އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅޭ ގެއަށް ހިޒްބުﷲ ޖަމާއަތުން ޑްރޯން ހަމަަލާއެއް ދީފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ހަމަލާދީފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއް ގައެވެ.
ގަތަރުގެ މީޑިއާ އަލަރާބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިޒްބުﷲ އިން ސިޒޭރިއާ ސަރަހައްދާއި ދިމާލަށް ފޮނުވާލި ޑްރޯން ޖެހުނީ ނަތަންޔާހޫގެ ގެކޮޅަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި ހަމަލާ ނަތަންޔާހޫގެ ގެއަށް އަމާޒުވި ނަމަވެސް އެ ހަމަލާ ދިންއިރު ނަތަންޔާހޫ އާއި އޭނާގެ އާއިލާ އެ ގޭގައި ނެތް ކަމަށާއި އެ ހަމަލާގައި މީހަކު ޒަޚަމް ނުވާކަމުގެ ޔަޤީންކަންވެސް ދީފައެވެ.
މި ހާދިސާ ހިނގި ތަނުގެ އެއްވެސް ފޫޓޭޖެއް އިސްރާއީލުގެ މީޑިއާތަކުން އާންމުކޮށްފައެއް ނުވެއެވެ.