އިސްރާއީލުން ޣައްޒާގެ ސްކޫލް ހިޔާއަކަށް އިއްޔެ ދިން ބޮމުގެ ހަމަލާގައި 28 މީހަކު ޝަހީދުކޮށްލާ 54 މީހަކު ޒަހަމް ކޮށްލައިފިއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ބުރާސްފަތި ދުވަހު އިސްރާއީލުން ޣައްޒާގެ ރާފިދާ ސްކޫލަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 28 މީހުން ޝަހީދުވެ،54 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާފިދާ ސްކޫލަށް ދިން ހަމަލާގެ އިތުރުން އެ އަސްކަރިއްޔާއިން ވަނީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ވެސް ހަމަލާދީފަ އެވެ.
އިއްޔެގެ މި ހަމަލާއަކީ އަހަރަކަށް ވުރެ ގިނަ ދުވަހު ހަނގުރާމަ ކުރަމުން އަންނަ ޣައްޒާގެ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ސްކޫލް އިމާރާތްތަކަށް އިސްރާއީލުން ދިން އެންމެ ފަހުގެ ހަމަލާ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަރައިގަނެ ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 41،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.