އެމްޑީޕީއަށް ނޫނެކޭ ބުނި ފަނާކުރަނިވި ޕޮލިސީތައް ދަމަހަށްޓާކަށް ޕީއެންސީ އެއް ބޭނުމެއް ނުވޭ

Loading

Facebook
Twitter
WhatsApp

2008ގައި ޕަރޓީ ސިސްޓަމް ދިވެހިރާއްޖެ އަށް ގަދަކަމުން ގެނައުމަށްފަހުގައި މިވީ 17 ވަރަކަށް އަހަރު ތެރޭގައި އެމް.ޑީ.ޕީ އަށް ވެރިކަން ކުރަން ލިބުމުން ދިވެހިރާއްޖޭގެ ގިނަ ކަންކަން ދިޔައީ ބޮއްސުން ލަމުންނެވެ. ޚާއްޞަކޮށް 2018 އިން 2023 އަށް ކުރި އެމް.ޑީ.ޕީ ގެ ވެރިކަމުން އިންޑިއާގެ އަޅުވެތިކަމަށް ދިވެހިރާއްޖެ ކޮށްޕާލީ ކައިރި މުސްތަޤްބަލެއްގައި އެނުބައި ކެހިވެރި މަޅިން ދިވެހިރާއްޖެ މީން ޒަމާނަކު ސަލާމާތް ނުވާނޭ މިންވަރަށެވެ.

ބައެއް މީހުން ބުނެއެވެ. އިންޑިއާގެ ބިރިޔާނި އަދި ގުލާބުޖާމުން އޯކޭ އެވެ. އެކަމަކު އިންޑިއާ މިލިޓަރީ އައުޓް ކިޔާން އެބަ ޖެހެއެވެ. ބައްލަވާ އިންޑިއަން ސަބްކޮންޓިނެންޓް މިކިޔާ ޞަރަޙައްދަށް މުގަލް މީހުން އަދި އެނޫނަސް ފާރިސީން އެވޭލާ ޒަމާނުގައި ކުރި ދަތުރުތަކުގެ ސަބަބުން ބިރިޔާނި އަދި ގުލާބުޖާމުން ކަހަލަ ކާބޯތަކެތި އެތެރެވިއެވެ. އެއީ އެއްވެސް ޙާލެއްގައި އިންޑިއާގެ އޮރިޖިނަލް އުފެއްދުން ތަކެއްނޫނެވެ.

އެމް.ޑީ.ޕީ ގެ ފަނާކުރަނިވި ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި އިންޑިއާ މީހުން ހިންގަމުން އައި ޔޫ.ޓީ.އެފް ބަނދަރުގެ މަސައްކަތް، ހައިޑްރޯގްރަފީގެ މަސައްކަތް، އިންޑިއާގެ ޑޯނިއަރ އަދި ހެލިކޮޕަޓަރުގައި ބަލި މީހުން އުފުލުން، ދިވެހިރާއްޖޭގެ ދައުލަތުގެ އެކިއެކި މުވައްސަސާތަކުގެ މުވައްޒަފުން ތަމުރީން ކުރުން އަދި އެނޫންވެސް އެފަދަ ކަންކަން ކުރުން ހަމައެކަނި އިންޑިއާ އަށް ބަރޯސާވެ ދިވެހިރާއްޖޭގެ އަމިއްލަ މިނިވަންކަމުގައި ކުރެވޭނޭ އެތަކެއް ކަމެއް ކޮމްޕްރޮމައިސް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މެޖޯރިޓީ ނުވަތަ ގިނަ ރައްޔިތުން ތަކެއް ވޯޓު ދީގެން ހޮވި ވެރިއެއް ރައީސް ޑރ. މުއިއްޒް އެވެ.

 އެއްވެސް ޙާލެއްގައި 2018 އިން 2023 އަށް އެމް.ޑީ.ޕީގެ މީހުން ދިވެހިރާއްޖެއަށް ކުރިމަތިކުރި ފަނާކުރަނިވި ސިޔާސަތު ކުރިއަށް ގެންގޮސް ދިޔުމަށް ހޮވި މީހެއްނޫންކަން ރައީސް ޑރ. މުއިއްޒުއަށް އެނގިވަޑައި ގަންނަވާން އެބަޖެހެއެވެ. އެެހެނީ ދުނިޔެވީގޮތުންނާއި މީހުނަށް ބޮޑާކަން ދެއްކުމުގެ ގޮތުން އީބޫ އާއި މުއިއްޒު އާއި އަޅާބަލާއިރު އިބޫ ގޯސްވެގެނެއް ނޫނެވެ. 

އެހެނަސް މިހާރު މިފެންނަނީ ޞާލިޙު (އިބޫ) އަށް ވުރެން އެތަކެއް ގުނަ މަތީގައި ދިވެހިރާއްޖޭގެ ކަންކަން އިންޑިއާގެ ބީ.ޖޭ.ޕީ ޕާރޓީގެ ވެރިން އުފައްދާފައިވާ ސަރުކާރަށް ރައީސް ޑރ. މުއިއްޒު ވެދުމަށް އަރުވައި އަދި އެ ކަންކަމަކީ ގައުމާއި ދީނަށް އަދި ރައްޔަތުންނަށް ވަރަށް ފައިދާހުރި ކަންތައްކަން ވިސްނަވައި ދެއްވަން މަސައްކަތް ކުރާތަނެވެ. އޭގެ ސަބަބުން ގިނަފަހަރަށް ހެއްދެވެނީ ވެސް ދޮގުކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އަދި ކައިރީގައި ތިއްބެވި ހިނހޫ ދޮލަގުން ފަރިއްކުޅުއްވާ ބޭފުޅުންނަށް އެހެެއްދެވޭ ދޮގުތަކުގައ ވާހަކަ ހަނދުމަފުޅު ކޮށެއްވެސް ނުމެނުދޭމެއެވެ. ދެންނާނެގޮތް މިވަނީއެވެ. މިއަދަކު ރައީސް މުޢިއްޒުގެ ރޭޓީން 20% ވެސް މި ދިވެހީންގެ ރާއްޖެއަކު ނެތެވެ. ކޯފާ އިސްކުރައްވާނީ ތެދަށް ކަންހުރިމަގު ބުނާ މީހަކުދެކެއެވެ.

17 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ހަވީރުގެ ފިނިފިނި ވައިރޯޅިތަކުގައި އެތަކެއް ލޯނުގެ ޝިކާރައަށް ވެފައިވާ ދިވެހި ދައުލަތުގެ ޚަޒާނާއިން އެތަކެއް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބޭއްވި ރިޔާސީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުއަށް ދިވެހީނަށް މުޚާތަބުކޮށް ވިދާޅުވެވުނު ވާހަކަފުޅުތަށް ނުވަތަ އިޔާދަ ކުރެއްވި ވަޢުދުތަކުގެ މަތީން މިހާރު ހަނދުމަފުޅު ހުރި ހެނެއް ހިޔެއް ނުވެއެވެ.

ދިޔަރެސް ނޫހުގެ އެއް ހިއްސާދާރު އަޒާން ޔޫ.ޓީ.އެފް ގައި އިންޑިއާ ސިފައިން ތިބި ކަމާ އެކަމުން ދިވެހިރާއްޖެ މިނިވަން ވާން ވެއްޖެ ކަމާ ދިވެހި ކަނޑުތަކުގެ ހައިޑްރޯގްރަފީ ކުރެހުންތައް އިންޑިއާއިން ކުރަމުން ދާވަހަކަ ދެއްކުމުން ރިޔާސީ ރޭހުގައި ވަޢުދުތަކެއްގެ ގޮތުގައި މިކަންކަން ނުކުރާނޭ ކަމަށް ކަރުގެ އެންމެ ހިމަ ނާރުން ބާރު ހޯދާ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. ނިމިދިޔަ ރިޔާސީ ރޭހަށް ކުރީގެ ރައީސް ޔާމީނު އެންޑޯޒް ކުރެއްވި ޑރ. މުއިއްޒު ދެއްކެވި ހުރިހާ ވާހަކަތަކަކީ ވެރިކަން ހޯދުމަށް ދެއްކެވި ހޮޅި ވާހަކަތަކަށްވެ ނިމިއްޖެއެވެ. 

ހުރި ހިތާމައެއްގެ ބޮޑު ކަމެވެ. އަހަރުމެންގެ ދަރީންގެ ދަރީންގެ ދަރީންގެ ދަރީންގެ ދަރީންނަށްވެސް އިންޑިއާގެ މުއްދަށުން ސަލާމަތްވާނޭ މަގެއް މިހާރު ފެންނާން އޮތް ހެނެއް ހިއެއް ނުވެއެވެ. އޭ މިހިރަ ދިދަޔާއެވެ. ވަރަށް ވަރުގަދައަށް ފަވާލި މިނިވަންކަމުގެ ރަތްރޮނގަށްވެސް އަމިއްލަފުޅަށް ފައިން އެރިއްޖެއެވެ. އަދި މިވީ މިސަރުކާރަށް އެންމެ 11 މަސްދުވަހެވެ. ސަހަރޯހީވެއްޖެއެވެ. އަސްލު ޕީ.ޕީ.އެމް / ޕީ.އެން.ސީ ކޯލިޝަނުން 2023 ގައި ދިވެހިރާއްޖޭގެ ރައްޔިތުން ދިވެހީންނަށް ކުރި ރިޔާސީ ވައުދުތައް ވަށަފަރު ބޭފުޅަކު އުނބަށް ޖައްސަވައިފިއޭ ބުނުމަކުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ.

އަޅުގަނޑު ހިތައް އަރަނީ ކުރީގެ ރައީސް އިބޫގެ ސިޔާސަތުތައް ދަމަހަށްޓަން ރައީސް މުޢިއްޒު ދިވެހީންނަށް އެހާ މުހިންމުވާންވީ ކީއްވެގެން ތޯއެވެ؟ މިފަދަ ޢަމަލުން ފަހުމްކޮށްދެނީ ބޭނުންފުޅުވީ ކޮންމެ ދޮގެއް މަކަރެއް ހަދައިގެންވެސް ވެރިކަމަށް އައުމަށެވެ. ޕީޕީއެމް އެއް ޔާމީން އެއް ރައްޔަތުމީހާ އެއް މުހިންމެއްނޫނެވެ. ވެރިކަމަށްޓަކާއި ކޮންމެފަދަ ދޮގެއް ހައްދަވައި އެދޮގުތައް ހައްދަވާބޮދުކުރެއްވި ރަސްކަލާންގެ ގަންދީ ހުވާކޮށްގެންވެސް ދަމަހަށްޓުވާނޭ ކަމެވެ.

މިއީ ގައުމަށާއި ރައްޔަތުނަށް ހުރި ވަރަށް ބޮޑު ބިރެކެވެ. ދޮގުހެދުމާއި  މަކަރާއި ޙީލަތް ބޭނުންކޮށްގެން ކަންކަން އޮޅުވާލުމަކީ ބޮޑުވެގެންވާ ބޮޑު .ފާފައެކެވެ. މިހެން ބުނަނީ އަޅުގަނޑެއްނޫނެވެ. ސަލަފް ޖަމުޢިއްޔާ އިންނެވެ

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް