އިންޑިޔާގެ ޗަޓިސްގާހް ސްޓޭޓްގައި،މައިބޭންކް އެސްބީއައިގެ ވަގު ބްރާންޗެއް ހުޅުވައި، މީހުންނަށް ލަނޑުދީ ފައިސާ އަތުލަމުން ދިޔަ ސްކޭމް ގްރޫޕެއް އިންޑިޔާ ފުޅުހުން އަތުލައިގެންފި ކަމަށް ޚަބަރު ލިބެއެވެ. މިމީހުން ވަނީ ބޭންކް ގެ ލޯގޯ ޖެހި ކަރުދާސް ތައްޔާރުކޮށް،ގޮނޑިމޭޒާ މުވައްޒަފުންނާއެކު ވަކި އޮފީހެއް ހުޅުވާފައި ކަމަށް ވެއެވެ.
ބީބީސީގެ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މިކަން ފަޅާއަރާފައިވަނީ ވަޒީފާއެއް ހޯދަމުން ދިޔަ ޖިއޯތީ ޔާދާވް ކިޔާ މީހަކަށް އެމީހުން ވަޒީފާ ދިން ހަމައިންނެވެ.ހަތަރު އަހަރުވަންދެން ވަޒީފާއެއްނެތިފަ ހުރި ޖިއޯތީ އަށް ވަޒީފާ ދިނީކަމަށް އެބޭންކުން ބުނުމުން އޭނާ ވަޒީފާއަށްނިކުންނަން ފެށިއެވެ. ނަމަވެސް ވަޒީފާއަށް ނިކުންނަންފެށިތާ ހަފްތާއެއް ނުވަނީސް އެސްބީއައިގެ އެހެން ބްރާންޗެއްގެ މުވައްޒަފުންނާއި އެކު ފުލުހުން އައިސް އެއީ ފޭކް ބޭންކެއްކަމަށް ބުނި ކަމަށް ވެއެވެ.
ޔާދާވް ބުނި ގޮތުގައި އޭނާއަށް ވަޒީފާ ދިން މީހުން ވަނީ އިންޓަރވިއު ކޮށް،ވަޒީފާ ގެ ސިޓީދީ އަދި ބޭންކުގެ އައިޑީއެއްވެސް ހަދާދީފައެވެ.އަދި އޭނާގެ މުސާރައަކީ މަހަކު 30ހާސް ރުޕީސްކަމަށް ބުނި ކަމަށް ވެއެވެ. އޭނާޔާއެކީ އެހެން ފަސް މީހަކަށްވެސް ވަޒީފާ ދީފައިވާ ކަމަށް ޔާދާވް ބުނެފައި ވެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިކަމުގަ އިސްކޮށް އުޅުނު އެކަކުވަނީ ހައްޔަރު ކޮށްފައެވެ. އަދި އިތުރު 8މީހުން ހޯދަމުން ދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ވަޒީފާ ނުލިބިގެން އުޅޭމީހުންނަށް އަމާޒުކޮށް ސްކޭމްތައް ހިންގުމަކީ އިންޑިޔާގައި ވަރަށް އާންމު ކަމެކެވެ.
2022 ވަނަ އަހަރުވެސް އިންޑިއަން ރޭލްވޭސް ގެ ވަޒީފާއަށް އެދިގެން އުޅުނު ފަންސަވީހަކަށް ޒުވާނުން އަތުން ފައިސާ ތަކެއް އަތުލުމަށް ފަހު ވަޒީފާގެ ބައެއްކަމަށް ބުނެ ރޭލު ގުނަން ބައިތިއްބާފައި ވެއެވެ.
ވަޒީފާ ނުލިބުމުގެ މައްސަލަ އެންމެ ބޮޑީ ކުދި އަވަށްތަކާ ވިލެޖް ތަކުގައެވެ.އަދި ވަޒީފާ އެއްގެ ބަދަލުގައި ބޮޑެތި އަދަދު ތަކުން ރިޝްވަތު ދޭންވެސް ތިބެނީ ތައްޔާރަށެވެ.
”ފޭކް ބޭންކުގެ ވަޒީފާ އަށް ދިޔައީވެސް މިފަދަ ފަގީރު އަވަށް ތަކަށް ނިސްބަތްވާ ހަ ޒުވާނުން ކަމަށް ވެއެވެ. އަދި ބައެއް މީހުން އަތުން ބޮޑެތި އަދަދު ތަކުން ރިޝަވަތު އަތުލާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ތަހުގީގަށް ހާމަވެފައިވާ ގޮތުގައި ބޭންކުން ވަޒީފާ ދޭނެ ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ އަތުންވަނީ ފައިސާނަގާފައެވެ. އަދި ޓްރެއިނިންގ ދެނީ ކަމަށްބުނެ ފޭކް ބްރާންނޗްގައި މަސައްކަތް ކުރުވާ ކަމަށް ވެއެވެ. އަދި ދެހަފްތާ ވަންދެން ޓްރެއިނިންގ ހެދުމަށް ފަހު ވަރަށް އަވަހަށް ދާއިމީ ވަޒީފާ ހަމަޖެހިގެން ގުޅާނެ ކަމަށް ބުނެ ގެއަށް ފޮނުވައެވެ.
ފޭކްބޭންކުގެ މަޅީގަ ޖެހުނު ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެބޭންކަކީ އަސްލު ބްރާންޗެއް ކަން ދެއްކުމަށް އެމީހުންވަނީ ހުރިހާ ކަމެއް ކޮށްފައެވެ.
ޔާދާވް ވެސް ބުނެފައިވާ ގޮތުގައި އޭނާ ޖެހުނީ ފްރޯޑެއްގައި ކަމެއް އެއްގޮތަކަށްވެސް ޝައްކެއްވެސް ނުކުރެވެއެވެ.އެހެންވެސް ސަރުކާރުގެ އޮފީސްތަކަށް ވަންނަން ހަދާގޮތަށް ތައުލީމީ ސެޓްފިކެޓްތަކާއެކު ބަޔޯމެޓްރިކް ޑާޓާ އަޕްލޯޑް ކުރުވާވެސް ހެދިކަމަށް އޭނާ ބުނެފައި ވެއެވެ.އަދި ވަޒީފާ ޔަގީން ކޮށް ދިނުމުގެ ބަދަލުގައި ދެލައްކަ ފަންސާސްހާސް ރުޕީސް އަތުލި ކަމަށް އޭނާ ބުނެފައި ވެއެވެ.
ފޭކް ބޭންކް ހުޅުވި އަވަށުގެ މީހުންވެސް ތިބީ ވަރަށް އުފަލުން ކަމަށް ވެއެވެ. އެއީ ގާތުން ބޭންކުގެ ޚިދުމަތް ލިބޭނެތީއެވެ. ނަމަވެސް އެކައުންޓް ހުޅުވަން ދިޔަ މީހުން ގާތު،ބޭންކުގެ ސާވާތަކުގެ މަސައްކަތް އަދި ނުނިމޭތީ އަންނަ މަހު އައުމަށް ބުނި ކަމަށް ވެއެވެ. އައު ބޭންކު ހުޅުވުމުން ބައެއް ވިޔަފާރިވެރިންވެސް ތިބީ އުފަލުން ކަމަށް ވެއެވެ.އެއީ ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެން ދާނެތީއެވެ. މިގޮތުން ކިއޮސްކެއް ހުޅުވަން ދިޔަމީހަކަށް،އޭނާގެ އެޕްލިކޭޝަން އެޕްރޫވް ނުވެ ލަސްވާތީ ޝައްކުވެގެން އެއަވަށުގެ މެއިން ބްރާންޗްއަށް ގޮސް ސުވާލު ކުރި ކަމަށް ވެއެވެ. އޭގެ ފަހުން މާގިނަ ދުވަހެއް ނުވެ ފުލުހުން ވަނީ ފޭކް ބޭންކް ރެއިޑް ކޮށްފައެވެ.