އެންމެ ބޮޑު ”ހަކާ“ގެ ދުނިޔޭގެ ރެކޯޑް ނިއުޒީލެންޑުން އަލުން ހޯދައިފި އެވެ. މި ރިކޯޑާއެކު އެ ޤައުމުން ވަނީ 2014 ވަނަ އަހަރުން ފެށިގެން ފްރާންސް އިން ގާއިމުކޮށްފައިވާ ރެކޯޑް ފަހަތަށް ޖައްސާލާފައެވެ.
ހަކާ އަކީ ނިއުޒީލެންޑް ދަރިކޮޅުގެ މީހުން ކަމަށްވާ މައޯރީންގެ ގަދީމީ ނެށުމެކެވެ.
އެގޮތުން މި ހަރަކާތުގައި 6،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، މީގެ ކުރިން ފްރާންސްގައި މީގެ ދިހަ އަހަރު ކުރިން ހެދި ރެކޯޑް ވަނީ ފަހަތައް ޖައްސާލާފައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން އެތައް ހާސް ބަޔަކު ޝައުގުވެރިކަމާއެކު މި އިވެންޓްގައި ވަނީ ހަކާގައި ބައިވެރިވެފައެވެ.
ބައިވެރިންގެ ގްރޫޕުން ވަނީ ބައިނަލްއަގްވާމީ ގޮތުން އެންމެ ފާހަގަކޮށްލެވޭ ވަރޝަން އަދި އެ ގައުމުގެ އޯލް ބްލެކްސް ރަގްބީ ޓީމުތަކަށް ކަމުދާ ”ކާ މޭޓް“ ހަކާ ދައްކާފައެވެ.
ހަމަ ޔަގީނުންވެސް މިޒަމާނުގައި މި ހަކާ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ރަގްބީ މެޗުތަކުގެ ކުރިން ނިއުޒީލެންޑްގެ އޯލް ބްލެކްސް އިން މި ހަކާ ކުޅޭތީއެވެ.
ގިނަ ބައިވެރިން މި ރެކޯޑް ތަމްސީލު ކޮށްފައި ވަނީ މައޯރީގެ ފަޚުރެއް ކަމަށް ދެކިގެންނެވެ.
މިދިޔަ އާދީއްތަ ދުވަހު އޯކްލޭންޑްގެ އީޑަން ޕާކް ސްޓޭޑިއަމްގައި 6،531 މީހުން އެއްވެ ސަގާފީ މައޯރީ ނެށުން ދައްކާފައި ވެއެވެ. މި އަދަދަށް ބައިވެރިވުމާއެކު އެމީހުން ވަނީ ކުރިން 4،028 މީހުންގެ ރެކޯޑް ފަހަނައަޅައި ގޮސްފައެވެ
ދިހަހާސް މީހުން މި އިވެންޓުގައި ބައިވެރިވާނެ ކަމަށް އިންތިޒާމްކުރި ފަރާތްތަކުން އުންމީދުކުރި ނަމަވެސް، ފައިނަލް އަދަދަކީ ދުނިޔޭގެ އާ ރެކޯޑެއް ގާއިމް ކުރަން ފުދޭ އަދަދެކެވެ. ގިނިސް ވޯލްޑް ރެކޯޑްސްގެ ފަނޑިޔާރެއް ކަމަށްވާ ބްރައިއަން ސޮބެލް ވަނީ ރަސްމީކޮށް މި އިވެންޓްގައި ބައިވެރިވި ފަރާތްތައް ގުނާ އެ ޖަމިއްޔާގެ ވެބްސައިޓަށް ވެސް އިތުރުކޮށްފައެވެ.
ރެކޯޑް މުގުރާލުމުގެ އިތުރުން މި އިވެންޓުގެ ޗެރިޓަބަލް އަމާޒެއް ވެސް އޮތް އިރު، އެ އިވެންޓުގެ އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިއުޒިކް ތެރަޕީ ފޯރުކޮށްދޭ ފައުންޑޭޝަނަކަށް ފައިސާވެސް ހޯދާދީފައެވެ.
ނިއުޒިލެންޑްގެ މި ގަދީމީ ނެށުން ޒިޔާރަތްކުރާ ޤަބީލާތަކަށް މަރުޙަބާ ކިޔުމަށާއި ހަނގުރާމަ ވެރިން ހަނގުރާމައަށް ތައްޔާރު ކުރުމަށާއި ކުޅިވަރު މުބާރާތްތަކާއި، ޖަނާޒާތަކާއި، ކައިވެނިތަކާއި، ގްރެޖުއޭޝަން ފަދަ ތަފާތު މުހިންމު ރަސްމިއްޔާތުތުތަކުގައި ބޭނުންކުރެއެވެ.