ރެޑް ސީގެ ތެރެއިން ދަތުރުކުރާ އާގުބޯޓުފަހަރަށް ހޫތީ މުޖާހިދުންގެ އިންޒާރެއް މިހިނގާ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން އީ މެއިލްގެ ޒަރީއާއިން ފޮނުވަމުން އެބަ ގެންދާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ. މެސެޖް ފަށާފައިވަނީ “ އަހަރެމެންގެ ސަލާމް ފޮނުވަމުން އެކަމަކު އަހަރެމެންގެ ހަމަލާތަކަށް ފާރަލައި ތައްޔާރަށް ތިބެން އިންޒާރު ދެމެވެ.“
މިއީ ސީދާގޮތެއްގައި ބޯޓުފަހަރު ދުއްވާ ކުންފުނިތަކަށް އަމާޒުކޮށް ހޫތީ މުޖާހިދުން ދީފައިވާ ފުރަތަމަ އިންޒާރުކަމާއި ރެޑް ސީ ހުރަސްކުރަން އުޅުމުގެ ނުރައްކާ ކުރިއަށްވުރެން ބޮޑުވެއްޖެކަން ހާމަވެގެން ދެއެވެ.
ހޫތީ މުޖާހިދުން ފޮނުވި އީމެއިލްތަކުގެ ތެރޭގައި ގްރީކް ޝިޕިންގ ކުންފުންޏެއްގެ ސީނިއަރ އެގްޒެޓިވަކަށް އެޑްރެސްކޮށްފައިވާ ޚާއްސަ އީ މެއިލެއް ފާހަގަ ކުރެވެއެވެ. އޭގައި ބުނެފައިވެއެވެ. “ ރެޑް ސީގެ ތެރެއިން ދަތުރު ނުކުރުމަށް އަހަރެމެން އަންގާފައިވާ އެންގުން ކަލޭމެން ބަލާ ނުގަންނަ ކަހަލައެވެ. މީގެ ފަހުން އިސްރާއީލަށް ދަތުރުކުރާ ކަލާމެންގެ ބޯޓުފަހަރަކީ އަހަރެމެންގެ ހަމަލާތަކުގެ ސީދާ އަމާޒަކަށް ވާނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނީގެ ތަފްސީލު މިހާތަނަށް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
މި އިންޒާރުގެ އީމެއިލް ތަކަށްފަހު އޮކްޓޮބަރ 4 ވަނަ ދުވަހު ހަވީރު ހޫތީ މުޖާހިދުން ހާމަކޮށްފައިވާ ވީޑިއޯއެއްގައި ދައްކަނީ ގޮވާ އެއްޗެހިން ބަރުކޮށްފައި އޮތް ބޯޓެއް ދުއްވާފައިގޮސް ރެޑް ސީގެ ތެރެއިން ޔަމަނުގެ ހުދައިދާގެ 110 ކިލޯމީޓަރު ދުރުން ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ “ ކޯރޑެލިއާ މޫން “ ކިޔާ އިނގިރޭސި ވިލާތުގެ ޓޭންކަރެއްގައި ޖެހިގަތުމަށްފަހު އެ ޓޭންކަރ ގޮއްވާލާ މަންޒަރެވެ.
އެ ހާދިސާގައި ޓޭންކަރުގެ ޕޯރޓްފަރާތުގެ ޓޭންކް ގޮވުމުން ބޮޑު ދުންގަނޑެއް އުފެދިގެން ދިޔައެވެ. އެއީ ދިގުމިނު 274 މީޓަރ އަދި ފުޅާ މިނުގައި 50 މީޓަރ ހުންނަ 163288 ޓަނުގެ ބޯޓެކެވެ.
އެ ހިސާބުން ދަތުރުކުރަމުން ދިޔަ އެހެން ބޯޓެއްގެ ކެޕްޓަން ރޮއިޓާރސް އަށް ކިޔާދީފައިވާ ގޮތުގައި އެހެން 4 ދިމާއަކުންވެސް ކަނޑުގެ ލޮނުގަނޑު ބުރައިގެން ދިޔަ ކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ އެ ބޯޓަށް ހަމާލާދޭން ހޫތީ މުޖާހިދުން ބޭނުންކުރި މިސައިލް އަމާޒުން ކައްސާލައި ކަނޑުތެރެއަށް ގޮވުމުން ކަނޑުގެ ލޮނުގަނޑު ބުރައިގެން ދިޔަ މަންޒަރުކަމަށް އެމެރިކާގެ ނޭވީންގެ ފަރާތުން އެނގިފައި ވެއެވެ.
އިނގިރޭސި ވިލާތުގެ އެމްބްރޭ އިން ޚަބަރު ދީފައިވާ ގޮތުގައި ރެޑް ސީ ހުރަސްކޮށް ސުއޭޒް ކެނެލަށް ދަތުރު ކުރަމުން ދިޔަ އެހެން ބޯޓަކަށްވެސް ހުދައިދާގެ 97 މޭލު ދުރުން ހޫތީ މުޖާހިދުން ހަމަލާދީ ހަލާކު ކޮށްލާފައި ވެއެވެ. އެއީ ލައިބީރިއާގައި ރަޖިސްޓަރީ ކޮށްފައިވާ ބަލްކް ކެރިއަރެކެވެ.
ހަމަލާ ދީފައިވާ 2 ބޯޓުގެ ފަޅުވެރިންވެސް ސަލާމަތުން ތިބި ކަމަށް ޚަބަރުތަކުން އެނގެއެވެ.
މިދިޔަ ހޯމަ ދުވަހު ޔަމަނުގެ މަތިން އުދުހެމުން ދިޔަ އެމެރިކާގެ ޑްރޯނަކަށްވެސް ހޫތީ މުޖާހިދުން ވަނީ ހަމަލާދީ ވައްޓާލާފައެވެ.
ހޫތީ މުޖާހިދުންގެ މި ހަމަލާތަކަކީ އިސްރާއީލުން ފަހަކަށް އައިސް ލެބަނަންގެ ހިޒްބު އަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމެއްކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ. އިސްރާއީލުގެ ރައްޔިތުންނަށް ދުރުގައި ވިޔަސް ނުވަތަ ކައިރީގައި ވިޔަސް ރައްކާތެރިކަމާއެކު ދިރިއުޅެމުން ނުގެންދެވޭނެމަށްބުނެ ދާދި މިދާކަށް ދުވަހުވެސް ހޫތީ މުޖާހިދުން ވަނީ އިންޒާރު ދީފައެވެ.
މިދިޔަ ނޮވެމެބަރ މަހުން ފެށިގެން މިހާތަނަށް ރެޑް ސީ އިން ދަތުރުކުރާ ބޯޓުފަހަރަށް ސަތޭކައަށް ވުރެން ގިނަ ފަހަރު ހޫތީ މުޖާހިދުން ވަނީ ހަމަލާދީފައެވެ. ހޫތީ މުޖާހިދުންގެ ހަމަލާތަކުގެ ސަބަބުން ސުއޭސް ކެނެލް ތެރޭން ރެޑް ސީ އަށް ހުރަސްކުރާ ބޯޓުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރާ ހަމަޔަށް އެވްރެޖްކޮށް މަހަކު 2000 އަށްވުރެން ގިނަ ބޯޓުފަހަރު ސުއޭސް ކެނަލް ހުރަސް ކުރަމުން ދިޔަ ނަމަވެސް އެ އަދަދު މިހާރު ވަނީ 800 އަށްވުރެން ދަށަށް ވެއްޓިފައެވެ.
ޔަމަނުގެ ނޭވީން ނުވަތަ މިހާރުގެ ނަމުން ހިއުމަނިޓޭރިއަން އޮޕަރޭޝަން ކޮމާންޑް ސެންޓަރ ( އެޗް އޯ ސީ ސީ ) އިން ލިބިފައިވާ އީމެއިލަކަށް ހަވާލާދީ ބޯޓުދަތުރުކުރާ މީހުންގެ އެންމެ ބޮޑު ޔޫނިއަން އިންޓަރނޭޝަނަލް ޓްރާންސްޕޯރޓް ވާރކާރސް ފެޑެރޭޝަން ( އައި ޓީ އެފް ) ގެ ޖެނެރަލް ސެކްރެޓަރީ ސްޓެފަން ކޮޓްން ބުނެފައިވަނީ އެ ފެޑެރޭޝަނުގެ އެންމެ އިސް ވާޖިބަކީ ބޯޓުދަތުރުކުރާ މީހުން ހިމާޔަތް ކުރުން ކަމަށް ވާތި ރެޑް ސީ ހުރަސްކޮށް ދަތުރުކުރުމަކީ ބަލާގަނެވޭނެ ކަމެއް ނޫނެވެ.
އެސްޕައިޑްސް ( ޔޫރަޕިއަން ޔޫނިއަނުން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ހިންގާ މިލީޓްރީ އޮޕަރޭޝަނެއް ) އަށްވެސް ހޫތީ މުޖާހިދުންގެ އީމެއިލްތަކުގެ މައުލޫމާތު ވަނީ ލިބިފައިވާކަން ހާމަކޮށްފައިވެއެވެ. އެސްޕައިޑްސް ގެ އޮޕަރޭޝަންސްތަކާ ބެހޭ ކޮމާންޑަރ އެޑްމިރަލް ވަސިލެއިއޮސް ގްރިޕާރިސް ބުނެފައިވަނީ ބޯޓުފަހަރު ދުއްވާ ކުންފުނިތަކުން ބޯޓުފަހަރުގެ ދަތުރުތައް ރޭވުމުގައި ޚާއްސަ ފަރުވާތެރިކަމެއް ބަހައްޓަން އިރުޝާދު ދީފައި ވާނެ ކަމަށެވެ.
ހޫތީ މުޖާހިދުން ޗައިނާއާއި ރަޝިޔާފަދަ ގައުމުތަކުގެ ބޯޓުފަހަރަށް އެއްވެސް ހަމަލާއެއް ނުދިނުމަށް ވަރަށް ޚާއްސަ ފަރުވާތެރިކަމެއް ބަހައްޓަމުން ގެންދެއެވެ.
One Response
ސާބަސް