ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަން ފަންނީ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން މެލޭޝިޔާގެ އިސްލާމިކް މިނިސްޓަރު ދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދު މެލޭޝިޔާއަށް މިހާރު ކުރަމުން އަންނަ ދަތުރުގައި މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު ޢިއްޒައްދީން ޢަދުނާންއާ ބައްދަލުކުރައްވާފައެވެ. ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމުގެ އިތުރުން، ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނުކުރުމަށް ވެސް އެހީތެރިވެ ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މެލޭޝިޔާއަކީ ޒަކާތުގެ އިދާރީ އެންމެ ހަރުދަނާ ނިޒާމު އޮންނަ އިސްލާމީ އެއް ޤައުމެވެ. އަދި ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެެއް ޤާއިމުކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއްކަމުގައި މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ އިދާރާއިން ދެކެއެވެ. ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދުން ވަނީ މެލޭޝިޔާގެ ޒަކާތު އޮފީސްތަކަށް ވަޑައިގެން ތަމްރީނު ހޯއްދަވާފައެވެ.
ޒަކާތު ހައުސް އިން މެލޭޝިޔާއަށް ކުރައްވަމުން އަންނަ މި ދަތުރަކީ މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާބެހޭ އިދާރާގެ ވަޒީރު ޕްރޮފެސަރ ޑރ މުޙައްމަދު ނަޢީމް މުޚްތާރުގެ ދަޢުވަތަކަށް، އެ އިދާރާގެ މެހްމާންދާރީގައި ކުރާ ދަތުރެކެވެ.