މޮންގޯލިއާ އަށް ނިސްބަތްވާ އަންހެން މޮޑްލް އަލްޓަންޓޫޔާ ޝަރިބޫ މަރާލުމުގެ މާސްޓަރ މައިންޑަކީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމުގައި ހުންނެވި ދާތޫކް ސްރީ ނަޖީބް ތުން ރަޒާކް ކަމަށް ބުނާ ވާހަކަތައް އެ މަނިކުފާނު ދޮގު ކުރައްވައިފި އެވެ.
މެލޭޝިޔާގެ ހައިކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރިޔަށް ދިޔަ އަޑު އެހުމުގައި ނަޖީބު ވިދާޅުވީ ދުވަހަކުވެސް އަލްޓަންޓޫޔާ އާއި ބައްދަލުވެފައި ނުވާ ކަމަށާއި އަދި އަލްޓަންޓޫޔާ މަރާލުމަށް ސްޕެޝަލް އެކްޝަން ޔުނިޓްގެ ކުރީގެ މެމްބަރުންނަށް ދުވަހަކުވެސް އަންގާފައިވެސް ނުވާ ކަމަށެވެ.
ނަޖީބް ވަނީ އެ ބިރުވެރި މަރުގެ މާސްޓަރމައިންޑަކީ އެމަނިކުފާނު ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ އެ މަނިކުފާނަކީ ކުށެއް ނެތް މީހެއް ކަމަށް ވިދާޅުވެފައެވެ.
ނަޖީބް މިހެން ވިދާޅުވީ ކުރީގެ އެޓާނީ ޖެނެރަލް (އޭޖީ) ތާން ސްރީ ޓޮމީ ތޯމަސް އާއި ޖީބީ ގެރަކްބުދާޔާ އެންޓަރޕްރައިސް އާއި ދެކޮޅަށް ދެއްކި އަބުރުގެ ބަޔާންތަކާ ގުޅިގެން އޭނާގެ ވަކީލު ތާން ސްރީ މުޙައްމަދު ޝާފީ އަބްދުއްލާ ސުވާލު ކުރުމުންނެވެ.
މޮންގޯލިޔާގެ ނަޝްހޫރު މޮޑްލް މިސް އަލްޓަންޓުޔާ ބޮންގޮއްވާ ލައިގެން މަރާލި މައްސަލައާއި ބެހޭ ގޮތުން ސުވާލު ކުރުމުން ނަޖީބު ވިދާޅުވީ އެކަމަނާ ނުދަންނަ ކަމަށާއި އަދި ތިމަން މަނިކުފާނާއި ދުވަހަކު ވެސް ދިމާވެފައި ވެސް ނުވާ ކަމަށާއި ނަމަވެސް މީޑިޔާރިޕޯޓް ތަކުން އެނގޭފަދައިން، އެކަމަނާއަކީ، އެއްއިރެއްގެ ތަރުޖަމާނެއް ކަމަށެވެ.
އަލްޓަންޓޫޔާ މަރާލުމާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއް ކަމަށްވާ މައި ސްޓޯރީ: ޖަސްޓިސް އިން ދަ ވައިލްޑަރނެސްއާ ބެހޭ ގޮތުން ނަޖީބް ވިދާޅުވީ އެ ފޮތަކީ އެޓާނީ ޖެނެރަލް ކަމުން ވަކިވެ ވަޑައިގަތުމަށް ފަހު، މަރުގެ މާސްޓަރމައިންޑް އަކީ ނަޖީބް ކަމަށް ބުނެ ތާން ސްރީ ޓޮމީ ތޯމަސް ޝާޢިއު ކޮށްފައިވާ ފޮތެއް ކަމަށެވެ. އަދި އެ މައްސަލައިގައި ތޯމަސް އަކީ އޭރު ނަޖީބްގެ މައްޗަށް ދަޢުވާ އުފުލި އޭޖީ ކަމަށާއި މިއީ ލޯކަލް އަދި އިންޓަނޭޝަނަލް ގޮތުން ވެސް ބަހާފައިވާ ފޮތެއް ކަމަށް ނަޖީބް ވަނީ ވިދާޅުވެފައެވެ.
ނަޖީބް ވިދާޅުވީ އެފަދަ އަބުރު ކަތިލާ ފަދަ ވާހަކަތަކުން ދޭހަވަނީ ސްޕެޝަލް އެކްޝަން ޔުނިޓް (ޔޫޓީކޭ)ގެ ކުރީގެ ޗީފް އިންސްޕެކްޓާ އަޒިލާ ހަދްރީ އާއި ކޯޕްރަލް ސިރުލް އަޒްހަރު އުމަރު މޮޑްލް އަލްޓަންޓުޔާ މަރާލުމަށް އަމުރުކޮށްފައިވާ ކަމަށާއި އެކަން ފޮރުވުމަށް އެ މަރާ ގުޅޭ ގޮތުން އާންމުންނަށް އޮޅުވާލާފައިވާ ކަމަށެވެ.
ހަމައެހެންމެ އެ ފޮތުގެ ލިޔުންތެރިޔާގެ ހައިސިއްޔަތުން އެ މަރުގެ މާސްޓާރ މައިންޑް އަކީ ނަޖީބް ކަމަށް ލިޔުމުގެ ކުރިން ތޯމަސް އެކަންކަން ޔަގީން ކުރަން ޖެހޭނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމުން ސާފުކޮށް އެނގޭ ގޮތުގައި ތޯމަސް ބޭނުންވީ ނަޖީބް ގެ އަބުރު ކަތިލަން ކަމަށާއި މިކަމުގެ ސަބަބުން އެ މަރުގެ ތުޙްމަތު ކުރެވޭ މާސްޓާރ މައިންޑަކަށް މީޑިއާ ގައި ވެފައިވާ ކަމަށް ނަޖީބް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިކަމުގެ ސަބަބުން ނަޖީބް ގެ ނަޒާޙަތްތެރި ކަމާއި އަބުރު ވަނީ އަސާސެއް ނެތް ތުޙްމަތުތަކުން ކިލަނބުވެފައި، ކަމަށް ވެސް ވިދާޅުވެފައިއެވެ.
One Response
ލޯބި ކޮށްލާފައި ފަޅާއެރިމާ މަރާލީދޯ؟ ޖަރީމާ ހިންގުމަށް ބޮޑެއް ކުޑައެއް ނެތޭ.