އަހަރެންގެ ބައްޕަ ރޭގަނޑެއްގަ އަހަރެން އެކަނިމާއެކަނި މާމަގޭ ދޮރުމައްޗަށް ދޫކޮށްލާފަ ދިޔަރޭ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.އޭރު އަހަރެންގެ އުމުރުން އެންމެ ހަތަރު އަހަރެވެ.
އޭގެ އެއް އަހަރުކުރިން،އަހަރެންގެ އުމުރުން ތިންއަރުގައި އަހަރެންގެ މަންމަވެސް ވަނީ އަހަރެން ދޫކޮށް ގޮސްފައެވެ. އެއްދުވަހަކު ހަމަ މަންމަ ގެއްލުނީއެވެ. އޭގެ ފަހުން ގެޔަކަށް ނާދެއެވެ.
ރޮއިރޮއި ވަރުބަލިވެގެން މާމަގޭ ދޮރުމަތީގައި އަހަރެންނަށް ނިދިފައި އޮއްވާ އެދެމަފިރިންނަށް ފެނުނީ އަނެއްދުވަހު ހެނދުނުއެވެ.މާމަޔާ ކާފަތިބީ ވަރަށް ހައިރާންވެފައި ނަމަވެސް އެކަން މާބޮޑަކަށް އަހަރެންނަކަށް ނުދައްކައެވެ. އަހަރެން އުރާލައިގެން ގޭތެރެޔަށް ވައްދާ އެދުވަހުންފެށިގެން އެމީހުންގެ އަމިއްލަ ދަރިއެއްހެން އަހަރެންނަށް ނުހަނު ލޯބިދީ ކިޔަވާދީ ބޮޑު ކުރިއެވެ.އަހަރެންނަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދާދެއެވެ.
މިއަދު އަހަރެންނަކީ ކިޔަވާ ޑިގްރީ ނަގައިގެން ހުރި 24އަހަރުގެ ޒުވާނަކީމެވެ.އަހަރެންގެ އާއިލާއަކީ މާމަ އާއި ކާފައެވެ. އެދެމިހުންގެ ފަރާތުން އަހަރެންނަށް ވަރަށް ބޮޑަށް ލޯބި ލިބެއެވެ. ނަމަވެސް ސިކުނޑީގެ ކޮންމެވެސް ތަނެއްގައި މަންމައާއި ބައްޕަޔަށް ވީގޮތެއް ހޯދުމުގެ ޝައުގުވެރިކަމެއް އޮވެއެވެ.
އަހަރެންނަށް ވަޒީފާއެއްލިބި މުސާރަލިބެން ފެށުމުން، ރައްޓެހި އައިޝާ އާއިއެކު ދުރު ރިސޯޓަކަށް ޗުއްޓީ އެއް ރޭވީމެވެ. ޗުއްޓީގެ ފުރަތަމަ ރޭ އެތަނުގެ އަގުބޮޑު ރެސްޓޯރަންޓަކަށް ކާލަން ދާން ނިންމީމެވެ.ދެމީހުން ވަރުގެ ކޮޅަށް ނަލަހެދިގެން އެތަނަށްގޮސް މޫދު ފެންނަ ތަނެއްގައި ހަމަޖެހިލައި،ބުއިމަކަށް އޯޑަރު ދިނީމެވެ.ހުނުމާ މަޖަލުގަ ދެމީހުން އުފާވެރި ވަގުތުތައް ގުނަމުން ދިޔައިރު މިއީ އަހަރެންގެ ހަޔާތުގައި އަންނާނެ އެއްމެ ކަޅު އަނދިރި ރެޔަށް ވެދާނެ ކަމެއް ކުޑަކޮންވެސް ނޭގެއެވެ.
އެގޮތަށް ހީހީތިއްބާ ކައިރީގަ ހުރި މޭޒެއްގެ ކައިރީތިބި ވަރަށް މުއްސަނދި ކަމަށް ފެންނަ ދެމަފިރިންގެ ގައިގަ އަހަރެންގެ ލޯ ކުއްލިއަކަށް އަޅައިގަތެވެ. އަހަރެންނަށް ޝައްކެއް ވެގެން ރަގަޅަށް ބަލާލިއިރު އެއީ މީގެ 20 އަހަރު ކުރިން އަހަރެން އެއްލާލާފައިދިޔަ އަހަރެންގެ ބައްޕައެވެ. އަހަރެން މިވާހަކަ އައިޝާ ގާތުގައި ބުނުމުން އޭނާވެސް ވަރަށް ހައިރާން ވެފަ ބަލަން އިނެވެ.
އިރުކޮޅަކުން އަހަރެންނަށް އަދި މާބޮޑު ޝޮކެއް ލިބުނެވެ. ބައްޔާއެކު އެއިނީ އަހަރެންގެ މަންމަ ކަން އެނގުމުންނެވެ.އެވަގުތު އަހަރެންނަށް ނޭވާލާން އުނދަގޫ ވިއެވެ.މިފެންނަނީ ހަމަހަގީގަތެއް ބާވައޭ ހިތަށް އެރިއެވެ.އަހަރެން ދޫކޮށްފަ ދެމީހުން ގޮސް އެދެމީހުން އެއުޅެނީ އެކީގައެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެން ޖަވާބު ބޭނުން ބައިވަރު ސުވާލުތައް އެބަހުއްޓެވެ.އެހެން ކަމުން އަހަރެން ހުއްޓުވަން އައިޝާއަށް ފުރުސަތު ނުދީ ތެދުވެގެންގޮސް އެމީހުންގެ މޭޒު ކައިރިޔަށް ހުއްޓުމަށްފަހު ބުނީމެވެ.
”އަހަރެންމީކާކުކަން އެނގޭހެއްޔެވެ؟“މިހެން އެހުމުން ބައްޕަ ދެބުމަ ގޮއްޖަހާލުމަށްފަހު ބުންޏެވެ. ”ނޫނެކެވެ.ނޭނގެއެވެ.ކަލެޔަށް ތިޔަވަނީ އޮޅިފައެވެ.“ މިހެން ބުނުމުން އަހަރެން ބުނީމެވެ.“ނޫނެކެވެ.އަހަރެންނަކަށް ނޯޅެއެވެ.ތިޔައީ އަހަރެންގެ މަންމަ އާއި ބައްޕައެވެ.މާމަގޭ ދޮރުމައްޗަށް އަހަރެން އެއްލަލާފައި ދިޔަ އަހަރެންގެ މައިންބަފައިންނެވެ“
މިހެން ބުނުމުން މަންމަ ތުރުތުރުއަޅާހުރި އަތަކުން އަމިއްލަ އަގަމަތީގައި އަތް އެޅިއެވެ. އަދި ބުންޏެވެ.“ތިޔަކިޔާ އެއްޗެއް އަހަރުންނަކަށް ނޭނގެއެވެ.“
އަހަރެން އެހާހަމައިން ރުޅިއަތުވެއްޖެއެވެ.އަދި ބާރަށް ބުނީމެވެ.
”ދޮގު ނުހަދާށެވެ.އަހަރެން ރަނގަޅަށް ހަނދާން އެބަހުއްޓެވެ.ބައްޕަގެ އަތުގަ ބޮޑު ކަޅު ލަފެއްވެސް އިންނާނެއެވެ.“ މިހެން ބުނެފަ އެމީހުންނަށް ނުހުއްޓުވެނީސް ބައްޕަގެ އަތުގަހިފާ ކަޅު ލައް ހާމަ ކުރީމެވެ. އެހާހަމައިން އިތުރަށް ދޮގު ހެދެން ނެތްކަން އިނގުމުން ދެމީހުންނަށް ވެސް ހުއްޓުން އެރިއެވެ.
މަންމަގެ ލޮލުން އެވަގުތު ބޮޑެތި ކަރުނަ ތިކިތަކެއް ފައިބައިގެން ދިޔައެވެ.އަދި ބުންޏެވެ. ”ތިޔަބުނީ ތެދެކެވެ. މިއީ މަރީގެ މަންމައާއި ބައްޕައެވެ. އަހަރެން މަރީ ދޫކޮށްދާންޖެހުނީ އަހަރެންނަށް ކެންސަރު ޖެހިގެން މަރީ އާއި ބައްޕަ ބެލެން ނެތިގެންނެވެ.ބައްޕަ މަރީ ދޫކޮށް ދިޔައީ އަހަރެން ނަށް ފަރުވާކޮށް ރަގަޅުވުމުން އަހަރެންނާއެކު އުޅުމަށެވެ.“
އަހަރެން ނަށް މިމީހުންގެ ވާހަކަ ކުޑަކޮން ގަބޫލު ކުރަން ފެށުނެވެ.ނަމަވެސް އެހީމެވެ.ދެމީހުން ގުޅުމަށްފަހު އަހަރެން ބަލާ ނައީ ކީއްވެގެން ހެއްޔެވެ.؟“ މިހެން ބުނުމުން ބައްޕަ ބުންޏެވެ. ”އަހަރުން މަރީ ބަލާ ދާން މަސައްކަތް ކުރީމެވެ.ނަމަވެސް މަންމަ ރަގަޅުވިއިރު އަހަރުންގެ އަތުގައި އެއްވެސް ފައިސާއެއްނެތެވެ.އެހެންވެ ދަރުފުޅާ ކުރިމަތިލާނެ ގޮތެއް ނޭގިފައި ތިބީއެވެ.“
”އައިއޭމް ވެރީ ސޮރީ“ މިހެން ބުނަމުން ތުރުތުރު އަޅައަޅާ ހުރި އަތަކުން މަގޭ އަތުގަޔާއި ދަބަހުގަ މަންމަ އަތްކާއްތާލިއެވެ.އެއަށްފަހު މަގޭ އިގިލި ތަކުގަ ހިފަހައްޓާލައިގެން އިނެވެ.އަދި ބުންޏެވެ. ”އަހަރުން ދާން ބޭނުންވިއެވެ.ނަމަވެސް އަހަރުން ނެތިއްޔާ މަރީޔަށް މާރަގަޅުވާނެ ކަމަށް ދެކި މަޑު ކުރީއެވެ“ އެވަގުތު އަހަރެންގެ ލޯ ކަރުނުން ފުރިގެން ދިޔައެވެ.އަދި އެދައްކާ ވާހަކަ ގަބޫލުކުރަންވެސް ކޮންމެވެސް ވަރަކަށް ބޭނުންވިއެވެ.
އަހަރެންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރެސްޓޯރަންޓް ދޮރުމަތީ ހަލަބޮލިކަމެއް ހިނގާތީ އެދިމާލަށް ބަލާލީމެވެ.އެވަގުތު އަހަރުން ތިބި ދިމާލަށް ދެ ފުލުސް އޮފިސަރުން އަންނަތަން ފެނުނެވެ. އަނެއްކާ ކިހިނެއް ވީބާވައެވެ؟އަހަރުމެން ބަލަންތިއްބާ އެދެމީހުން އައިސް ބެޖް ދެއްކުމަށް އެތަނުން އެކަކު ތިޔައީ އަހުމަދު ސަލީމް ގެ ދެމަފިރިންތޯ ސުވާލު ކުރިއެވެ.އެވަގުތު މަންމައާއި ބައްޕަ ބިރުގަނެފަ ތިބި ޒާތަކަށް އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.އަދި ބައްޕަ ބުންޏެވެ. ”އާއެކެވެ. ވީ ކިހިނެއްތޯއެވެ.“ މިހެން ބުނުމުން އިސްކޮން ހުރި ފުލުސް މީހާ ބުންޏެވެ. ”އެތައްބޮޑެތި ވައްކަން ތަކަކާ އެފަދަ އެހެން ޖަރީމާތައް ހިންގި ކަމުގެ ކުށުގައި ތިޔަ ދެމީހުން މިހައްޔަރު ކުރީއެވެ.“
އަހަރެންނާ ދިމާއަށް ބަލާލުމަށްފަހު އޭނަ ތަންކޮޅެއް އޯގާތެރި ރާގެއްގައި ބުންނެވެ. ”އަހަރުމެން ދުރުގަ ބަލަން ތިބިވަގުތު މިއަންހެންމީހާ ކަލޭގެ ދަބަހުން އެއްޗެއް ނަގާތީ ދުށީމެވެ.އަޅެ ދަބަސް ޗެކް ކޮށްލަބަލާށެވެ.“ ދެންހުރި އަންހެން ޕޮލިސް މަންމަ ކަރިޔަށް ޖެހިލުމަށްފަހު މަންމަގެ އަތްދަބަސް ކުއްލިއަކަށް ހުޅުވާ ބަލާލިއިރު އޭގައި އަހަރެންގެ ފައިސާ ދަބަސް އޮތެވެ. އަހަރެންގެ ބަނޑު ކެކިއަރައިގަތެވެ.ހަގީގަތް އެނގުމުންނެވެ.އެމީހުން އަހަރެންދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަމެވެ. ބަލިވި ކަމުގެ ވާހަކައަކީވެސް އަހަރެނެގެ އަތުންވެސް ވައްކަން ކުރުމަށް އަހަރެން އެމީހުންގެ ގާތަށް ގެނައުމަށް ދެއްކި ދޮގު ވާހަކައެއްކަން އިހުސާސް ވުމުންނެވެ.
އަހަރެން އެވަގުތު ބުނީމެވެ. ”ފުލުހުންނަށް އޮޅުނީ ކަންނޭނގެއެވެ.މިއީ އަހަރެންގެ މަންމައާއި ބައްޕައެވެ.“ މިހެން ބުނުމުން ފުލުހުންގެ ދެމީހުން އެކަކު އަނެކަކާ ދިމާލަށް ބަލާލުމަށްފަހު ބުންނެވެ.“މާފް ކުރާށެވެ. ތިޔައީ ވަރަށް ކުޅަދާނަ ”ކޮން“ އާޓިސްޓުންނެވެ.އެހެން ގޮތަކަށް ބުނާނަމަ މަކަރާ ހީލަތުން އަދި ވައްކަން ކޮށްގެން ފައިސާ އެއްކުރަމުން އުޅޭ ދެމީހުންނެވެ.ވައްކަން ކޮށްގެން ހޯދާ ފައިސާއިން އެމީހުން އުޅެމުން ގެންގެންދަނީ ވަރަށް މުއްސަނދި ދިރިއުޅުމެކެވެ.ތިޔަ ދެމީހުންނަށް ފުލުހުން ފާރަލަމުން ގެންދާތާމިހާރު އެތައް މަހެއް ވެއްޖެއެވެ.“
އަތުގަ ބިޑި އަޅުވަމުން ދިޔައިރު ”ތިޔައީ ދޮގެކޭ އަހަރުން އެފަދަ ކަމެއް ނުކުރަމޭ“ ކިޔާ ބައްޕަ ހަޅޭއްލަވަމުން ގެންދިޔައެވެ.
ފުލުހުން އެދެމީހުން ގޮވައިގެން ދިޔައިރު އަހަރެން މުޅިމީހާ ތުރުތުރު އަޅައެވެ.އަހަރެންގެ ހިތްވަނީ ކުދިކުދި ވެފައެވެ. ކޮންމެވެސް ދުވަހަކުން މައިންބަފައިން ހޯދުމަށް އަހަރެން ކުރަމުން އައި ހުރިހާ އުންމީދެއް ތެޅި ކުދިކުދިވެގެން އަހަރެންގެ ފައިކައިރިޔަށް ވަނީ ފައިބާފައެވެ.
އެވަގުތު އައިޝާ ދުވެފަ އައިސް އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ.އަދި އަހަރެންގެ ހިތާމައިގައި ބައިވެރިވިއެވެ. އަހަރެން ބޭނުންވީ އެމީހުން އަހަރެން ދޫކޮށްލާފަ ދިޔަ ސަބަބު ބަލަން ކަމަށް އަހަރެން ރޮމުން ރޮމުން ބުނީމެވެ. އަހަރެން ބޭނުންވި ”ޖަވާބު“ މިވީ ބިރުވެރި ހުވަފެނަކަށެވެ.
ރޮމުން ރޮމުން އަހަރެން ވާހަކަ ދެއްކިއިރު އޭނަ އަހަރެންގެ ގައިގައި ފިރުމަމުން ގެންދިޔައެވެ.
ދެމީހުން ބަލަން ތިއްބާ ފުލުހުންނާއެކު އެދެމީހުން ރޭގަނޑުގެ އަނދިރި ގަނޑުގެތެރެޔަށް ގޮސް ގެއްލިއްޖެއެވެ. މީގެ 20 އަހަރު ކުރިންވެސް ގެއްލުނު ގޮތަށެވެ.
މި ހާދިސާއަށްފަހު އަހަރުން ނިންމީ ޗުއްޓީވެސް ކުރުކޮށްލުމަށްފަހު އަވަހަށް ގެޔަށް ދިއުމަށެވެ. ގެޔަށް ދެވުމުން އަހަރެންގެ ވާހަކަތައް އަހާފަ މާމައާއި ކާފަވެސް ތިބީ ވަރަށް ބޮޑަށް ހައިރާންވެފައެވެ.އަދި ބުންޏެވެ.“އެކަމާ އެއްގޮތަކަށްވެސް ދެން ނުވިސްނާށެވެ. އެކަހަލަ މައިން ބަފައިން ނެތިއްޔާ މާރަނގަޅުވާނެއެވެ.“