އަޔަންޑޯމަކީ ހަމައެކަނި ބިރުވެރި ނަމެއް,ހަގީގަތުގައި އެއީ ފީވެފައި ހުރި ފަންފުރާޅުގަނޑެއް

Loading

Facebook
Twitter
WhatsApp

މި ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި މެދު އިރުމަތީގެ ހާލަތު ބަދަލު ވަމުން ދިޔަ ގޮތް ޚުލާސާގޮތެއްގައި ބަލާލަމާ ހިނގާށެވެ.

            އިސްރާއީލުގެ ހަމަލާއެއްގައި ހިޒްބު ﷲ ގެ ލީޑަރ ސައްޔިދު ހަސަން ނަސްރު ﷲ ޝަހީދު ކޮށްލާފައިވާތީ އެކަމުގެ ބަދަލު އީރާނުން ހިފާނެކަން ކަށަވަރު ކުރެވި އަދި ރައްދު ހަމަލާއަކަށް އީރާނުން ތައްޔާރުވަމުންދާތީ އެމެރިކާގެ ރައީސް ވަރަށްބޮޑަށް ކަންބޮޑުވެ ވަޑައި ގެންފިއެވެ. އަދި އީރާނުން ދޭނެ ހަމަލާއަކުން އިސްރާއީލު ރައްކާތެރި ކުރުމުގެ ފިޔަވަޅުތަކާބެހޭގޮތުން އިސްރާއީލުގެ ދިފާއީ އިސް ވެރިންނާއެކު މަޝްވަރާކުރައްވަން ފައްޓަވައިފިއެވެ. މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަމަށްވަނީ އީރާނުގެ ހަމަލާއިން އިސްރާއީލު ރައްކާތެރިކުރުމަށްޓަކައި އެމެރިކާއި އަދާކުރަން ޖެހޭ ދައުރާ ބޭހޭ ގޮތުންނެވެ. ކޮންމެ ދުވަހަކު އިސްރާއީލުން ފަލަސްތީނުގެ އެތައް ކުޑަކުދިންނަކާއި ހަނގުރާމަޢާއި އެއްވެސް ގުޅުމެއްނެތް ގިނަ އާންމު ރައްޔިތުންތަކެއް ދުނިޔޭގެ ތާރީޚުން އެނގެންނެތްފަދަ އަނިޔާވެރި ގޮތްގޮތުން މަރަމުންދާއިރު އެ އިންސާނުންގެ ރައްކާތެރިކަމަށްޓަކައި އެމެރިކާގެ ބިޔަ ލަޝްކަރުތައް އިސްރާއީލާ ދެކޮޅަށް ރުކުރުވާލާނެ ވާހަކަ ދުލުކުރިއަށްވެސް ނުގެނެއެވެ.

އެމެރިކާގެ އޮފިޝަލަކު ސީ އެން އެން އަށް ބުނެދީފައިވަނީ އިސްރާއީލާއި ލެބަނަން ގުޅޭ ސަރަހައްދުގެ ހަމަލާތައް 21 ދުވަހަށް ހުއްޓާލަން އިސްރާއީލުން މިހާރު އެއްބަސް ވެފައިވާ ކަމަށެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ނަތަންޔާހު ބުނެފައިވަނީ އިސްރާއީލަށް ލިބިފައިވާ ހުރިހާ ބާރަކާއެކު ލެބަނަންއަށް ހަމަލާ ދިނުން ކުރިއަށް ގެންދާނެ ކަމަށެވެ. އިސްރާއީލުގެ އޮފިޝަލުން ބުނެފައިވަނީ އެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތައް އެމެރިކާއަށް ފަހުމް ނުވީ ކަމަށެވެ. 

ސައްޔިދު ހަސަން ނަސްރު ﷲ ޝަހީދުކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުން ނޭވާ ހިފާއްޓާ ލައިގެން  އެ ތިބެނީ އީރާނުން ދެން އަޅާފާނެ ފިޔަވަޅަކަށް ބަލަބަލައެވެ. އިންތިޒާރުގެ މި ވަގުތުކޮޅު ކިތަންމެ ކުރު ވަދާނެ ކަމަށް ހީކުރެވުނަސް ފާއިތުވެގެންދާ ކޮންމެ މިނިޓަކީ އެމެރިކާއާއި އިސްރާއީލަށާއި އަދި މެދު އިރުމަތީގެ ގައުމުތަކަށް ދިގު ދުވަސްތަކެއް ފަދައެވެ. މިދިޔަ އޭޕްރިލްމަހުގެ ތެރޭގައި އިސްރާއީލުން ދިމިޝްގުގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށް ދިން ހަމަލާގައި އެ އިމާރާތް ވަނީ ބިމާހަމަކޮށްލާފައެވެ. އޭގެ 3 މަސްދުވަސް ފަހުން ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އިސްރާއީލުންވަނީ ޝަހީދު ކޮށްލާފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ހިޒްބު ﷲގެ ލީޑަރ ސައްޔިދު ހަސަން ނަސްރު ﷲ ވަނީ ޝަހީދު ކޮށްލާފައެވެ. މިއިން ކޮންމެ ހާދިސާއަކުން އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމާނާއި އަށް ނުހަނު ބޮޑު ހިތާމައެއް ލިއްބައިދީފައި ވެއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އީރާނުން ހަމަހިމޭނުން އޮތުމުން އެމެރިކާއިން ޔަގީން ކޮށްފައިވަނީ މެދުއިރުމަތީގައި ތިބި އީރާނުގެ ބައިވެރިން އިސްރާއީލުގެ ހަމަލާތަކުގައި ބަލިކަށި ކޮށްލާފައި ތިބުމުން އީރާނުންވެސް އެއްވެސް ކަމެއް ކުރަން ނުކެރިފައި ތިބެނީ ކަމަށެވެ.

އިންޓަރނޭޝަނަލް ކްރައިސިސް ގުރޫޕުގެ މެދުއިރުމައްޗާއި އަދި އުތުރު އެފްރިކާގެ ޚާއްސަ މުޝީރު ދީނާ އިސްފަންދިޔާރީ ދެކޭގޮތުގައި އީރާނުން އިސްރާއީލަށް ރައްދު ހަމަލާ ނުދީ އޮތުމަކަށް އެ ގައުމުގެ ރައްޔިތުން ތާއީދެއް ނުކުރާނެއެވެ. އެހެންނަމަވެސް އިސްރާއީލާއެކުގައި އެމެރިކާއިން ބައިވެރިވާނެކަން ކަށަވަރު ކުރެވޭތީ އީރާނުގެ ވެރިން ކެތްތެރިކަން އިސްކުރަން މަޖުބޫރު ވަނީއެވެ.

އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު އަދި މިހާރު ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ޚާއްސަ މުޝީރު މުހަންމަދު ޖަވާދު ޒާރިފު އެ ގައުމުގެ ބަންޑާރަ ޓީވީ ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ “ އަހަރެމެންކަނޑައަޅާ ވަގުތެއްގައި އިސްރާއީލަށް ރައްދު ހަމަލާ ދޭނަމެވެ. “ މިހެންނެވެ. 

މުހަންމަދު ޖަވާދު ޒާރިފްގެ ސްޓޭޓްމެންޓުގެ އެއް ދުވަސްކުރިން އާޔަތު ﷲ އަލީ ޚާމަނާއި ވިދާޅުވެފައިވަނީ ހިޒްބު ﷲ ޖަމާއަތުގައި ސައްޔިތު ހަސަން ނަސްރު ﷲ ގެ ބަދަލުގައި އެ މަގާމު ފުރުއްވާނެ ބޭފުޅުން ތިއްބަވާނެ ކަމަށާއި އެކްސިސް އޮފް ރެޒިސްޓޭންސުން އެކަންތައް ހަމަޖައްސާނެ ކަމަށެވެ. ފަހަކަށް އައިސް އީރާނުގެ މިލިޓްރީގެ ގިނަ އިސްބޭފުޅުން ތަކެއްވެސް ޝަހީދުކޮށްލާފައި ވުމާއެކު ބޮޑު ހަނގުރާމައެއްގެ ތެރެއަށް އީރާނުން ދާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އިސްރާއިލުން އެމެރިކާއަށްވެސް ފިއްތުން ކުރިމަތި ކުރަމުން ގެންދަނީ އީރާނުން ބޮޑު ހަނގުރާމައެއްގެ ތެރެއަށް ގެނުވާށެވެ. އީރާނުގެ ރައީސް ވެސް ވިދާޅުވެފައިވަނީ އިސްމާއީލް ހަނިއްޔާއާއި އީރާނުގެ އިންގިލާބީ ލަޝްކަރުގެ ބައެއް ކޮމާންޑަރުން ޝަހީދުކޮށްލުމާއި އަދި މިހާރު ސައްޔިދު ހަސަން ނަސްރު ﷲ ޝަހީދުކޮށްލުމުގެ ބަދަލު ހިފަން ނުކެރިގެން އީރާނުން ތިބީ ނޫން ކަމަށާއި އެމެރިކާގެ އިސްނެގުމާއެކު މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރަން ފުރުސަތު ދެނީ ކަމށެވެ.

މިހުރިހާ ކަންތައްގަނޑެއްގެ ތެރޭގައި އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު ވައިޓް ހައުސް އިން އިސްރާއީލަށް ފޯރުކޮށް ދީފިއެވެ. އަދި ހަމައެއާއެކު އީރާނުން އިސްރާއީލަށް ހަމަލާއެއް ދީފިނަމަ ނަތީޖާ ވަރަށް ހިތިވާނެ ކަމުގެ އިންޒާރުވެސް އީރާނަށް ދީފިއެވެ. ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް އެސޯޝިއޭޓެޑް ޕްރެސްއަށްވެސް މި މައުލޫމާތު ދީފައިވެއެވެ.

އެމެރިކާގެ އިންޒާރާއެކުގައިވެސް މިދިޔަ އަންގާރަ ދުވަހުގެ ރޭ ގިނަ އަދަދެއް ގެ ބެލިސްޓިކް މިސައިލުން އިސްރާއީލަށް ހަމލާ ދީފިއެވެ. އެ ހަމަލާތައް ދިނުމަށް ބޭނުންކުރި މިސައިލް ތަކުގެ %90 އޭގެ އަމާޒަށް ވާސިލުވި ކަމަށް އީރާނުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ބައެއް މިސައިލް ޖޯރޑްން ގެ ސަރަހައްދު ހުރަސްކުރަނިކުށް ނައްލާފައިވާ ކަމަށް އެގައުމުން ބުނެފައި ވެއެވެ. އީރާނުގެ ހަމަލާތަކުން އިސްރާއީލަށް ލިބުން ގެއްލުންތަކުގެ އެއްވެސް މައުލޫމާތެއް އެގައުމުން ހާމައެއް ނުކުރެއެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ބުނެފައިވަނީ އީރާނުގެ ހަމަލާ ފޭލިކޮށްލާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެމެރިކާއާއި އިސްރާއީލުން ބުނަމުން ގެންދަނީ އީރާނުގެ ހަމަލާގެ ރައްދު އުފުލަން ކުޅަދާނުވާވަރުގެ ބުރަގޮތަކަށް ދޭނެކަމަށެވެ.

އީރާނުން އިސްރާއީލަށް ދިން ހަމަލާގެ ކުޑަވަގުތުކޮޅެއްގެ ކުރިން ތެލް އަވީވުގައި ބަޑީގެ ހަމަލާތަކެއް ބަދަލު ކުރެވި 6 މީހަކު މަރުވިއެވެ. އޭގެތެރޭގައި ބަޑިޖަހަން އުޅުނު 2 މީހުންވެސް ހިމެނެއެވެ. މަރުވި މީހުންގެ އަދަދު އިތުރު ވުމަކީ ގާތްކަމެއް ކަމުގައި އިސްރާއީލުގެ ފުލުހުން ބުނެފައި ވެއެވެ.

އީރާނުން ހަމަލާދޭން އުޅޭކަން އެނގުމާއެކު ތެލްއަވީވުގައި ދިރިއުޅޭ އެމެރިކާ އެމްބަސީގެ މުއައްޒިފުން ރައްކާތެރިވެ ތިބުމަށް އަންގާފައި ވެއެވެ.

އީރާނުގެ މިސައިލް ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް ދީފައިވާ އިންޒާރެއްގައި ބުނެފައިވަނީ “ އިސްރާއީލުގެ މިލިޓްރީގެ ދިގު އަތް ނުފޯރާނެ ހިސާބެއް މެދުއިރުމަތީގައި ނޯންނާނެއެވެ. “ ހަމަ އެއާއެކު އެމެރިކާގެ ދިފާއީ ވަޒީރު އިސްރާއީލަށް ޔަގީންކަން ދީފައިވަނީ ހިޒްބު ﷲ ނައްތާލުމަށްޓަކައި އެމެރިކާއިން ފުރިހަމައަށް އެހީތެރި ވެދޭނެކަމަށެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން މޮރޮކޯގެ ޚާރިޖީ ވަޒީރު ނާސިރު ބޮރިޓާ އާއިއެކު ބޭއްވި ބައްދަލުވުމެއްގައި ކޮންމެ ގޮތެއް ހަދާފައިވެސް އަހަރެމެން އިސްރާއީލު ހިމާޔަތް ކުރާނަމޭ ބުނެފައި ވެއެވެ.

މެދު އިރުމަތީގައި މިހާރު ތިބި އެމެރިކާގެ ލަޝްކަރުތަކަށް އިތުރު ސިފައިން މިދިޔަ ހޯމަ ދުވަހު ފޮނުވައިފިއެވެ. މިއީ މެދުއިރުމަތީގެ ސުލްހަ ކަށަވަރު ކުރުމަށްޓަކައި އެމެރިކާގެ ޚާރިޖީ ވަޒީރު ކުރަމުން ގެންދާ ދަތުރުތަކުގައި ފޮރުވާފައި އޮތް ހަގީގަތެވެ. 

                                           

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް