ޣައްޒާއަށް އިސްރާއީލުން ކުރިމަތިކޮށްފައިވާ އިންސާނީ މުސީބާތުގެ ހާލަތު ރަނގަޅުކުރަން އެމެރިކާއިން އިސްރާއީލަށް މަސްދުވަހުގެ މުހުލަތެއް ދިނީ ކޮން ހަމައެއްގެ މަތިންތޯ ސުވާލު އުފައްދަވައި ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެޕް ބޯރެލް އިއްޔެ ވަރަށް ބޮޑަށް އެމެރިކާއަށް ފާޑުވިދާޅުވެއްޖެއެވެ.
ބޯރެލްގެ ފާޑުކިއުމުގައި ވަނީ ޣައްޒާ އެއްކޮށް ވީރާނާ ކޮށްލައި 42,000 މީހުން މަރާލާފައި ބާކީ ތިބި މީހުން އެކި ދިމަދިމާއަށް ވިއްސިވިހާލި ކޮށްލުމަށްފަހު އިތުރު މަސްދުވަހުގެ މުހުލަތެއް ދިނީ އަދި ކިތައް މީހުން ބަނޑަށް މަރަންތޯ ވެސް ސުވާލު އުފައްދަވާފައެވެ.
ޖޯސެޕް ބޯރެލް އަކީ ޣައްޒާ-އިސްރާއީލު ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން އެމެރިކާއިން އިސްރާއީލާއެކު ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ހަގީގަތުގައި ޔޫރަޕިއަން ޔޫނިއަން މިހާރު އޮތީ ދެބައިވެފައެވެ. ފަރަންސޭސިވިލާތާއި، ސްޕޭނާއި، އައިރިޝް ރިޕަބްލިކް ފަދަ ގައުމުތަކުން އެމެރިކާގެ ސިޔާސަތަށް ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދާއިރު ޖަރުމަނުން ދެކެނީ އެމެރިކާ ވަރެއް ނެތް ކަމަށެވެ.
އައިރިޝް ރިޕަބްލިކްގެ ބޮޑުވަޒީރު ސައިމަން ހަރިސް ވިދާޅުވެފައިވަނީ 27 ގައުމުގެ ނޭޓޯގައި ބަދަލު ކުރަންޖެހިފައި ހުރި ކަންތައްތައް ބަދަލުކުރުމަށް ސްޕޭނުން ކުރަމުން ގެންދާ މަސައްކަތުގައި އައިރިޝް ރިޕަބްލިކުން ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. ޣައްޒާގެ ހަނގުރާމަ ހުއްޓުވަން ޔޫރަޕިއަން ޔޫނިއަނުން ފުދޭވަރާ ގާތަކަށް ވެސް މަސައްކަތް ނުކުރެވޭ ކަމަށް އޭނާގެ ވާހަކައިގާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޖަރުމަނުގެ ޗާންސެލަރުގެ ވާހަކަ ހުރީ 190 ދަރަޖަ އިދިކޮޅަށެވެ. ޗާންސެލަރުގެ ވިސްނުމަކީ އިސްރާއީލުގެ ސަލާމަތާ ދިފާއު ރައްކާތެރި ކުރަންޖެހޭނެއެވެ. އަދި ހަމައެއާއެކު އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓާލުމަށް ފަރަންސޭސި ރައީސް ގޮވާލެއްވުމުން އެކަމަށް ވެސް އޭނާ ރައްދުދީފައިވެއެވެ.
އެމެރިކާއިން އިސްރާއީލަށް އަންގާފައިވަނީ ކުރިއަށް އޮތް މަސްދުވަހުގެތެރޭގައި ޣައްޒާއަށް މެދުވެރިކޮށްފައިވާ އިންސާނީ މުސީބާތުގެ ހާލަތު އިސްރާއީލުން ރަނގަޅު ނުކޮށްފިނަމަ އެމެރިކާއިން މިލިޓްރީ އެހީފޯރުކޮށް ދިނުމުގައި ގިނަ ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމަށެވެ.
އެމެރިކާގެ ދިފާއީ ވަޒީރު އިސްރާއީލުގެ ދިފާއީ ވަޒީރަށް ފޯނުކޮށްފައި ޣައްޒާއަށް އިސްރާއީލުން ކުރިމަތިކޮށްފައިވާ އިންސާނީ މުސީބާތް ރަނގަޅުކުރުމުގެ ފިޔަވަޅުތައް އަޅަން އަންގާފައިކަމަށް ވޯޝިންގްޓަނުން ރޮއިޓާރސްވެސް ވަނީ ޚަބަރުދީފައެވެ. ހަމައެއާއެކު ފަހަކަށް އައިސް އެ ކަންކަމުގައި އިސްރާއީލުން އަޅާފައިވާ ރަނގަޅު ފިޔަވަޅުތައް ދިފާއީ ވަޒީރު އައުސްޓިން ފާހަގަ ކޮށްފައިވާ ކަމަށްވެސް އެ ޚަބަރުގައި ބުނެފައިވެއެވެ.
މިދިޔަ އާދީއްތަ ދުވަހު ޚާރިޖީ ވަޒީރު ބްލިންކަން އާއި ދިފާއީ ވަޒީރު އައުސްޓިންގެ ރަސްމީ ސިޓީއަކުން ޣައްޒާގެ އިންސާނީ ކާރިސާއަށް ހަރުދަނާ ގޮތެއްގައި ދެމެހެއްޓެނިވި ރަނގަޅު ނިންމުމެއް ނިންމަން އަންގާފައިވާ ކަމަށާއި އެހެންނޫންނަމަ ދެން އެމެރިކާގެ މިލިޓްރީ އެހީ ނުލިބޭނެކަން އަންގާފައިވެއެވެ.
ޣައްޒާގަ މައްސަލާގައި އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ ކޯޓުގައި އުފުލާފައިވާ ގަތުލުއާންމުގެ ދައުވާގެ ހުކުމް ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެއެވެ.