ބައިނަލް އަގްވާމީ އެކިއެކި ވެބްސައިޓްތަކާއި ޖާރނަލްތަކަށް ލިޔަމުންގެންދާ ލިއުންތެރިންގެ ފަރާތުން ރޮއިޓާރސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި އިރުމަތީ ޔޫކްރެއިންގެ ޓައުންތައް ދަނީ ތަޅާ ސުންނާފަތި ކުރަމުންނެވެ. މޮސްކޯއިން ރޮއިޓާރސް އަށް ލިބިފައިވާ މައުލޫމާތުތަކަށްބަލާއިރު ރަޝިޔާ ސިފައިންނާއި ޔޫކްރެއިން ސިފައިންގެ ކުރިމަތިލުންތަކުގައި މިހާރު ޔޫކްރެއިންގެ ސެލައިޑޯވް ގައި ބަދަލުކުރެވެމުންދާ ހަމަލާތަކަށް ބަލާއިރު ވަރަށް އަވަހަށް މުޅި ޑޮންބަސް ސަރަހައްދުން ޔޫކްރެއިންގެ ސިފައިން އެއްކޮށް ފައްސާލެވޭނެއެވެ.
ރަޝިޔާގެ ކާރސްކް ސަރަހައްދުން ބައެއް ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގޮސްފައިވީ ނަމަވެސް އިރުމަތީ ޔޫކްރެއިން އެއްކޮށްކަހަލަގޮތަކަށް މިހާރު އެދަނީ ރަޝިޔާސިފައިންގެ ބާރުގެ ދަށަށް ގެނެވެމުންނެވެ. ރައީސް ޕޫޓިންގެ އަމާޒަކީ މުޅި ޑޮންބަސް ސަރަހައްދު އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމެވެ.
ފާއިތުވެގެން މިދާ ދުވަސްތަކުގައި ރަޝިޔާގެ ސިފައިންވަނީ ޔޫކްރެއިން ސިފައިންގެ ޔުނިޓްތައް ފިއްތާލައި އެ ސަރަހައްދު ދޫކޮށް ދިއުން މަޖްބޫރު ކުރުވާފައެވެ. އަދި މިހާރު ސެލައިޑޯވްގެ ހާލަތުވެސް ގޯސްވެ ޔޫކްރެއިން ސިފައިން ވަނީ އެ ސަރަހައްދު ދޫކުރަންޖެހިފައެވެ. ރަޝިޔާސިފައިން އެ ޝަހަރަށް އަރައިގަތުމުގެ ކުރިން ވިއްސަކަށް ހާސް މީހުންގެ އާބާދީ އެއް އޮތް ސެލައިޑޯވް ވަނީ ފަޅުތަނަކަށް ވެފައެވެ.
ޑޮންބަސް ސަރަހައްދުގައި ހިނގަމުންދާ ހަމަލާތާކާބެހޭ ގޮތުން ރަޝިޔާގެ ދިފާއީ ވުޒާރާއިންނާއި އަދި ޔޫކްރެއިންވެސް ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ. ރޮއިޓާރސް އަށް ލިބިފައިވާ ބައެއް ވީޑިއޯތައްވެސް އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ޑޮންބަސް ސަރަހައްދުގެ %80 މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައެވެ. އެއީ ގާތްހަނޑަކަށް އެމެރިކާގެ އޯހައިއޯ ސްޓޭޓުގެ ދެބައިކުޅަ އެއްބައި ވަރުގެ ސަރަހައްދެކެވެ. އޯހައިއޯއަކީ ގާތްގަނޑަކަށް 45000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެކެވެ. ރަޝިޔާ ސިފައިން މިހާރު ތިބީ އިރުމަތީ ޔޫކްރެއިންގެ ބޮޑެތި ޝަހަރުތައް ކަމުގައި ބެލެވޭ ޕޮކްރޮވުސްކާއި ކުރާޚޯވް އާއި 100 ކިލޯމީޓަރ ކައިރީގައެވެ.
2 އަހަރާއި ބައި ހޭދަވެގެންދާ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. އެ ހަނގުރާމަ ނިމިގެންދާނެ ގޮތަކާ ދޭތެރޭ ހުޅަނގުގެގެ ލީޑަރުން ވެސް މިހާރު ތިބީ ވަރަށް ކަންބޮޑުވެފައެވެ.
ޔޫކްރެއިނުން ނޭޓޯގެ މެމްބަރަކަށް ވުމަށް އެދި އާދޭސްކުރަމުންދާއިރު އެމެރިކާއާއި ޔޫރަޕްގެ ބައެއް ބޮޑެތި ބާރުތަކުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާމެދު ހިތަހަމައެއް ނުޖެހެއެވެ.
ޔޫކްރެއިންގެ ސަރަހައްދުގެ ފަސް ބައި ކުޅަ އެއްބައި މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ރަޝިޔާއިން ލިބިގަންނަން ބޭނުންވީ ޔޫކްރެއިންގެ ލުހަންސްކް އާއި ޑޮނެސްކް ސަރަހައްދެވެ. ލުހަންސްކް ގެ %98.5 އާއި ޑޮނެސްކުގެ %60 މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އެގެ އިތުރުން ކްރިމިއާ މިހާރު އޮތީ ރަޝިޔާގެ ބައެއްގެ ގޮތުގައި އެނެކްސް ކޮށްފައެވެ.
One Response
ކޮހަކާއި ގައުމު ހަވާލުވީމާ ވާނީތިޔަހެން