެޔޮލަފާ ބޭފުޅަކު ވެރިއެއްގެ މަގާމަށް އިންތިޚާބު ކުރާނަމަ ގައުމު އޮޔާދިއުމުގެ މިސްރާބު ބަދަލުވެގެން ނުދާނެއެވެ. ވެރިކަމުގެ ލައްޒަތާއި ޖާހަތަށްޓަކާ ވެރިކަމަށް ވަޑައިގަންނަވާ އެއްވެސް ބޭފުޅަކަށް ރައްޔިތުން މުހިންމެއް ނުވާނެއެވެ. އެބޭފުޅަކު ބޭނުންފުޅުވެ ވަޑައިގަންނަވާނީ ވެރިކަން ދެމެހެއްޓުމަށްޓަކާ ޑިފެންސަށް ކުޅުއްވުމަށެވެ. މިއީ އަޅުގަނޑުމެންނަށް ފެނި ތަޖުރިބާ ކުރެވިފައި ހުރި ޙަގީގަތެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް