ޑަބަލް ސަޕްރައިޒް

Loading

Facebook
Twitter
WhatsApp

އަހަރެންގެ ނަމަކީ މަރީއެވެ.

އާދައިގެ މަތިން ގޭތެރޭގެ ކަންތައް ނިންމާލުމަށްފަހު ފެންވަރާލާ ރީތިވެގެން އަހަރެން އެދުވަހުވެސް ގްރޯސަރީ ސްޓޯއަށް ދިޔައިމެވެ. މިރެއަކީ އަހަރުމެންގެ ކައިވެންޏަށް ދިހަ އަހަރުފުރޭ ރެޔަށްވާތީ ފިރިމީހާ އަހުމަދަށް ކަމުދާ ބައެއްކަހަލަ ތަކެއްޗާ ރަނގަޅު ހަދިޔާ އެއް ގަނެލުމަށް ގަސްތުކޮށްގެންނެވެ.

ފިހާރަޔަށްވަދެ އޭނަޔަށް ކަމުދާ ބައެއްކަހަލަ ޖޭމާއި އިމްޕޯޓް ކޮށްފައިވާ ޕާން އަދި ބައެއް މޭވާ ނަގައިގެން އެހެން ދިމާލަކަށް ދަނިކޮން އަހަރެންނަށް ފިރިމީހާގެ ޓެކްސްޓް މެސެޖެއް ލިބުނެވެ.އޮފީހުގައި މަސައްކަތުގައި ތާށިވެފައިވާ ކަމަށާ ގެޔަށް ދެވޭލެއް ތަންކޮޅެއް ލަސްވާނެ ކަމަށް ބުނެފަވެއެވެ. އަހަރެން ވަރަށް ދެރަ ވިއެވެ. ޚާއްސަކޮށް މިރޭ އަވަހަށް ނާދެވޭނެ ކަމަށް ބުނީތީއެވެ.ނަމަވެސް އެހެން ގޮތެއް ނޯންނާނެތާއެވެ. ފޯނުއަނބުރާ ދަބަހަށް ލުމަށް ފަހު ކުރިޔަށް ހިގައިގަތްތަނާ އަހަރެންނަށް ފެނުނީ އެފިހާރައިގެ ކައުންޓަރު ކިއުގައި އަހުމަދު ހުއްޓައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.އަދި ހިތުގައި އެތައް ބައިވަރު ސުވާލު އުފެދިގެން  ދިޔައެވެ.އަހަމަދު އަހަރެންނަށް ދޮގުހަދަންވީ ކީއްކުރަންހެއްޔެވެ؟އޮފީހުގަ ތާށިވެފައިވާ ކަމަށް ބުނެފަ މިތާ ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ގޯހެއް އުޅެނީ ހެއްޔެވެ؟އެހެންނަމަ އަހަރެންނަށް އެކަން އިގެންވީ މިއަދު އެންމެ އުފާވެރި ދުވަހު ހެއްޔެވެ؟

އަހަރެން ގަސްތުކުރީ އަހުމަދަށް ނުފެންނާށެވެ. އަދި ބިލް ދައްކާ ނިމުމަށްފަހު އަހުމަދު ނިކުމެގެން ދާތަނެއް ބެލުމަށް ފަހަތުން ދިއުމަށް އަހަރެން ގަސްތު ކުރީމެވެ.

ބިލް ދައްކާ ނިމުމަށްފަހު ކޮތަޅުތައް ނަގައިގެން ދާން އަހުމަދު ހިނގައިގަތް ތަނާ ކުއްލިއަކަށް އަންހެނަކު އައިސް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައިފިއެވެ. ރަގަޅަށް ބަލާލިއިރު އަހަރެންނަށް ލިބުނީ ޝޮކެކެވެ. އެއަންހެނަކީ އަހަރެންގެ އަމިއްލަ މަންމަ އެވެ. އެމިހުންތިބީ އަހަރެންނަށް ފުރަގަސްދީގެން ކަމުން އެމީހުންނަކަށް އަހަރެންނެއް ނުފެނެއެވެ.

ދެމިހުން ވަރަށް އުފަލުން އެކަކު އަނެކަކުގެ މޫނަށްބަލާ ހެމުން ހިނގާފަ ގޮސް ކާރުގެ ފަހަތު ސީޓަށް ކޮތަޅުތައް އެޅުމަށްފަހު ކާރަށް އަރާ ދުއްވާލައިފިއެވެ.

އަހަރެންގެ ދުނިޔެ އެނބުރެން ފަށައިފިއެވެ.އަހަރެންގެ އަމިއްލަ މަންމަޔާއެކު އަހުމަދު ސިއްރު ލޯބީގެ ގުޅުމެއް ހިންގަފާނެ ހެއްޔެވެ؟ އެއްގޮތަކަށްވެސް ނޭނގެއެވެ.މިއޮތީ ވާ ޒަމާނެއް ވިއްޔާއެވެ.

އަހަރެންވެސް އަވަސް އަވަހަށް ނިކުމެ އަމިއްލަ ކާރުގައި އަހުމަދުގެ ކާރުގެ ފަހަތުން ދުއްވަން ފަށައިފީމެވެ. އަހުމަދުގެ ކާރުގޮސް މަޑުކުރީ މަންމަމެންގޭ ކައިރިއަށެވެ.އަދި ދެމީހުން ކޮތަޅުތައް ނަގައިގެން ހެމުން ހެމުން ވަދެގެން ހިނގައްޖެއެވެ.

އަހަރެން ހަދާނެ ގޮތެއް ނޭނިފައި ހުންގާނުގައި ބާރަށް ހިހައްޓާލައިގެން އިނީމެވެ. އެގޮތަށް އެތައް އިރަކު އިނުމަށްފަހު އެންމެ ފަހުން ނިންމީ ގޮސް އެމީހުންނާ ކުރިމަތި ލުމަށެވެ.

އަހަރެން ލަސްހިނގުމެއްގައި ހިނގާފައިގޮސް މަންމަމެންގޭ ދޮރުގައި ޓަކިނުވެސް ޖަހަނީސް ކުއްލިއަކަށް ދޮރު ހުޅުވާލައިފިއެވެ.އަދި އެންމެން އެއްއަޑަކަށް ”ސަޕްރައިޒް!!“ އޭކިޔާފަ ހަޅޭއްލަވައިގަތެވެ. އޭރު އެގޭތެރޭގައި މަންމައާއި ބައްޕަގެ އިތުރުން އަހަރެންގެ އާއިލާގެ ބައެއްމީހުންނާ އަހުމަދުގެ އާއިލާގެ ބައެއް މިހުން ހެވިފައި އަތްތިލަބަޑި ތަޅަން ތިއްބެވެ. ގޭތެރެވަނީ ބޮކިފަތިދަމާ ޒީނަތްތެރި ކޮށްފައެވެ.އަދި ކާމޭޒުމަތީގައި ބޮޑު ކޭކަކާ ބާވަތް ބާވަތު ކާތަކެއްޗާ ބުއިންތައް އަތުރާފައި ހުއްޓެވެ.

އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ. އަހުމަދާމެދު އެފަދަ ހުތުރު ގޮތަކަށް ހީކުރެވުނީތީއެވެ. އެވަގުތު އަހުމަދު ވާހަކަ ދައްކަން ފެށިއެވެ. ”އަހަރުމެންގެ ކައިވެނީގެ އަހަރީ ދުވަސް އުފާވެރިގޮތަކަށް ފާހަގަ ކުރަން ގަސްތުކޮށް އެވާހަކަ މަންމަ ކައިރީ ބުނުމުން އެގޭގައި ބާއްވާފަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެގެޔަށް މަރީ ގެންދާގޮތަށް ހިޔާލުދިނީ މަންމައެވެ.މަންމަގެ އެހީއާ އެކު މެނުވީ މިކަން މިހާ ފުރިހަމަކޮން ނުބޭއްވުނީހެވެ.“

”ފަހުވަގުތު ބޭނުންވި ބައެއް ސާމާނުގަތުމަށް އަހަރުމެން ފިހާރަޔަށް ދިޔަތަނާ އަހަރެންނަށް މަރީ ފެނިގެން އެވާހަކަ މަންމަ ކައިރީ ބުނުމުން އެނިވަސަރީ އިތުރަށް މަޖާކޮށްލުމަށް ހިޔާލުދިނީ މަންމައެވެ.ލަސްވާނެ ކަމަށް ބުނެ މެސެޖް ކުރުމަށާ އަދި މަރީ އަށް ނުފެނި ދެމީހުން ދެލޯބިވެރިންނަށް ވެގެން ނިކުތުމަށް މަންމަ ހިޔާލުދިނެވެ. މިގޮތަށް ނިކުމެގެން އައިއިރު އަހަރުންގެ ފަހަތުން ކަހަލަ ގޮތަކަށް މަރީވެސް އަންނަތަން އަހަރުންނަށް ފެނުނެވެ. ޓަކި ނުޖަހަނީސް ދޮރުހުޅުވަން އެނގުނީ ޓަކިޖަހާނެ ވަގުތަކަށް އިންތިޒާރު ކޮށްގެން ތިބީމައެވެ.“ އެވަގުތު އެންމެން އެއްފަހަރާ ހެން ވާހަކަ ދައްކަން ފެށިއެވެ.އަދި ހަދިޔާދިނުމުގެ ބުރެއް ކުރިޔަށް ގެންގޮސް އެންމެން   އެއްކޮން ހެމުން މަޖާކުރަމުން ކާން ފަށަފިއެވެ.

އަހަރެން ބުނާނެ އެއްޗެއްވެސް ނޭނގިފައި ހުރީމެވެ.އަހުމަދާ ދިމާލަށް ބަލާލަންވެސް ހުރީ ލަދުންނެވެ. ހަމަ އެއާއި އެކު ވަރަށް އުފާވެސް ވިއެވެ. އަހަރުމެންގެ އެނިވަސަރީ މިހާ އުފާވެރިކޮން ފާހަގަ ކޮށްދިނީތީއެވެ.ޑަބަލް ސަޕްރައިޒް އެއްދިނީތީ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް